ދަ ވީކު ރިޕޯޓުގައި ވަނީ ރޯ ބުހުތާނު ދޮގު ވާހަކަތަކެއް: މައުމޫން އޮފީސް

އޯޕެކްގެ ބައެއް ގައުމުތަކުން ރާއްޖެ އަށް ހެޔޮ އަގުގައި ތެޔޮ ދޭ ކަމަށާއި އެ ތެޔޮ ބަރުމާގެ ކަޅު ބާޒާރަށް ވިއްކައިގެން 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރި ބަރުމާގެ އަސްކަރީ ސަރުކާރާ އެކު ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމް އާއި މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން ކޮށްފައިވާ ކަމަށް ބުނެ އިންޑިއާގެ ދަ ވީކު މަޖައްލާގައި ޝާއިއުކުރަން އުޅޭ ރިޕޯޓުގައިވަނީ "ރޯ ބުހުތާން ދޮގު ވާހަކަތަކެއް" ކަމަށް ސެކްރެޓޭރިއެޓް އޮފް ދަ ފޯމާ ޕްރެސިޑެންޓް އިން ބުނެފި އެވެ.
ކުރީގެ ރައީސް މައުމޫންގެ ރަސްމީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް މައުމޫނަކީ އެއްވެސް ވިޔަފާރިއެއް، ވެރިކަމުގައި ހުންނެވި އިރު ވެސް އަދި އޭގެ ފަހުން ވެސް ކުރައްވާފައިވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި ބުނެފައި ވަނީ ބަރުމާގެ އަސްކަރީ ސަރުކާރުގެ އެއްވެސް ބޭފުޅަކު ރަސްމީ ސިފައެއްގައި ވެސް އަދި އެނޫން ހައިސިޔަތަކުން ވެސް މައުމޫން ދެނެވަޑައި ނުގަންނަވާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ "ދަ ވީކް" މަޖައްލާ އާއި ރާއްޖޭގެ ބައެއް މީޑިއާތަކުން ގެނެސްފައިވާ ހަބަރުތަކުގައި މައުމޫން ވިޔަފާރި ކުރެއްވި ކަމަށާއި އެ މަނިކުފާނު ވިޔަފާރީގައި ހިޔާނާތްތެރިވެފައިވާ ކަމަށް ކޮށްފައިވާ ތުހުމަތުތަކީ އޭގައި "ކުޑަ ވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން" ކަމަށާއި "އެ ލިޔުމުގައި އެމަނިކުފާނަށް އަމާޒުކޮށް ކޮށްފައިވާ ތުހުމަތުތަކީ ރޯ ބުހުތާނު ދޮގު ވާހަކަތަކެއް" ކަމަށެވެ.
"މިފަދަ ގިނަ ގައުމުތަކެއް، އެކި ފަހަރު މަތިން، ދިވެހި އަދި ބޭރުގެ ނޫސްވެރިންނާއި އެހެނިހެން ފަރާތްތައް މެދުވެރިކޮށް، ސަރުކާރުން ފައިސާ އާއި ހިތްވަރުދީގެން، މީގެ ކުރިން ވެސް ވަނީ އާންމުކޮށްފަ އެވެ. ނަމަވެސް މިއިން އެއްވެސް ތުހުމަތެއް ހެއްކާއި ގަރީނާގެ އަލީގައި ހުށަހެޅިފައި ނުވާއިރު، ޝަރުއީ އެއްވެސް ކޯޓަކަށް އެފަދަ ތުހުމަތެއް ހުށަހެޅިފައި ވެސް ނުވާކަން ފާހަގަ ކުރަމެވެ،" އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނަނީ، ރައީސް މައުމޫން ވެރިކަމުން ފައިބާ ވަޑައިގެން ފަހުން "ސަރުކާރުގެ އެންމެހާ ލިޔެކިޔުން އަތްފުނާ އަޅައިގެން، އެކި ކޮމިޝަންތައް ހަދައިގެން ވެސް އެކި ކޮމިޝަންތައް ހަދައިގެން ވެސް މި ސަރުކާރަށާއި ސަރުކާރު ހިންގާ އެމްޑީޕީއަށް އަދި ރައީސް މައުމޫނާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކަށް ވަނީ ރައީސް މައުމޫންގެ އާއިލާއާ ގުޅޭ މިފަދަ އެއްވެސް އިލްޒާމެއް ސާބިތުކޮށް ނުދެވިފަ" ކަމަށެވެ.
މި މަހުގެ 20 ވަނަ ދުވަހު ނެރޭ ދަވީކްގެ ރިޕޯޓުގައި ބުނެފައިވަނީ އެސްޓީ އޯގެ ފަރާތުން 2004 ވަނަ އަހަރުގެ ތެރޭގައި މޯކަމް ޕުރައިވެޓް ލިމިޓެޑާ އެކު ތެޔޮ ގަނެ ވިއްކުމުގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ހަދާފައިވާ ކަމަށާއި އެ ކުންފުނިން ވަގަށް ބަރުމާގެ ކަޅުބާޒާރަށް ތެޔޮ ވިއްކާފައިވާ ކަމަށެވެ.
އަދި އެކަމުގައި ބަރުމާގެ އަސްކަރީ ސަރުކާރުގެ އިސްބޭފުޅުން އިސް ދައުރެއް އަދާކުރެއްވި ކަމަށާއި އެ ބޭފުޅުންނަކީ އެ ގައުމުގައި ފުޅާ ދައިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ. އަދި އެ ފަރާތްތަކާއެކު ކުރީގެ ރައީސް މައުމޫނާއި ޔާމީނާ ގުޅުމެއްވާ ކަމަށް ވެސް ދަ ވީކުގެ ރިޕޯޓުގައި ތުހުމަތުކޮށްފައި ވެއެވެ.
ދާދިފަހުން އިންޑިއާގެ މި މަޖައްލާއިން ވަނީ ރާއްޖޭގައި ޓެރަރިސްޓުން އުޅޭ ކަމަށް ނިސްބަތްކޮށްވެސް ރިޕޯޓެއް ނެރެފަ އެވެ. އެ ރިޕޯޓުގައި ސަރުކާރުގެ އިސްބޭފުޅުންގެ އިންޓަވިއުވެސް ހިމަނައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ