ޒަރޫރީ ކަންކަން 1.5 ބިލިއަން ރުފިޔާގެ ސްކީމެއް ތައާރަފްކުރާނަން: ގާސިމް

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ޒަރޫރީ ގިނަ ކަންތައްތަކަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 1.5 ބިލިއަން ރުފިޔާގެ ސްކީމެއް ޖުމްހޫރީ ޕާޓީގެ ސަރުކާރެއްގައި ތައާރަފް ކުރައްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ގާސިމް ވިދާޅުވީ "ފަރުދީ ވައުދު" ގެ ނަމުގައި ސްކީމެއް ހިންގަން ވިސްނަވާފައިވާ ކަމަށެވެ. އަދި ވެރިކަމުގެ ފުރަތަމަ އަހަރު އެ ސްކީމް ތައާރަފު ކުރައްވާނެ ކަމަށާއި އެކަން ކުރައްވާނީ ހާއްސަ ގާނޫނެއްގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި "ފަރުދީ ވައުދު" ގެ ސްކީމުގައި 13 ކަމެއް ހިމެނެ އެވެ. އޭގެ ތެރޭގައި ގޭގެ ކުލިން ބައެއް ސަރުކާރުން ދިނުމާއި ރާއްޖެ އިން ބޭރުން ބޭސްފަރުވާ ދާއިމީ ގޮތަކަށް ކުރާނަމަ އެކަމަށް އެހީވެ ދިނުމާއި ޓިއުޝަން ފީ އާއި ކޯސް ފީ އާއި ސްކޫލް ފީ ފަދަ އެހީތައް ދިނުމާއި އަލަށް ގެދޮރު އެޅުމަށް އެޑްވާންސް ފައިސާ ދިނުމާއި ފެލްޓް ގަތުމަށް އެހީވެދިނުން ހިމެނެ އެވެ. މީގެ އިތުރުން ގެދޮރު ހަދައި ނިންމުމަށާއި ވިޔަފާރިއެއް ފެއްޓުމަށް އެހީވެ ދިނުމާއި ލޯނު ދިނުމާއި ލޯނާއި ދަރަނި އަދާކޮށްދިނުމަށް އެހީވެދިނުން ފަދަ ކަންކަން ސްކީމުގައި ހިމެނޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
އެކަންކަމުން ދައުލަތުގެ ބަޖެޓަށް އަންނާނެ ބުރަ ވަޒަން ކުރައްވާފައިވޭތޯ ސުވާލު ދެންނެވުމުން ގާސިމް ވިދާޅުވީ އެއްވެސް އުސޫލެއް ނެތި މިހާރު ދެމުންދާ ސަބްސިޑީން ވެސް ބަޖެޓަށް ބުރަ ބޮޑު ކަމަށެވެ. ނަމަވެސް ފަރުދީ ވައުދު ތައާރަފްކުރަނީ ރަނގަޅު އުސޫލެއް ދަށުން އަދި ދައުލަތުގެ އާމްދަނީ ވެސް އިތުރުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަންތައްތައް މިކަން ކުރުން މާ މުހިންމު މިކަން ނުކޮށް ތިބުމަށް ވުރެ،" ގާސިމް ވިދާޅުވި އެވެ.
މިހާރު ވެސް އަމިއްލަ ގޮތުން ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެއްވާ ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ދައުލަތުގެ އާމްދަނީ 20 ބިލިއަން ރުފިޔާ އަށް އިތުރު ކުރުމަށް ރާވާފައިވާ ކަމަށާއި އޭރުން ރައްޔިތުންނަށް ބޭނުންވާ ލުއި ފަސޭހަކަން ފޯރުކޮށްދެވޭނެ ކަމަށެވެ.
ފަރުދީ ވައުދުގެ ސްކީމް އަމާޒަކީ އެ ސްކީމް ތަރައްގީކޮށް، އިންވެސްޓްމެންޓް ބޭންކަކަށް ބަދަލުކޮށް، ތަރައްގީގެ ގިނަ ދާއިރާތަކަށް އެ ބޭންކުން އެހީތެރިކަން ފޯރުކޮށް ދިނުމަށް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އެ ސްކީމްގެ އިތުރުން ކަސްޓަމްސް މުވައްޒަފުންނަށް 300 ފްލެޓާއި ޑީޕީއާރުއެސްގެ މުވައްޒަފުންނަށް 300 ފްލެޓް އަދި އިމިގްރޭޝަންގެ މުވައްޒަފުންނަށް 200 ފްލެޓް ހުޅުމާލޭގައި އަޅައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ