އަހަރީ ރިޕޯޓް ނިންމަވާފައި ނުވާ ކަމަށް ބުނެ، ޑީއާރްޕީގެ އަމީން އާންމުގެ މައްސަލަ ޑިސިޕްލިނަރީ ކޮމެޓީއަށް ފޮނުވަން ހުށަހަޅައިފި

ޑީއާރްޕީގެ އަހަރީ ރިޕޯޓް ކައުންސިލުން ފާސްކޮށް އާންމުން މެންބަރުންނަށް ފެންނަ ގޮތަށް ބަހައްޓާފައި ނުވާ ކަމަށް ބުނެ، ޕާޓީގެ އަމީން އާންމު އަބްދުއްރަޝީދު ނާފިޒުގެ މައްސަލަ މެންބަރުންގެ ސުލޫކީ ކަންކަން ބަލާ ކޮމެޓީއަށް ފޮނުވައި ފިޔަވަޅު އެޅުމަށް އެދި ޕާޓީގެ މެންބަރަކު، ހުށަހަޅައިފި އެވެ.
ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އަށް މިފަދަ ސިޓީއެއް ފޮނުއްވާފައި ވަނީ ޕާޓީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމްގެ ތަރުޖަމާން އަދި ޑީއާރްޕީގެ އާންމު މެންބަރު މ. ކޮތަންމާގޭ މުހައްމަދު ހުސައިން ޝަރީފު (މުންދު) އެވެ.
މިއަދުގެ ތާރީހުގައި މުންދު ފޮނުއްވާފައިވާ ސިޓީގައި ބުނަނީ ޑީއާރްޕީގެ އަސާސީ ގަވައިދުގެ 128 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކޮންމެ އަހަރެއް ނިމޭތާ 45 ދުވަހުގެ ތެރޭގައި ކުރީ އަހަރު ހިނގި ގޮތުގެ ރިޕޯޓް ތައްޔާރުކޮށް ޕާޓީގެ އަމީން އާންމު ޕާޓީ ކައުންސިލަށް ހުށަހަޅައި ފާސް ކުރަން ޖެހޭ ކަމަށެވެ. އަދި އަސާސީ ގަވައިދުގެ 129 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަހަރީ ރިޕޯޓް ކައުންސިލުން ފާސްކުރާތާ 30 ދުވަހުގެ ތެރޭގައި މެންބަރުންނަށް ފެންނާނެހެން ޕާޓީގެ އޮފީހުގައި ބަހައްޓަން ޖެހޭ ކަމަށެވެ.
މުންދުގެ ސިޓީގައި ބުނަނީ މި އަހަރުގެ ފެބުރުއަރީ 14 ވަނަ ދުވަހުގެ ކުރިން އަހަރީ ރިޕޯޓް ކައުންސިލަށް ހުށަހަޅައި ފާސްކުރަން ޖެހޭ ކަމަށާއި އަދި މި މަހުގެ 17 ވަނަ ދުވަހުގެ ކުރިން މެންބަރުންނަށް ފެންނަ ގޮތަށް ރިޕޯޓް ބަހައްޓަން ޖެހޭއިރު މިއަދާ ހަމައަށް ވެސް އެކަން ކުރައްވާފައި ނުވާ ކަމަށެވެ. އަދި ބުނަނީ ޕާޓީގެ އަމީން އާންމު އަބްދުއްރަޝީދު ނާފިޒު ޕާޓީގެ އަސާސީ ގަވައިދާ ހިލާފުވެފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އޭނާގެ މައްސަލަ މެންބަރުންގެ ސުލޫކީ ކަންކަން ބަލަހައްޓާ ކޮމެޓީއަށް ވަގުތުން ފޮނުވައި ފިޔަވަޅު އަޅުއްވައި ދެއްވުމަށް އެދޭ ކަމަށެވެ.
"... މެންބަރުންނާ އަހަރީ ރިޕޯޓް ހިއްސާ ކުރެވިފައި ނުވާ ހިނދު އަދި ޕާޓީގެ ކައުންސިލަށް ހުށަހެޅި ފާސްކުރެވިފައި ނުވާ ހިނދު މިކަން އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ފުރިހަމަ ނުކުރެވިވާ ސަބަބަކީ ގަވައިދުގައިވާ މުއްދަތުގެ ތެރޭގައި އަހަރީ ރިޕޯޓް ކައުންސިލަށް ހުށަހެޅުމުގައި އަމީން އާންމު އަބްދުއްރަޝީދު ނާފިޒު އިހުމާލުވެ ފަރުވާ ކުޑަކޮށްފައިވާތީ އެވެ. އޭނާ ވަނީ އޭނާގެ މަސްއޫލިއްޔަތު އަދާ ނުކޮށްކަން ފާހަގަ ކުރަމެވެ،" މުންދު ސިޓީގައިވެ އެވެ.
ހަމަ އެ ސިޓީގައި ޕާޓީން އެންމެ އަވަހަށް ބާއްވާ ކައުންސިލް ބައްދަލުވުމަކަށް އަހަރީ ރިޕޯޓް ހުށަހަޅައި ފާސްކޮށް މެންބަރުންނަށް ފެންނަ ގޮތަށް ޕާޓީ އޮފީހުގައި ބެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި އަސާސީ ގަވައިދާ އެއްގޮތަށް އެކަން ނުކުރެއްވޭ ނަމަ ގަވައިދުގައިވާ ގޮތުގެ މަތިން އަބްދުއްރަޝީދު ނާފިޒު މަގާމުން ދުރުކުރައްވައި އެ މަގާމަށް އެހެން ބޭފުޅަކު އައްޔަންކޮށްގެން ވިޔަސް ގަވައިދު ލާޒިމް ކުރާ ކަންކަން ވަގުތުން ވަގުތަށް ކުރިޔަށް ގެންދިއުން މުހިންމު ކަމަށެވެ.
އެކަމާ ގުޅިގެން ޕާޓީގެ އަމީން އާންމު އަބްދުއްރަޝީދު ނާފިޒާ ގުޅުމުން ފޯނެއް ނުނަންގަވަ އެވެ. ނަމަވެސް މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހު ވިދާޅުވީ މުހައްމަދު ހުސައިންޝަރީފުގެ ސިޓީއެއް އަދި ޕާޓީ އޮފީހަށް ލިބިފައި ނުވާ ކަމަށާއި މުހައްމަދު ހުސައިން ޝަރީފަކީ މީޑިއާއާ ވަރަށް ގާތް ބޭފުޅަކަށް ވެވެޑައިގަތުމުން ޕާޓީ އޮފީހަށް ސިޓީއެއް ފޮނުއްވުމުގެ ކުރިން މީޑިއާއާ ހިއްސާ ކުރެއްވުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށެވެ.
"ކުރުކޮށް ދަންނަވަން އޮތީ ތިޔަ ސިޓީއެއް އަދި ނުލިބެއޭ،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ