ހުޅުމާލޭގައި ހުރީ ސައްހަ ކޯޓެއް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ސައްހަ ކޯޓެއް ކަމަށް ސުޕްރީމް ކޯޓުގެ އެންމެ ކުޑަ އަޣުލަބިއްޔަތުން ކަނޑައަޅައި މިއަދު ހުކުމްކޮށްފި އެވެ.މި ހުކުމް އައީ ހުޅުމާލޭ ކޯޓުގެ ސައްހަކަމާ މެދު ސުވާލު އުފައްދަވައި ގާނޫނީ ވަކީލް އިސްމާއިލް ވިޝާމް ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން )ޖޭއެސްސީ( ގެ އެދުމުގެ މަތިން ސުޕްރީމް ކޯޓަށް ނަގާ އެ މައްސަލަ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން ބެލުމަށް ފަހުގަ އެވެ.މި މައްސަލާގައި ހަތް ފަނޑިޔާރުންގެ މެދުގައި ވަނީ ރައުޔު ތަފާތުވެފަ އެވެ. އެގޮތުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު އަދި ފަނޑިޔާރު އަބްދުﷲ އަރީފްގެ ރައުޔަކީ ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ނޫން ކަމެވެ. އެ ކޯޓު ސައްހަކަމަށް ރައުޔު ނެރުއްވީ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދު އަދި ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އެވެ.މީގެ ތެރެއިން ފަނޑިޔާރު އާދަމް މުހައްމަދަކީ ޖޭއެސްސީގެ ރައީސް އެވެ.އަޣުލަބިއްޔަތު ރައުޔު އިއްވަވަމުން ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ ހުޅުމާލެ އަކީ މީހުން ދިރިއުޅޭ، ވަކިން އޮތް ރަށަކަށް ވާއިރު އަދުލު އިންސާފު ހޯދުމުގައި އެހެން ރަށްތަކުގެ ރައްޔިތުންނާއި ހުޅުމާލޭ ރައްޔިތުން ތަފާތުކުރުމަކީ ހަމަހަމަކަމުގެ އުސޫލާ ޚިލާފް ކަމެއް ކަމަށެވެ. އަދި ކޯޓުތަކުގެ ގާނޫނަށް އަމަލުކުރަން ފަށާއިރު ރަށު ކޯޓުތަކުގެ ގޮތުގައި ހުރި ކޯޓުތައް މެޖިސްޓްރޭޓް ކޯޓުތަކަށް ބަދަލުވާނެ ކަމަށް އެ ގާނޫނުގައި ބުނެފައިވާއިރު އެ ގާނޫނަށް އަމަލުކުރަން ފެށިއިރު ހުޅުމާލޭ ކޯޓަކީ ރަށު ކޯޓެއްކަން އެނގޭ ކަމަށް ވިދާޅުވި އެވެ.އެހެންކަމުން ހުޅުމާލޭގައި ކޯޓެއް ހުންނަން ޖެހޭ ކަމަށް ޖޭއެސްސީން ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅާ ކަމަށް ފަނޑިޔާރު ސައީދު ވިދާޅުވި އެވެ.ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ނޫން ކަމަށް ރައުޔު ނެރުއްވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު މުއުތަސިމްގެ ރައުޔުގައި ހިމެނޭ ބައެއް ނުކުތާތައް ތަފާތެވެ. އެގޮތުން އޭނާގެ ރައުޔުގައި ވަނީ ހުޅުމާލޭ ކޯޓަށް ހުށަހަޅާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗާ މެދު ދެކެވަޑައިގަންނަވާ ގޮތް ވެސް ހިމަނުއްވާފަ އެވެ.ފަނޑިޔާރު މުއުތަސިމް ވިދާޅުވީ ހުޅުމާލޭ ކޯޓު އެންމެ ފުރަތަމަ އުފެދިފައިވަނީ މާލޭގައި ހުރި ކޯޓުތަކުގެ ގޮތްޕެއްގެ ގޮތުގައި ކަމަށާއި އެގޮތަށް ނިންމީ ކުރީގެ ގާނޫނު އަސާސީގެ ދުވަސްވަރު އޭރު ޖަސްޓިސް މިނިސްޓްރީގެ އެދުމަކަށް ރައީސް އޮފީހުގެ ހުއްދައެއްގެ ދަށުން ކަން އެނގޭ ކަމަށެވެ. އޭރު ކޯޓުތައް އުފެއްދުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ކަމަށް ވެސް ވިދާޅުވި އެވެ.ނަމަވެސް މިހާރުގެ ގާނޫނު އަސާސީ ބުނާ ގޮތުން ހުޅުމާލެ އަކީ މާލޭގެ ބައެއް ކަމަށް މާނަކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.ފަނޑިޔާރު މުއުތަސިމް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ދައުވާކުރާ މައްސަލަ ބަލަން ތިން ފަނޑިޔާރުންގެ ބެންޗެއް ޖޭއެސްސީން އެކުލަވާލި ނަމަވެސް މައްސަލައެއް ބަލާނެ ފަނޑިޔާރުންގެ ބެންޗު ކަނޑައެޅުމުގެ ބާރު ޖޭއެސްސީ އަށް ލިބިގެން ނުވާ ކަމަށެވެ. އަދި ހުޅުމާލޭ ކޯޓަކީ މެޖިސްޓްރޭޓް ކޯޓަކަށް ވާއިރު މެޖިސްޓްރޭޓް ކޯޓުގެ އެއްވެސް މައްސަލައެއް ބަލަން އެއް ފަނޑިޔާރުންނަށް ވުރެ ގިނަ ފަނޑިޔާރުންގެ މަޖިލީހެއް އެކުލަވާލެވޭނެ ކަމަށް ބުނާ އެއްވެސް އުސޫލެއް ނެތް ކަމަށް ވެސް ފަނޑިޔާރު މުއުތަސިމް ވިދާޅުވި އެވެ.އާންމު އުސޫލާ ހިލާފަށް ވަކި މައްސަލައެއް ބަލަން ވަކި ބެންޗެއް ކަނޑައަޅާ، ވަކި ކޯޓެއް އުފެއްދުމަކީ ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފް ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.އެ ހުރިހާ ނުކުތާތަކެއްގެ މައްޗަށް ބިނާކުރައްވާ މުއުތަސިމްގެ ރައުޔު ނެރުއްވީ ހުޅުމާލޭގައި ކޯޓެއް ހުންނަން ޖެހޭނެ ކަމަށް ޖޭއެސްސީން ނިންމި ނިންމުން ސައްހަ ނޫން ކަމަށް ވިދާޅުވެ އެވެ.އުއްތަމަ ފަނޑިޔާރު ފާއިޒު އާއި ފަނޑިޔާރު އަރީފްގެ ރައުޔުގައި ފާހަގަކުރައްވާފައިވަނީ އެއް ކަންތައްތަކެކެވެ. އަދި ފަނޑިޔާރުންގެ ބެންޗު ކަނޑައެޅުމާ ގުޅޭ ގޮތުން މުއުތަސިމް ފާހަގަކުރެއްވި ނުކުތާތައް ފިޔަވައި އެހެން ނުކުތާތައް މި ދެ ފަނޑިޔާރުންނާއި މުއުތަސިމްގެ ގާތްގަނޑަކަށް އެއްގޮތެވެ.ނަޝީދުގެ މައްސަލަ ބަލަން ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ބެންޗާ ގުޅޭ ގޮތުން އެހެން އެއްވެސް ފަނޑިޔާރަކު ރައުޔު ނެރުއްވާފައެއް ނުވެ އެވެ.ޖޭއެސްސީގެ ނިންމުމަކާ ބެހޭ މައްސަލައެއް ސުޕްރީމް ކޯޓުން ބަލާއިރު ބެންޗުގައި ޖޭއެސްސީގެ ރައީސް އިންނެވުމުން އެކަން އިޖުރާއީ ނުކުތާއެއްގެ ގޮތުގައި، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވި ވިޝާމްގެ ވަކީލް ޝަރީއަތުގައި ނެންގެވި އެވެ. އެ ނުކުތާއާ ބެހޭ ގޮތުން ފަނޑިޔާރު ސައީދު ވިދާޅުވީ ޖޭއެސްސީން ނިންމި ނިންމުމެއްގެ މައްސަލަ ބެލުމުގައި ޖޭއެސްސީގެ ރައީސްގެ މަގާމުގައި ހުންނެވި އެ ކޯޓުގެ ފަނޑިޔާރަކު ބައިވެރިނުވެވޭނެ ކަމަށް ބުނާ ގާނޫނީ އެއްވެސް އުސޫލެއް ނެތް ކަމަށެވެ.ހުޅުމާލޭ ކޯޓުގެ މައްސަލައިގެ ތެރެއަށް ނަޝީދުގެ ފަރާތްޕުޅުން ވަނީ ތަދައްޚުލްވެފަ އެވެ. ސަބަބަކީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ދައުވާކުރަނީ ހުޅުމާލޭ ކޯޓުގައި ކަމަށް ވާތީ އެވެ.ނަޝީދުގެ ޝަރީއަތުގައި އެމަނިކުފާނުގެ ވަކީލުން ވެސް ވަނީ ހުޅުމާލޭ ކޯޓުގެ ސައްހަކަމާ މެދު ސުވާލު އުފައްދައި އިޖްރާއީ ނުކުތާ ނަގައިފަ އެވެ. ނަމަވެސް އެ ނުކުތާތައް އެ ކޯޓުން ބަލައިނުގަތުމުން އެ މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. ނަމަވެސް ހުޅުމާލޭ ކޯޓުގެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން ފެށުމާ އެކު، ހައި ކޯޓުގައި އޮތް މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން ވަނީ އަންގައިފަ އެވެ.މިހާތަނަށް ސުޕްރީމް ކޯޓުން ބެލި ބޮޑެތި މައްސަލަތަކުގައި 4- 3 ގެ އަޣުލަބިއްޔަތުން ނިމިފައި ވަނީ ވަރަށް މަދު މައްސަލައެކެވެ. އޭގެ ތެރޭގައި ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ