ކުދި ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ މައްސަލަތަކާ މެދު ދުނިޔެ ކަންބޮޑުވާން ޖެހޭ: މައުމޫން
ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީ އަށް ދިމާވެފައިވާ މައްސަލަތަކަކީ މުޅި ދުނިޔެ ވެސް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި އެކަމަށް ހައްލު ހޯދަން މަސައްކަތް ކުރުމަށް ސަމޮއާގައި ބޭއްވި ކުދި ޖަޒީރާތަކުގެ ކޮންފަރެންސްގައި ގައުމުތަކުން އެއްބަސްވެފައިވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ. މި މަހުގެ 1-4 އަށް ސަމޮއާގައި ބޭއްވި ކުދި ޖަޒީރާތައް ތަރައްގީކުރުމާ ބެހޭ ބައްދަލުވުމަށް ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގަތުމަށް ފަހު މާލެ ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މައުމޫން ވިދާޅުވީ މޫސުމަށް އަންނަ ބަދަލުުތަކާއި ކަނޑުގެ ލޮނުގަނޑު އުސްވުމަކީ ކުދި ގައުމުތަކަށް ދިމާވާ ކަންކަން ކަމަށާއި އެހެން އެކަން ވަނީ ޖައްވަށް ދޫކުރާ ވިހަގޭސްތަކާ ހެދި ކަމަށް ވާތީ އެކަމަށް ހައްލެއް ހޯދަން މަސައްކަތް ކުރުމަށް ވެސް އެއްބަސްވެފައިވާ ކަމަށެވެ."ރާއްޖެ އިން އެންމެ ކަންބޮޑުވާ ކަމަކީ ކްލައިމެޓް ޗޭންޖާއި ކަނޑުގެ ލޮނުގަނޑު އުފުލުން. އެފަދަ މައްސަލަތައް ހައްލުކުރަން އިސްކަންދިނުމަށް ގައުމުތަކަށް ވަނީ އެއްބަސްވެވިފައި،" މައުމޫން ވިދާޅުވި އެވެ. ސަމޮއާގައި ބޭއްވި ތިންވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސްގައި ކުރީގެ ރައީސް މައުމޫންގެ އިތުރުން އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ބައިރެވިވެވަޑައިގަންނަވަނީ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މި އަހަަރަކީ ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާތަކުގެ އަހަރު ކަމުގައި ހަމަޖައްސަން ގައުމުތަކުން ވަނީ އެއްބަސްވެފަ އެވެ. ކުދި ގައުމުތަކުގެ ތަރައްގީ އަށް ވޭތުވެދިޔަ އަހަރުތަކުގައި ފާސްކޮށްފައިވާ ގަރާރުތަކަށް އެކަށީގެންވާ ގޮތެއްގައި އަމަލުކޮށްފައި ނުވާތީ އެކަމަށް ހައްލު ހޯދުމަށް ގައުމުތަކުން މަޝްވަރާކުރި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.މި އަހަރުގެ ކޮންފަރެންސްގައި ވަނީ މައުމޫން ވިދާޅުވި ގޮތުގައި ފާސްކުރާ ކަންކަން ތަންފީޒުކުރަން މެކެނިޒަމެއް ގާއިމްކުރަން އެއްބަސްވެފަ އެވެ. އަދި އަންނަ އަހަރު ވެސް ގައުމުތަކުގެ އެޖެންޑާގެ އެންމެ ކުރީ ސަފުގައި ކުދި ގައުމުތަކުގެ މައްސަލަ ބޭއްވުމާ ގުޅޭގޮތުން ވާހަކަ ދައްކާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.އެ ކޮންފަރެންސްގައި ކުދި ގައުމުތަކަށް ދިމާވާ ތިމާވެށީގެ މައްސަލަތަކާއި ސަލާމަތާއި ރައްކާތެރިކަމުގެ މައްސަލަތަކަށް ގައުމުތަކުން ވަނީ މަޝްވަރާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ