އަޑުއެހުންތައް ދުރަށް ފޮނުވުމަށް ކްރިމިނަލް ކޯޓުން ވީމީޑިއާއަށް ހުއްދައެއް ނުދިން

ކްރިމިނަލް ކޯޓުގައި އާންމުކޮށް ހުޅުވާލައިގެން ބާއްވާ ޝަރީއަތްތަކުގެ އަޑާއި މަންޒަރު ވީމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ދުރަށް ފޮނުވުމަށް ހުއްދައަށް އެދުމުން ކްރިމިނަލް ކޯޓުން އެކަމަށް ދެކޮޅު ހަދައިފި އެވެ.
ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތްތައް ދުރަށް ފޮނުވުމުގެ ހުއްދައަށް އެދި ވީމީޑިއާ ގުރޫޕުން ކްރިމިނަލް ކޯޓަށް ސިޓީ ފޮނުވާފައިވަނީ މިމަހުގެ އައްވަނަ ދުވަހު އެވެ.
އެ ސިޓީގައި އެދިފައިވަނީ ކްރިމިނަލް ކޯޓުގައި ބާއްވާ ޝަރީއަތްތަކުގެ ތެރެއިން އާންމުންނަށް އަޑުއަހަން ވަދެވޭގޮތަށް ބޭއްވޭ ޝަރީއަތްތަކުގެ އަޑާއި މަންޒަރު ވީމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ރެކޯޑްކޮށްގެންނާއި ވަގުތުން ދުރަށް ފޮނުވުމަށް ގަސްދުކުރާތީ އެ ފުރުސަތު ވީމީޑިއާއަށް ހަމަޖައްސައިދިނުމަށެވެ.
އެ ސިޓީގެ ޖަވާބުގައި ކްރިމިނަލް ކޯޓުން މިއަދު ވީމީޑިއާއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ވީމީޑިއާ އިން އެދިފައިވާ ކަންތައްތައް އެދިފައިވާ ގޮތަށް މިވަގުތު ކޮށްދެވެން ނެތް ކަމަށެވެ. ކޮށްދެވެން ނެތް ސަބަބު ބުނެފައެއް ނުވެ އެވެ.
ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ އަޑުއެހުންތައް ހާއްސަކޮށް މިހާރު ސިޔާސީ ބައެއް ބޭފުޅުންގެ މައްޗަށް ދައުވާ އުފުލި ކުރިއަށްދާ އަޑުއެހުންތަކުގެ އަޑާއި މަންޒަރު ވީމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ދުރަށް ފޮނުވުމަށް ވީމީޑިއާ އިން އެދުނީ އެ ޝަރީއަތްތައް ކޯޓުގައި ކުރިއަށްދާ ވަގުތު ގިނަ ބަޔަކު ކޯޓަށް ވަންނަން ބޭނުންވި ނަމަވެސް ކޯޓުގެ ހިއަރިން ރޫމް ކުޑަވުމުން ގިނަ ބަޔަކަށް ފުުރުސަތު ގެއްލިގެންދާތީ ޝަރީއަތްތައް ހިނގާގޮތް ވީހާވެސް ގިނަ ބަޔަކަށް ފެންނާނެ އަދި އަޑުއެހޭނެ ގޮތެއް ހެދުމަށެވެ.
ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވެސް ވަނީ އޭނާގެ ޝަރީއަތްތަކުގެ އަޑުއެހުންތައް ވީހާވެސް ގިނަ ބަޔަކަށް ވަދެވޭ ތަނަކު ބާއްވާ ދިނުމަށް ކޯޓުގައި އެދިފަ އެވެ. އަދި އެކަމަށް ދައުލަތަށް ހަރަދު ކުރެވެން ނެތް ނަމަ އޭނާ އަމިއްލައަށް ހަރަދުކޮށްގެން އެކަން ކުރަން ތައްޔާރަށް ހުންނެވި ކަމަށްވެސް ނާޒިމްގެ ގާނޫނީ ޓީމުން ވަނީ ބުނެފަ އެވެ. ވީނިއުސް އަށް އެނގިފައިވާ ގޮތުގައި ނާޒިމްގެ ހުށަހެޅުމަށްވެސް ކޯޓުން ވަނީ ދެކޮޅު ހަދާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ