ފައިސާ ގޯނި ހިފައިގެން ހިނގި ކަމަށް ބުނާ މީހާއާ މެދު އެޅި ފިޔަވަޅާ މެދު މައުމޫން ސުވާލު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމާއި ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރަން ހިތްވަރުދޭ ކަމުގެ ތުހުމަތަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކުރެއްވި އިރު، "ފައިސާ ގޯނި ހިފައިގެން މެމްބަރުންގެ ގާތަށް ހިނގި ކަމަށް" ބުނި މީހާއާ ދޭތެރޭ އެޅި ފިޔަވަޅާ މެދު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ސުވާލު އުފައްދަވައިފި އެވެ.
ޕީޕީއެމްގެ މެމްބަރު ކަމުން ވަކިކޮށްފައިވާ މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ހެކި ނެތް ގާސިމް އިބްރާހިމްއަށް ރިޝްވަތުގެ ތުހުމަތު ކުރާއިރު، ފައިސާ ގޯނި ހިފައިގެން މެމްބަރުން ގާތަށް ހިނގި ކަމަށް ބުނި މީހާއާ ދޭތެރޭ އެޅުއްވީ ކޮން ފިޔަވަޅެއްތޯ" ކަމަށެވެ.
"ކޮބައިތޯ ހަމަޔާއި އިންސާފު. ޖަވާބު ދެއްވާ،" ފުލުސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީސް ޓެގް ކުރައްވައި ޓްވީޓްގައި އެ މަނިކުފާނު ވިދާޅުވި އެވެ.
ފައިސާ ގޯނި ހިފައިގެން ހިނގީ ކާކު ކަމެއް ސީދާ މައުމޫން ވިދާޅުނުވި ނަމަވެސް، އެކަން އެގޮތަށް ކުރެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އިސްމާއިލް، މަޖިލީހުގެ ޖަލްސާއެއްގައި ވަނީ ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އޭނާއާ ވަނީ ސުވާލު ކުރައްވާފަ އެވެ.
އެމްއެމްޕީއާރުސީން ރަށްްތައް ދޫކޮށްގެން ލިބުނު ފައިސާ ވަގަށް ނެގި މައްސަލައިގައި މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައަކަށް ބަހުސް ކުރައްވަމުން އެއް މެމްބަރަކު އަނެއް މެމްބަރަކާ ދިމާލަށް ރިޝްވަތުގެ ތުހުމަތުތައް ވަނީ ކުރައްވައިފަ އެވެ. އަދި ބައެއް މެމްބަރުން ފައިސާގައި ހިއްޕެވި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
އެ ވާހަކަތަކާ ގުޅިގެން ނިޒާމީ މައްސަލައެއް ނަންގަވައި މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ "އެ ފައިސާ ގޯނި ހިފައިގެން" މެމްބަރުން ކައިރި އަށް ދިޔަ ކަމަށެވެ.
މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމާއި ގާނޫނާ ހިލާފަށް ވެރިކަން ބަދަލުކުރަން ހިތްވަރުދޭ ކަމުގެ ތުހުމަތަށް އިއްޔެ ހައްޔަރުކުރި ގާސިމްގެ ބަންދަށް ކްރިމިނަލް ކޯޓުން ހަ ދުވަސް ވަނީ އިތުރުކޮށްފަ އެވެ.
ގާސިމް ހައްޔަރު ކުރުމާ ގުޅިގެން މާލެ އާއި އޭނާގެ އުފަން ރަށުގައި އަންނަނީ މުޒާހަރާތައް ވެސް ކުރަމުންނެވެ.
ގާސިމް ހައްޔަރުކުރުމަށް ނެރުނު ކޯޓު އަމުރުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ނައިބު ރައީސް މޫސާ މަނިކަށް އިތުބާރު ނެތް ކަމަށް ފާސްކުރަން ހުށަހަޅާފައިވާ މައްސަލާގައި މެންބަރުންނަށް ރިޝްވަތު ދޭން މަސައްކަތްކޮށް ގާނޫނާ ހިލާފަށް ސަރުކާރު ބަދަލުކުރަން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އަދި ދައުލަތުގެ ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. ގާސިމް ހައްޔަރުކުރަނީ މި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް ފެންނާތީ ކަމަށް ކޯޓުގެ އަމުރުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ