މެމްބަރު އާޒިމް ހައްޔަރުކޮށްފި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބާއްވާނެ ތާރީހެއް ދިނުމަށް ގޮވާލައި އެމްޑީޕީން މިރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމް ހައްޔަރުކޮށްފި އެވެ.ފަރީދީމަގުން އެފްޑީއައި ކައިރީގައި ބޭއްވި މި މުޒާހަރާ ރޫޅާލުމަށްޓަކައި ދަންވަރު 12 ޖަހާކަންހާއިރު ތަކުރާރުކޮށް އިންޒާރު ދިނުމަށް ފަހު އާޒިމް ހައްޔަރުކުރީ މައިކުން ވާހަކަ ދައްކަވަން ޕިކަޕުގައި ހުންނަވަނިކޮށެވެ. އާޒިމް ހައްޔަރުކުރުމުގެ ކުރިން، އަޑުގަދަ ކުރުން ހުއްޓާލުމަށް ތަކުރާރުކޮށް ފުލުހުން އިންޒާރު ދިނެވެ. އެހެން ނަމަވެސް އާޒިމް އެކަން ހުއްޓާނުލުމުން ފުލުހުންގެ ބެލުމުގެ ދަށުން ގެންދިޔައީ އެވެ. ޕިކަޕުން އާޒިމް ބޭލުވުމުގެ ތެރޭގައި އޭނާ ބިންމައްޗަށް ވެއްޓުނު މަންޒަރު ފެނުނެވެ.މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ފުލުހުން ވަނީ ޕެޕާސްޕްރޭ ޖަހައިފަ އެވެެ. އަދި މުޒާހަރާ ރޫޅާލުމަށް ފުލުހުން އިންޒާރު ދިނުމުން އާންމުންގެ ތެރެއިން ބަޔަކު ފުޅި އާއި ގާބުރި ވެސް ފުލުހުންނާ ދިމާލަށް އުކި ކަމަށް "ހަވީރު"ގެ ނޫސްވެރިން ބުންޏެވެ. މީގެ އިތުރުން މުޒާހަރާ ބައިވެރިންގެ ތެރެއަށް ފުލުހުން ވަދެ ބައެއް މީހުން ހައްޔަރުކުރި އެވެ. އަދި ބައެއް މީހުންގެ ޖީބު ފުލުހުން ފާސްކޮށް ހެދި އެވެ. ފުލުހުން ބުނީ މުޒާހަރާގައި ނުކިޔަމަންތެރިކަން ދައްކައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާތީ އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް މިރޭ ގެންދިޔަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ