މޫސުން ގޯސްވެ ރާއްޖެއިން ފުރަތަމަ ފަހަރަށް އޮރެންޖް ސަމާލު ނެރެފި

މޫސުން ގޯސްވެ ރާއްޖެއިން ފުރަތަމަ ފަހަރަށް އޮރެންޖް ސަމާލު ނެރެފި އެެވެ.
މެޓް އޮފީހުން ވަނީ ރާއްޖޭގެ މެދު ތެރެއާ އުތުރުގެ ހަތް އަތޮޅަކަށް އޮރެންޖް ސަމާލު ނެރެފައެވެ.
މީގެ ކުރިން ރާއްޖޭގައި މޫސުުން ގޯސްވެ އޮރެންޖް ސަމާލެއް ނެރެފައެއް ނުވެއެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު އޮރެޖް ސަމާލުގައި ބުނެފައި ވަނީ، ބ. އަތޮޅުން ފ.އަތޮޅާއި ދެމެދުގެ ރަށްތަކަށް އާއްމު ވައި 34 މޭލާއި 40 މޭލު ބާރުމިނުގައި ހުންނާނެ ކަމަށާއި، ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ.
މެޓް އޮފީހުން ވަނީ ހުޅަނގު މޫސުމުގެ ވިއްސާރައާ އެކު، ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް، މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. އަދި ވިއްސާރާގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ އިތުރުން ދެކުނާއި މެދުރާއްޖެތެރޭގައި ވައިގަދަވެ، ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ..
އަދި ދިޔަވަރު ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން ވެސް އެކަށީގެންވާ ކަމަށާއި، އާންމުކޮށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުމާ ގުޅިގެން ނެރޭ އެލާޓްތައް:
ހުދު ސަމާލު: މި ސަމާލުގެ މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ހުދު ސަމާލު ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.
ރީނދޫ ސަމާލު: މި ސަމާލުގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. މި ސަމާލުގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. މި ސަމާލު ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.
ރަތް ސަމާލު: މި ސަމާލުގެ މުއްދަތުގައި ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ. ކަނޑު ދަތުރުފަތުރު ކުރުމަކީ މި ސަމާލުގެމުއްދަތުގައި ކޮށްގެންވާނެކަމެއް ނޫނެވެ. ކޮޅިގަނޑެއްގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގައިފާނެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިޔުމަކީ މުހިއްމުކަމެކެވެ. މި ސަމާލު ނެރުމާއެކު ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް ތިއްބަވާނީ ދިމާވެދާނެ ޙާދިސާއަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.
ފެހި ސަމާލު: މިއީ މޫސުން އާންމު ގޮތެއްގައި ރަނގަޅުނަމަ ނެރޭ ސަމާލެކެވެ. މި ސަމާލު ނެރުމުން އާންމު ޙާލަތަށް ރުޖޫޢަވީއެވެ.
ރާއްޖޭގެ މޫސުން ގޯސްވެފައި ވާތީ ކަމާއި ބެހޭ އިދާރާތަކުން ދަނީ މޫސުމަށް ސަމާލުވެ ތިބުމަށް ނަސޭހަތްތެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ