ރިޔާސީ ބަޔާން އިއްވުން މާޗް 4 ގައި

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ މާޗް 4 ގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ހަމަޖައްސައިފި އެވެ.
ރައްޔިތުން މަޖިލީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މަޖިލީހުގެ މިއަހަރު ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ މާޗް 4 ގައި ބާއްވާކަން ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަންގަވާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވަނީ މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ކަމަށެވެ. އަދި ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާނީ އެ ދައުރެއް ފެށޭ ތާރީހާ ވިދިގެން އަންނަ ފުރަތަމަ ހޯމަ ނުވަތަ ބުރާސްފަތި ދުވަހު ކަމުގަ އެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާގޮތުގެ މަތިން ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަވާންޖެހިވަޑައިގަންނަވަ އެވެ.
މިދިޔަ އަހަރު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވެވުމަށް، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުން ރައީސް ޑރ. މުހައްމަދު ވަހީދަށް ހުރަސް އެޅުއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ