މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ކަންތައްތައް ހިނގި ގޮތަށް ބަލާއިރު ރައީސް މުހަންމަދު ވަހީދުގެ ސަރުކާރަށް ގާނޫނު ތަންފީޒު ކުރެވިދާނެ ކަމުގެ އުންމީދު މިހާރު ކަނޑާލާފައިވާ ކަމަށް އެ ސަރުކާރަށް ތާއީދުކުރާ ޕީޕީއެމްގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ "ފަސް މަންޒަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ގާނޫނު ތަންފީޒު ކުރައްވަން ވީމަ "ފަހަތު ފަޔަށް ބަރުވަނީ" ކަމަށާއި ގާނޫނު ތަންފީޒު ކުރަން "ނުކެރޭ" ކަމަށެވެ.
"އޭގެ ނަތީޖާއަކަށް މިވަނީ [ކުރީގެ ރައީސް] މުހަންމަދު ނަޝީދުމެން މަގުމައްޗަށް ނުކުމެ އަޅުގަނޑުމެންގެ އިގުތިސާދަށް ހުއްޓުން އެރުވުމަށްޓަކައި އެކިއެކި ކަންކަން ކޮށް ތަންތަނުގައި އަލިފާން ރޯކޮށް މީހުންގެ ގަޔަށް ވަޅި ހަރައި މީހުންގެ ގަޔަށް ވަޅި ހެރުމަށް ހިތްވަރުދީ، ހުދު މުހަންމަދު ނަޝީދު ނުކުންނަވައި ފުލުހުންނަށް އިންޒާރުދީ އެކަން ކުރުމާއި އެކަން ކުރުމަށް ހިތްވަރު ލިބިގެން މަގުމައްޗަށް ނުކުމެ ވައްކަން ކުރުމާއި މީހުންގެ ގަޔަށް ވަޅި ހެރުމާއި މީހުން މެރުން. މި ޗެއިން މި ދަނީ. ކޮންޓިނިއުއަސްކޮށް މި ޗެއިން މި ދާ ސަބަބަކީ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ގާނޫނު ތަންފީޒުކުރަން ނުކެރިގެން،" އުމަރު ވިދާޅުވި އެވެ.
ގާނޫނު ތަންފީޒު ކުރަން ދައުލަތުގެ އިސް ބޭފުޅުންނަށް ކެރިވަޑައި ނުގަންނަވަނީ ކީއްވެތޯ ޕްރެޒެންޓަރު ދެންނެވުމުން އޭނާ ވިދާޅުވީ އެއީ ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ދާ އޮހޮރުވި ފަރާތްތަކަށް ނުވާތީ ކަމަށެވެ. އެހެންވެ ނަޝީދުގެ "ކްރިމިނަލް ހަރަކާތްތައް" ހުއްޓުވާނެ ގޮތެއް އެ ބޭފުޅުންނަށް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ ރައީސް ވަހީދުގެ ސަރުކާރުން ނަޝީދާ މެދު ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމުގެ އުންމީދު މިހާރު ވަރަށް ބޮޑަށް ކެނޑިފައިވާ ކަމަށެވެ.
"އެހެންވީމަ އެ ބޭފުޅުންނަކީ ފިނިކުރި ކޮޓަރީގައި ތިއްބެވި ބޭފުޅުން. އެހެންވީމާ މި ބޭފުޅުންނަށް އެނގިވަޑައިނުގަންނަވަނީއޭ އަޅުގަނޑު ދަންނަވާނީ މިކަން ކުރާނެ ގޮތް. އެ ބޭފުޅުން ވެސް އުޅުއްވާ މިކަން ކުރެއްވޭތޯ،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނޮވެމްބަރު ،3 1988 ގެ އުދުވާނީ ހަމަލައިން ވެސް ދިވެހި ދައުލަތަށް ނުލިބޭހާ ބޮޑެތި ގެއްލުންތަކެއް މިދިޔަ ހައެއްކަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ލިބިއްޖެ ކަމަށެވެ. އެ ގޮތުން ތަންތަނުގައި އަލިފާން ރޯކުރުމާއި މީހުންގެ ގަޔަށް ވަޅި ހެރުމާއި ސިފައިންނާއި ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލައިގެން ދިވެހި ދައުލަތަށް ލިބުނު ގެއްލުން ވަރުގެ ބޮޑު ގެއްލުމެއް ދިވެހި ތާރީހުގައި ވެސް ރާއްޖެ އަށް ނުލިބޭ ކަމަށް އުމަރު ވިިދާޅުވި އެވެ.
"އެކަމަކު އަދި މިހާ ހިސާބަށް ކާކުގެ މައްޗަށްތޯ ހުކުމެއް އިއްވުނީ ހަ މަސް ވީއިރުގައި؟ އެންމެ މީހެއްގެ މައްޗަށް ވެސް ހުކުމެއް އިއްވިއްޖެތޯ މިވެނި ތަނެއްގައި އަލިފާން ރޯކުރި މައްސަލައެއްގައި؟ ހުކުމެއް ނީއްވޭ،" އޭނާ ވިދާޅުވި އެވެ. "ފުލުހުންގެ ގަޔަށް އެސިޑް ޖަހައި، ކޯންޗެއްތޯ ފުލުހުންނާ ދިމާލަށް ނުއުކަނީ؟ އެހެންވީމާ ފުލުހުންނާ ދިމާލަށް އެ ހުރިހާ ހަމަލާތައް ދެމުންދާއިރު ވެސް ފުލުހުންގެ ބެލެނިވެރިކަން ބަލަހައްޓަން ތިބި މީހުން، އެންމެ މަތީ މިނިސްޓަރުންނާއި އެ ބޭބޭފުޅުން އެ ތިއްބަވަނީ އެއާކޮންޑިޝަން ކޮޓަރީގައި އިއްތާލައިގެން. އެ ބޭފުޅުންނަކަށް މި ގާނޫނު ތަންފީޒުކޮށް އެމްޑީޕީގެ މި ގުންޑާ މަސައްކަތްތައް ހުއްޓުވައެއް ނުލެވުނު އެއްގޮތަކަށް ވެސް."
އޭނާ ވިދާޅުވީ ރައީސް ވަހީދުގެ ސަރުކާރުން ގާނޫނު ތަންފީޒު ކުރާނެ ކަމަށް އުންމީދު ކުރެއްވި ކަމަށެވެ. އެކަމަކު އެ އުންމީދު މިހާރު ގެއްލިއްޖެ ކަމަށާއި ބޭނުންވަނީ 2013 ގެ ރިޔާސީ އިންތިހާބު ޕީޕީއެމް ކާމިޔާބުކުރުން ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ޕީޕީއެމްގެ ވެރިކަމެއްގައި މަގުތައް އަމާންވާނެ ކަމަށާއި ތަންތަނުގައި އަލިފާން ރޯކޮށް، ގާ އުކައި ނެހެދޭނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ގާނޫނު ތަންފީޒު ކުރުމުގައި އިސްކޮށް ތިއްބެވި ބޭފުޅުން "މި ވަގުތުގެ ހާލަތަކަށް ނުފެތޭ" ކަމަށާއި މިއީ ވަރަށް އާދަޔާ ހިލާފު ހާލަތެއް ކަމަށެވެ.
"އެހެނެއް ނޫން ވަރަށް ކާމް ސީންއެއްގައި ހުރިހާ ކަމެއް ހަމަޖެހިފައި އޮންނަ ގައުމެއްގައި ފަހަރެއްގައި އެ ބޭފުޅުން ވެދާނެ ކަން ނޭނގޭ އެ ކަން ކުރެވޭ ބަޔަކަށް. އެކަމަކު މި ވަގުތުގައި މި އޮތް ހާލަތެއް އެ ބޭފުޅުންނަކަށް ކޮންޓްރޯލެއް ނުކުރެވުނު. ވޭތުވެދިޔަ ހަ މަސް ތެރޭގައި މި ހިނގާދިޔަ ހުރިހާ ކަންކަމަކަށް ބަލާފައި މިހާ ހިސާބަށް އެއްވެސް މީހެއްގެ މައްޗަށް ހުކުމް ނުނެރެއްވުނީމާ ދެން އަޅުގަނޑަށް ދަންނަވަން ޖެހޭނީ އެ ބޭފުޅުން ފޭލްވީއޭ،" އުމަރު ވިދާޅުވި އެވެ. "އިނގިރޭސިވިލާތުގެ މަގުމަތީގައި ހިނގި ރަޔަޓެއް. މި ރަޔަޓުގައި 200 މިލިއަން ޕައުންޑްގެ ގެއްލުން އިނގިރޭސި ދައުލަތަށް ވި. އެއް މަސް ދުވަސް ވީއިރު އޮތީ ހުކުމް އިއްވާ ނިމިފައި. ޖަލަށް ލާން ވާ އެންމެން ޖަލަށް ލައި ހުރިހާ ކަމެއް ކޮށްފައި އޮތީ. އަދި އިނގިރޭސިވިލާތުގެ ސްޕީޑްގައި އަޅުގަނޑުމެންނަށް އެކަން ނުކުރެވުނަސް ހަ މަހަކީ އަޅުގަނޑު ދަންނަވާނީ ވަރަށް ދިގު މުއްދަތެކޭ."
އޭނާ ވިދާޅުވީ ރައީސް ވަހީދު ސަރުކާރުން "ގިއަރު ބަދަލުކުރަން ޖެހޭ" ކަމަށާއި "އެއްވަނަ ގިއަރުގައި" ގައުމު ނުހިންގޭނެ ކަމަށެވެ.
މި ސަރުކާރާ މެދު އުންމީދު ކެނޑިއްޖެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ