ސިއްހީ ދާއިރާގެ ބިލްތައް އަވަހަށް މަޖިލީހަށް ފޮނުވުމަށް ޑީއާރުޕީން ސަރުކާރަށް ގޮވާލައިފި

ރާއްޖޭގެ ސިއްހީ ދާއިރާ ރަނގަޅު ކުރުމަށް ހަދަން ޖެހޭ ގާނޫނުތަކުގެ މަސައްކަތް އަވަސް ކުރުމަށް ޑީއާރުޕީން މިއަދު ސަރުކާރަށް ގޮވާލައިފި އެވެ.
ޑީއާރުޕީގެ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ މާލޭގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެމް ހޮސްޕިޓަލާއި އަތޮޅުތަކުގެ އެކި ހޮސްޕިޓަލްތަކުން ރަނގަޅު ފަރުވާއެއް ނުދެވޭ ކަމަށާއި އެކަންތައްތައް ހައްލު ކުރަން ސަރުކާރުން ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށެވެ. އެގޮތުން ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ހަނދަން ޖެހޭ ގާނޫނުތައް ހެދިފައި ނުވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑު މިދިޔަ އަހަރު ވެސް ހުށަހަޅަން މަސައްކަތް ކުރިން ސިއްހީ ގޮތުންވާ އެކި އެކި އިހުމާލުތައް ހުއްޓުވުމުގެ ބިލެއް މަޖިލީހަށް. ނަމަވެސް އޭރު ސަރުކާރުން އެެދުނީ އެކަމަށް ސަރުކާރުން ހުށަހަޅަން ޖެހޭ އެހެން ބިލްތައް ހުރީމައި މަޑު ޖައްސާލަން. ނަމަވެސް ދެން އަޅުގަނޑަށް މަޑު ޖައްސާލެވޭކަށް ނެތް،" ރޮޒައިނާ ވިދާޅުވި އެވެ. "ދެން އޮންނަ ދައުރަކަށް އެ ބިލް ހުށަހަޅާނަން. އަޅުގަނޑު ސަރުކާރަށް ގޮވާލަން ސިއްހީ ދާއިރާ ހަރުދަނާ ކުރަން ހުށަހަޅަން ޖެހޭ ބިލްތައް އަވަހަށް ނިންމާ ހުށަހެޅުމަށް."
އޭނާ ވިދާޅުވީ ސިއްހީ ހިދުމަތް ފުޅާ ކުރުމަކީ އިގްތިސޯދީ ގޮތުން ވެސް ރާއްޖެ އަށް ފައިދާ ބޮޑު ކަމަކަށްވާނެ ކަމަށެވެ. އަދި ބޮޑު އަގުގައި ޑޮކްޓަރުން ގެނެސްގެން ވެސް ހޮސްޕިޓަލްތަކުން ދެވޭ ފެންވަރު ރަނގަޅު ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
"ޑޮކްޓަރުން ގެންނަން ފެށީމަ ވެސް ދެން ސިޔާސީ ގޮތުން ވެސް ވާހަކަ ދައްކާނެ. ނަމަވެސް ކިހާ ފައިސާއެއްތޯ މިދަނީ ގައުމުން ބޭރުވެގެން ބޭސް ކުރަން ބޭރަށް ދާން ޖެހުމުންވެސް. އެބަ ޖެހޭ ސިޔާސީ ވިސްނުންތައް އެއްފަރާތްކޮށްފައި މިކަމުގައި އެންމެން އިށީންދެގެން މިފަދަ ކަންތައްތައް ރަނގަޅު ކުރަން،" ރޮޒައިނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ސިއްހީ ދާއިރާގެ ހިދުމަތް ރަނގަޅު ކުރުމަށް އިތުރަށް ބަޖެޓް ބޭނުންވާ ކަމަށާއި ސަރުކާރުން އެކަމަށް ސަމާލުކަން ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް އެހީވުމުގެ ގޮތުން ޑީއާރުޕީގެ އަންހެނުންގެ ގޮފިން އިސްނަގައިގެން ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ރާވާފައިވާކަން ރޮޒައިނާ މިއަދު އިއުލާން ކުރެއްވި އެވެ. އޭނާ ވިދާޅުވީ ކުޑަކުދިންގެ ހިޔާއަށް މި ވަގުތަށް ވެސް ވަރަށް ގިނަ އެހީތަކެއް ބޭނުންވާ ކަމަށާއި އެތަނަށް އެހީތެރި ވުމަކީ މިހާރު ވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.
"މި ފުރުސަތުގައި ޑީއާރުޕީން ގޮވާލަން އެތަނަށް ވެދެވޭނެ އެހީތެރިކަމެއް އޮތް ނަމަ ކޮންމެ ފަރާތަކުން ވެސް އެހީވުމަށް، އެތަނުގެ މުވައްޒަފުންނަށް ވީ ވަރަކުން ވަރަށް ސާފުކޮށް އެތަނުގެ ކަންތައްތައް ވެސް ބަލަހައްޓަމުން ގެންދަނީ. ނަމަވެސް އެތަނަށް އަދިވެސް އެހީބޭނުންވޭ،" ރޮޒައިނާ ވިދާޅުވި އެވެ.
ކުޑަކުދިންގެ ހިޔާއަކީ ހަމައެކަނި ނުވަ އަހަރުންދަށުގެ ކުދިން އެކަނި ބައިތިއްބަން ހާއްސަކޮށްފައިވާ ތަނަކަށް ހަދަން ޖެހިފައިވާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. އަދި އެކަމަށް އެންމެން އެކީގައި އެއްރޫހެއްގައި މަސައްކަތް ކުރަން ޖެހޭކަން ފާހަގަ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ