ސަރުކާރުން ބޭނުންވެއްޖެ ނަމަ އެއާޕޯޓް އެއްބަސްވުން އުވާލެވޭނެ: ސިންގަޕޫރު ސުޕްރީމް ކޯޓު

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން އިންޑިއާގެ ޖީއެމްއާރާ ހަވާލުކުރުމުގެ އެއްބަސްވުން ދިވެހި ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ރޫޅާލުމުގެ ބާރު ސަރުކާރަށް ލިބިގެންވާ ކަމަށާއި އެއާޕޯޓް ސަރުކާރަށް ނެގުމުގެ ބާރު ވެސް ލިބިގެންވާ ކަމަށް ސިންގަޕޫރުގެ އެންމެ މަތީ ކޯޓުން ބުރާސްފަތިދުވަހު ހުކުމްކޮށްފި އެވެ.މި ހުކުމް މިއައީ، ސަރުކާރުގެ ކުންފުނި ކަމަށްވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް )އެމްއޭސީއެލް( އާ އެއާޕޯޓް ހަވާލުކުރަން ޖީއެމްއާރަށް ދިން ހަތް ދުވަހުގެ މުއްދަތު ހަމަވާން އެންމެ ދުވަހަކަށް ވެފައި ވަނިކޮށެވެ. އަދި އެއާޕޯޓްގެ އެއްބަސްވުން އުވާލުމުގެ މައްސަލާގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ނާޒުކު ދަނޑިވަޅެއްގަ އެވެ.ސިންގަޕޫރު ސުޕްރީމް ކޯޓުގެ ނިންމުން މި އައީ  25 އަހަރުގެ އެއްބަސްވުން އުވާލައި، އެއާޕޯޓް ހަވާލުކުރަން ސަރުކާރުން ނޯޓިސް ދިނުމުން ސިންގަޕޫރު ހައި ކޯޓަށް ޖީއެމްއާރު ހުށަހެޅި މައްސަލާގައި އެ ކުންފުންޏާ އެއްކޮޅަށް ނެރުނު އަމުރު ދިވެހި ސަރުކާރުން އިސްތިއުނާފުކުރުމުންނެވެ.މިދިއަ ހޯމަދުވަހު ހައި ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ އާބިޓްރޭޝަނުން ގޮތެއް ކަނޑައެޅުމުގެ ކުރިން ހަތް ދުވަހުގެ ނޯޓިސް އަށް އަމަލްކުރުން ފަސްކުރުމަށެވެ. މި އަމުރާ ގުޅިގެން ޖީއެމްއާރުން ބުނީ، އެއްބަސްވުމާ އެއްގޮތަށް އެއާޕޯޓްގައި އެ ކުންފުނިން ހިންގާ އެއްވެސް ހަރަކާތަކަށް ހުރަސްއެޅުމުގެ ފުރުސަތު އެމްއޭސީއެލް އާއި ފިނޭންސް މިނިސްޓްރީ އަށް ލިބިގެން ނުވާ ކަމަށެވެ.އެއާޕޯޓް އަތުލުން ހުއްޓުވާދިނުމަށް ވެސް ޖީއެމްއާރުން ހައި ކޯޓުގައި އެދުނެވެ. އެކަމަކު އެ އަމުރު އެ ކޯޓުން ނެރެދީފައެއް ނުވެ އެވެ. އެގޮތަށް ކަންތައްކުރީ، ދައުލަތުގެ ބަންޑާރަ ނައިބު އޮފީހުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، މިނިވަން ގައުމެއްގެ ސަރުކާރުން ކުރާ ކަމެއް ހުއްޓުވުމަށް ސިންގަޕޫރު ހައި ކޯޓަށް ބާރު ލިބިގެން ނުވާތީ އެވެ.ޖީއެމްއާރާ އެއްކޮޅަށް ނެރުނު އަމުރު އިސްތިއުނާފް ކުރާނެ ކަމަށް މިދިއަ ހޯމަދުވަހު ވެސް ސަރުކާރުން ބުނެފައިވެ އެވެ.އެޓާނީ ޖެނެރަލް އޮފީހުގެ ޑެޕިއުޓީ ސޮލިސިޓަ ޖެނެރަލް އަހްމަދު އުޝާމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން ބެއްލެވި މައްސަލާގައި ހުކުމް ކުރައްވާފައި ވަނީ އެއާޕޯޓް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން، ސަރުކަރާށް އެއާޕޯޓް ނެގުމުގެ ބާރު ލިބިގެންވާ ކަމަށެވެ. އަދި ސަރުކާރުން ބުނާ ގޮތަށް، އެއީ ބާތިލް އެއްބަސްވުމަކަށް ވިޔަސް އަދި ބާތިލް އެއްބަސްވުމަކަށް ނުވިޔަސް، ބަދަލު ދޭ ގޮތަށް، ބޭނުންވެއްޖެ ހިނދެއްގައި އެއާޕޯޓް އަތުލުމުގެ ބާރު ލިބިގެންވާ ކަމަށެވެ.ސިންގަޕޫރުގެ އުއްތަމަ ފަނޑިޔާރު ސުންދަރޭޝް މެނަން އިއްވެވި ހުކުމުގައި ވިދާޅުވެފައި ވަނީ އެއްބަސްވުން އުވާލައިފި ނަމަ ކޮންޓްރެކްޓުގެ ދަށުން ބަދަލު ދިނުމަށް ސަރުކާރުން އިއުތިރާޒު ނުކުރާ ކަމަށެވެ. އެހެންވެ އެއްބަސްވުން އުވާލުމުން ދޭން ޖެހޭ ބަދަލުގެ މައްސަލަ އާބިޓްރޭޝަނުން ހައްލުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް އުޝާމް ވިދާޅުވި އެވެ.މީގެ އިތުރުން އެއްބަސްވުމުގެ އޮޅުންބޮޅުން ބޮޑު ކަމަށް ފަނޑިޔާރުންނަށް ފާހަގަކުރެއްވުނެވެ. އެހެންކަމުން އެއްބަސްވުމުގައި ހިމެނޭ ފަރާތްތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ފަނޑިޔާރުންނަށް ފެނިވަޑައިގަތެވެ.ހުކުމަށް ރިއާޔަތްކޮށް ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ އެއްބަސްވުމުގައި ހިމެނޭ ފަރާތްތަކުގެ ގުޅުން ކެނޑިފައިވާ ކަމަށް ފަނޑިޔާރުން ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އާންމު ފައިދާއަށްޓަކައި އެއާޕޯޓް އަނބުރާ ދައުލަތަށް ނެގުމުގެ ބާރު ދިވެހި ސަރުކާރަށް ލިބިގެންވާކަން ވެސް ފަނޑިޔާރުން ފާހަގަކުރެއްވި ކަމަށް އުޝާމް ވިދާޅުވި އެވެ.ސަރުކާރަށް އެއާޕޯޓް ނަގަން ބޭނުން ނަމަ އެކަން ކުރުމުގެ ބާރު ލިބިގެންވާ ކަމަށް ކުރި ހުކުމާ އެކު، އެއާޕޯޓް އެމްއޭސީއެލްއާ ހަވާލުކުރުމުގެ ނޯޓިސް އަށް އަމަލުކުރުން ފަސްކުރުމަށް ހައި ކޯޓުން ނެރުނު ވަގުތީ އަމުރު ވެސް ވަނީ ބާތިލް ކޮށްފަ އެވެ.ސިންގަޕޫރުގެ އެންމެ މަތީ ކޯޓުން ހުކުމް ކުރުމުގެ ކުރިން ޖީއެމްއާރުގެ އޮފިޝަލުން އިއްޔެ ވެސް އިންޑިއާގައި ވިދާޅުވެފައި ވަނީ އެއާޕޯޓު ދޫކޮށްނުލާނެ ކަމަށެވެ. ޖީއެމްއާރުން ހިންގަމުން އަންނަ އެއާޕޯޓްތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ލިބެނީ ވެސް ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ