ނައިފަރު ދާއިރާގެ މެންބަރު ރިޔާސަތު ބަލަހައްޓަވާ މެންބަރެއްގެ ގޮތުގައި ކަނޑައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ފަސް މެންބަރުންގެ ތެރޭގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު މުހައްމަދު ކަނޑައަޅައި އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު އިއުލާން ކުރައްވައިފި އެވެ.
ނައިފަރު ދާއިރާގެ މެންބަރު މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ މެންބަރެއްގެ ގޮތުގައި ކަނޑައަޅާފައި މިވަނީ މަޖިލީހުގެ ގަވާއިދުގެ 10 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ނުކުޅެދިއްޖެ ހާލަތެއްގައި އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަނޑައަޅަން ވާނެ ކަމަށެވެ. އަދި އެގޮތަށް ކަނޑައަޅާ މެންބަރު ވާން ޖެހޭނީ ރައްޔިތުންގެ މަޖިލީހަށް އެންމެ ގިނަ ދުވަހު ހިދުމަތް ކޮށްދީފައިވާ މެންބަރަކަށް ކަމަށެވެ. އަދި ހިދުމަތްކޮށްދީފައިވާ މިންވަރު މެންބަރުގެ މެދުގައި އެއްވަރު ވެއްޖެ ނަމަ ދެން ބަލާނީ އުމުރުގެ ގޮތުން އެންމެ ދޮށީ މީހަކަށް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އާއި ނާއިބް ރައީސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ނުކުޅެދިއްޖެ ހާލަތެއްގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ކަނޑައަޅާފައިވާ ފަސް މެންބަރުންގެ ތެރޭގައި ނައިފަރު ދާއިރާގެ މެންބަރު ހަމަޖައްސާފައި މިވަނީ ކުރިން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަތް މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ރައީސް ކަމަށް އިންތިހާބުވުމާ ގުޅިގެން މަޖިލީހުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވުމުންނެނެވެ.
ނައިފަރު ދާއިރާގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މިހާތަނަށް 13 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމްތް ކުރައްވާފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ނައިބް ރައީސް އަހުމަދު ނާޒިމް ފިޔަވައި ދެން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ފަސް މެންބަރުންނަކީ ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސެން، ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިޙް، ކެންދޫ ދާއިރާގެ މެންބަރު އަހުމަދު ތަސްމީން އަލީ އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު މުހައްމަދު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ