އަބްދުﷲ ހަމީދު މާލެ ވަޑައިގެންފި

ކުރީގެ އެޓޯލްސް މިނިސްޓަރު އަދި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކޮއްކޯފުޅު އަބްދުﷲ ހަމީދު، ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު ރޭ މާލެ ވަޑައިގެންފި އެވެ.      މައުމޫންގެ ވެރިކަން 2008 ގައި ބަދަލުވުމާއެކު، ދިރިއުޅުއްވުން ލަންކާ އަށް ބަދަލުކުރެއްވުމަށް ފަހު ހަމީދު ރޭ މާލެ ވަޑައިގެންނެވިއިރު އޭނާގެ މައްޗަށް ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ދުވަސްވަރު އުފުލި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓްގައި އަދިވެސް އެބަ އޮތެވެ.      ހަމީދުގެ ބޭފުޅެއްކަމުގައިވާ ގާނޫނީ ވަކީލު ޝާހީން ހަމީދު މިއަދު ވިދާޅުވީ "އެ ދައުވާއަކީ ސިޔާސީ ދައުވާއެއް" ކަމަށާއި ބައްޕާފުޅު މާލެ ވަޑައިނުގެން މަޑުކުރެއްވީ އެހެންވެ ކަމަށެވެ.      "އެއީ ސިޔާސީ ގޮތުން ތާކުންތާކު ނުޖެހޭ ދައުވާއެއް. އެހެންވެ ސިޔާސީ ކަންކަން ]ކުރިން[ ހުރި ގޮތުން އަދި މަންމަ އާލާސްކަންފުޅާ އުޅުއްވާތީ ބައްޕަ ރާއްޖެ ވަޑައިނުގެން ހުންނެވީ. މަންމަ މިހާރު ނިޔާވެއްޖެ. އެހެންވެ އެކޮޅުން ވަޑައިގަތުމުގައި އިތުރު ކަންތައްތަކެއް ނުހުންނާނެތީވެ މާލެވަޑައިގަތީ،" ޝާހީން ވިދާޅުވި އެވެ.      ހަމީދުގެ އަނބިކަނބަލުން އައިޝަތު މޫސާ ލަންކާގައި އަވަހާރަވީ މި އަހަރުގެ ޖުލައި މަހު އެވެ.       ހަމީދުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހުށަހަޅާފައިވާ މައްސަލައިގައި ކޯޓަށް ހާޒިރުވެ ވަޑައިނުގަތުމުން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށާއި ހައްޔަރުކޮށްގެން ނަމަވެސް ކޯޓަށް ހާޒިރުކޮށްދިނުމަށް 2011 ގައި ކޯޓުން އެދުނެވެ. ނަމަވެސް ހަމީދަކީ ހޯދާ ނުފެނިފައިވާ މީހެއް ކަމަށް ފުލުހުން ކޯޓުގައިވަނީ ބުނެފަ އެވެ.      ސަރުކާރުގެ އެންމެ އިސް މަގާމުތަކެއް އަދާކުރެއްވުމުގެ އިތުރުން ނިޝާން އިއްޒުއްދީނުގެ ލަގަބު ވެސް ލިބިވަޑައިގެންފައިވާ ހަމީދުގެ މައްޗަށް ދިވެހި ދައުލަތުން ދައުވާކުރަނީ ކުރީގެ އެޓޯލްސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ހުރި ޚިޔާނާތުގެ މައްސަލަތަކަކާ ގުޅިގެންނެވެ.       ނަޝީދުގެ ސަރުކާރުން އެކުލަވައިލި ރިޔާސީ ކޮމިޝަނުން ތަހްގީގުކުރި އެ މައްސަލައިގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތު ހަމީދުގެ މައްޗަށްކޮށް، އެ މައްސަލަ ކޯޓަށް ފޮނުވީ ނޮވެމްބަރު 17، 2009ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ