ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެ މަގާމުން ދުރުކުރާނެ ކަމުގެ އިންޒާރު އެ ޕާޓީގެ ޕާމެންޓްރީ ގުރޫޕުގެ މެމްބަރަކު މިއަދު ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭ ގޮތުން ބޭއްވި ޕީޕީއެމް/އެމްޑީއޭގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ ނިއުސް ކޮންފަރެންސެއްގައި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވީ ޕީޕީއެމްގެ ރައީސްކަމުގައި މައުމޫން ހުންނެވީ، ރައީސް އަބްދުﷲ ޔާމީނަށް އެ ބޭފުޅުން ކުރައްވާ އިހުތިރާމެއްގެ ސަބަބުން ކަމަށެވެ.
"އަޅުގަނޑުމެންގެ ޕީޖީ ގުރޫޕާ ހަވާލުކުރި ނަމަ މިއަދު ޕީޕީއެމްގެ ރައީސް ކަމުގައި ރައީސް މައުމޫނަކަށް ނުހުންނެވޭނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދެން ފަށާނީ އެ މަސައްކަތް. ރައީސް މައުމޫން މިހާރު އެވަނީ ޕީޕީއެމްގެ ރައީސްކަމުން ދުރުކުރަން ޖެހިފައި. ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ މަސައްކަތް ކުރާނަން،" ފަލާހް ވިދާޅުވި އެވެ.
ޕީޕީއެމްގެ ރައީސްކަމުން މައުމޫން ވަކިކުރާނެ ކަމުގެ އިންޒާރު ފަލާހް ދެއްވިއިރު، މައުމޫނާއި އެމްޑީޕީ އާއި ޖޭޕީ އަދި އަދާލަތު ޕާޓީން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް އިއްޔެ ސޮއިކުރި އެއްބަސްވުމުގައި ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން މައުމޫން ވަނީ ސޮއިކުރައްވައިފަ އެވެ.
މި މައްސަލާގައި ޕީޕީއެމްގެ އިސްބޭފުޅުން ވިދާޅުވަނީ އެކަން އެމަނިކުފާނަށް ނުކުރެއްވޭނެ ކަމަށާއި އެފަދަ ކަމެއް ކުރެއްވޭނީ ޕާޓީގެ ކައުންސިލުން ފާސްކޮށްގެން ކަމަށެވެ. އެހެންވެ މައުމޫން ސޮއިކުރެއްވި އެއްބަސްވުމަކީ އުފެދުނުއިރު ވެސް ބާތިލް އެއްޗެއް ކަމަށް ޕީޕީއެމްގެ އިސްބޭފުޅުން ވިދާޅުވެ އެވެ.
މައުމޫނާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީ ގުޅިގެން ސަރުކާރާ ދެކޮޅަށް މިހާރު ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން، މިއަދުގެ ނިއުސް ކޮންފަރެންސްގައި ފަލާހް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ލައްވައި މާދަމާ ވެސް މި ސަރުކާރަށް ތާއީދުކޮށް ވާހަކަ ދެއްކުވިދާނެ ކަމަށެވެ. އަދި ގާސިމަކީ އަބަދުވެސް ޖާނާއި މުދަލަށްޓަކައި އުޅުއްވާ ބޭފުޅެއް ކަމުގެ ތުހުމަތު އޭނާ ކުރެއްވި އެވެ.
"ގާސިމް އިބްރާހިމަކީ އަޅުގަނޑުމެންނަށް އޮޅިފައިވާ ބޭފުޅެއް ނޫން. އެހެންވީމާ ގާސިމް އިބްރާހިމް ލައްވައި ދެ އަނގައިން ވާހަކަ ދެއްކުމަކީ އުނދަގޫ ކަމެއް ނޫން. އެއް އިރެއްގައި ރައީސް ނަޝީދު ކޮޅަށް. އަނެއް އިރެއްގައި ރައީސް މައުމޫން ކޮޅަށް. އަނެއް އިރެއްގައި ޔާމީން ކޮޅަށް. އަމިއްލަ ފައިދާއަށް ނޫން ގޮތަކަށް ގާސިމް އެއްވެސް މަސައްކަތެއް ނުކުރައްވާނެ،" ފަލާހް ވިދާޅުވި އެވެ.
މަސީހް މަގާމުން ވަކިކުރުމުގެ މައްސަލާގައި އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ހޯމަދުވަހުގެ ވޯޓުން ގިނަވެގެން ލިބޭނީ 12 ވޯޓު ކަމަށެވެ.
ދެން ފަށާނީ ޕީޕީއެމްގެ ރައީސްކަމުން މައުމޫން ދުރުކުރުމުގެ މަސައްކަތް: ފަލާހް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ