ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ސެޕްޓެމްބަރު ހަތެއްގައި ބޭއްވި ރިޔާސީ އިންތިހާބަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެހެން ހުރިހާ އިންތިހާބަކަށް ވުރެ ދެފުށް ފެންނަ، އިންސާފުވެރި އިންތިހާބެއް ކަމަށާއި އެ އިންތިހާބު ސުޕްރީމް ކޯޓުން ބާތިލްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކެމްޕޭނަށް ފ. ބިލެތްދު އަށް ވަޑައިގެން އެމްޑީޕީގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރައްޔިތުން ބަލަން ތިއްބައި ވޯޓުގެ ކަންކަން ދިޔައީ އިންސާފުވެރިކަމާ އެކުގައި ކަމަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ 30 އަހަރުގެ ވެރިކަމުގައި ވޯޓުގެ ކަންކަން ކުރިއަށް ގެންދިޔަގޮތާއި ސެޕްޓެމްބަރު ހަތެއްގައި ވޯޓު ގެންދިޔަ ގޮތް ވަރަށް ތަފާތު ކަމަށާއި މިފަހަރު ވޯޓުގައި އޮޅުވާލުމެއް ނެތް ކަން ރައްޔިތުންނަށް ސާފުވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން ވޯޓު ބާތިލްކުރަންވީ މިއަދުތޯ ނުވަތަ އެ ދުވަހުތޯ ސުވާލު އުފެދޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"މި އިންތިހާބު ބާތިލްކުރަންވީ އެއްވެސް ސަބަބެއް ނެތް. އެހެން ނަމަވެސް އެ ބޭފުޅުންގެ ނާޖާއިޒު އަމަލުތަކުން މި އިންތިހާބު މިއޮތީ ބާތިލްކޮށްފައި،" ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިންސާފުވެރިކަމާ އެކު ދިޔަ އިންތިހާބެއް ބާތިލްކުރުމުން ރައްޔިތުންނަށް ސާފުވެގެން ދަނީ ފަނޑިޔާރުގެ އަކީ ރައްޔިތުންނަށް އިންސާފުހޯދައިދެވޭނެ ތަނެއް ނޫން ކަމަށެވެ. ރައްޔިތުންނަށް ފެނިގެން ބޭއްވި އިންތިހާބު ސުޕްރީމް ކޯޓުގައި ނަޒާހަތްތެރިކަން ގެއްލިފައި ތިބި ފަނޑިޔާރުންތަކެއް "އެހެން ގޮތަކަށް ނިންމެވުމުން" ރާއްޖޭގައި އިންސާފާއި އުސޫލް ގާއިމްކުރެވޭ ގޮތް އެނގޭ ކަމަށް ވެސް ވިދާޅުވި އެވެ.
ސިޔާސީ ވާދަވެރިން އިންތިހާބު ބާއްވަން ބޭނުން ނުވިއަސް އިންތިހާބުގެ ތާރީހެއް ކަނޑައެޅިގެން ދިޔައީ ޒުވާނުންނާއި ރައްޔިތުން ކުރި އިހްތިޖާޖުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 95،000 އަށް ވުރެ ގިނަ ވޯޓު އެ ޕާޓީން ހޯދާފައިވާއިރު ޑިއާރުޕީ އާއި އެމްޑީޕީ ގުޅުމުން އިތުރަށް 50،000 ވޯޓު ލިބި ޖުމްލަ 150،000 ވޯޓާއެކު އިންތިހާބު އެއްބުރުން ކާމިޔާބުކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. ޑީއާރުޕީގެ ލީޑަރު ތަސްމީން އަލީ ރައީސް ވަހީދާ އެކު ނުކުންނެވުމުން 10،000 ވޯޓު ލިބުނަސް އެމްޑީޕީއާ އެކު ނުކުތުމުން ލިބޭ ވޯޓުގެ އަދަދު ގިނަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެ ޖަލްސާގައި ނަޝީދު ވަނީ އެ ޕާޓީގެ މެނިފެސްޓޯގެ ވައުދުތައް ތަކުރާރުކުރައްވައިފަ އެވެ. މެނިފެސްޓޯގައި ހުރި ސިޔާސަތުތަކުގެ ތެރެއިން މެރިކަލްޗާ ވިޔަފާރި އަކީ ބިލެތްދޫ އަށް ވަރަށް ފައިދާކުރާނެ ސިޔާސަތެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީ އަކީ ވައުދުތައް ފުއްދާ ޕާޓީއެއްކަން އެ ޕާޓީގެ ތިން އަހަރުގެ ސަރުކާރުގައި ވަނީ ވަރަށް ބޮޑަށް ސާފުވެފަ އެވެ. އަދި ވިދާޅުވީ ނިކަމެތިންނާ އަޅައި ނުލައި ތަރައްގީއެއް ހޯދައެއް ނުދެވޭނެ ކަމަށާއި އެމްޑީޕީގެ އަބަދުވެސް އަމާޒަކީ ރައްޔިތުންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދެއްވުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
އިންތިހާބު ސުޕްރީމް ކޯޓުން ބާތިލްކުރަންވީ އެއްވެސް ސަބަބެއް ނެތް: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ