އަބްދުﷲ ހަމީދުގެ ހަށިކޮޅު ރާއްޖެ ގެނެސް ރަސްމީ އިއްޒަތުގައި ފަސްދާނުލުމަށް ނިންމައިފި

އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި މިއަދު އަވަހާރަވި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ކުރީގެ އެޓޯލްސް މިނިސްޓަރު އަބްދުﷲ ހަމީދުގެ ހަށިކޮޅު ރާއްޖެ ގެނެސް ރަސްމީ އިއްޒަތުގައި ފަސްދާނުލުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނިންމަވައިފި އެވެ. ރައީސް އޮފީހުން ބުނީ، އަބްދުﷲ ހަމީދުގެ ހަށިކޮޅު ރާއްޖެ ގެނެސް ރަސްމީ އިއްޒަތުގައި ފަސްދާނުލުމަށް، ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ އިރު، ހަމީދު އަވަހާރަވުމުގެ ހިތާމާގައި މާދަމާއިން ފެށިގެން ހުކުރު ދުވަހާއި ހަމައަށް ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރާ ގޮތަށް ވެސް ރައީސް ޔާމީން ނިންމަވާފައިވާ ކަމަށެވެ. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިކަމުގެ ލަޤަބް އަރުވާފައިވާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމާއި، ވަޒީރު ކަމުގެ މަޤާމު، ދިގު މުއްދަތެއް ވަންދެން ފުރުއްވާފައިވާ އަބްދުﷲ ހަމީދު އަވަހާރަވީ މީގެ ތިން ދުވަސް ކުރިން ހާޓްއެޓޭކެއް ޖެހިގެން އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ. އަބްދުﷲ ހަމީދަކީ ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި އަތޮޅުތައް ބެލެހެއްޓެވި އެންމެ އިސް މޭސްތިރި ވެސްމެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ