މައްސަލަތައް ބަލައިނުގަންނާތީ ޕީޖީން ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވައިފި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމު ހުސްކޮށް އޮތް ނަމަވެސް ޕީޖީ އޮފީހުން ފޮނުވާ މައްސަލަތައް ބަލައިގަތުމަށް ސުޕްރީމް ކޯޓުން އަމުރު ނެރުމުން ވެސް ކްރިމިނަލް ކޯޓުން މައްސަލަތައް ބަލައިނުގަންނާތީ ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް މިއަދު ސިޓީއެއް ފޮނުވައިފި އެވެ.
ޕީޖީއަކު ނެތް ނަމަވެސް ޕީޖީން ފޮނުވާ މައްސަލަތައް ބަލައިގަތުމަށް ސުޕްރީމް ކޯޓުން އަމުރު ނެރުނީ މިދިޔަ ބުރާސްފަތި ދުވަހެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރު ނުލިބޭ ކަމަށް ބުނެ ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ޕީޖީން ފޮނުވި މައްސަލަތައް އަނބުރާ ފޮނުވާލައިފަ އެވެ. އަދި އެ އަމުރުގެ ކޮޕީއަކާ އެކު ޕީޖީން މިއަދު ފޮނުވި މައްސަލަތައް ވެސް އެ ކޯޓުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.
ޑެޕިއުޓީ ޕީޖީ ހުސައިން ޝަމީމް މިއަދު ވިދާޅުވީ އެ ސިޓީގައި އެދިފައިވާނީ މައްސަލަތައް ކްރިމިނަލް ކޯޓުން ބަލައިގަންނާނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ކަމަށެވެ.
" ރަސްމީކޮށް ލިޔުމުން ނާންގަންޏާ އެ ބޭފުޅުންނަކަށް ނޭނގޭނެ ދެއްތޯ، އެހެންވީމާ ރަސްމީކޮށް ލިޔުމުން މިއަދު މި ހުށަހެޅީ" ޝަމީމް ވިދާޅުވި އެވެ.
ޕީޖީއަކު ނެތުމުން ކްރިމިނަލް ކޯޓުން މައްސަލަތައް ބަލައިނުގަތް ނަމަވެސް އެހެން ދަށު ކޯޓުތަކާއި ހައި ކޯޓުން ވެސް ޕީޖީން ފޮނުވާ މައްސަލަތައް ބަލައިގަނެ އެވެ.
ޕީޖީގެ މަގާމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގާނޫނީ ވަކީލު މައުމޫން ހަމީދުގެ ނަން، ރައީސް ޔާމީން ވަނީ ރައްޔިތުން މަޖިލީހަށް ފޮނުއްވައިފަ އެވެ. ނަމަވެސް އަހަރު ނިމިގެން ދެ މަސްދުވަހުގެ ޗުއްޓީ އަށް މަޖިލީހުގެ ޖަލްސާތައް ހުއްޓާލާފައިވާ އިރު އެ ނަމާ މެދު މަޖިލީހުން ގޮތެއް ނިންމާފައެއްނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ