ކުރިއަށްއޮތް ރިޔާސީ އިންތިޚާބު، އިބޫ ކާމިޔާބު ކުރައްވާނީ %80 އަށްވުރެ މަތިން: ގާސިމް އިބްރާހިމް

ކުރިއަށްއޮތް ރިޔާސީ އިންތިޚާބު އިބްރާހިމް މުހަންމަދު ސޯލިހް ކާމިޔާބު ކުރައްވާނީ %80 މަތީ ނިސްބަތެއްގެ ވޯޓާ އެކުގައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ އިއްތިހާދުން "އިންސާފުގެ މަގަށް" މިނަމުގައި، މާލޭގެ ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޚާއްސަ ބޮޑު ޖަލްސާގައި ވީޑިއޯ ލިންކް މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، ރާއްޖޭގެ ގިނަ ރައްޔިތުން ވޯޓްލާނީ އިއްތިހާދުގެ ކެންޑިޑޭޓަށް ކަމަށާއި، ކާނިވާ ސަރަހައްދުން ފެށިގެންދިޔަ މަންޒަރުންވެސް އެކަން ވަރަށް ސާފުކަމަށެވެ.
އަނިޔާވެރިކަމާއި، ފިތުނައާއި، ފަސާދައާއި، ނާއިންސާފުން ސަލާމަތްވަންޖެހޭ ކަމަށާއި، އިންސާފު ލިބިގަންނަންޖެހޭ ކަމަށާއި، އިންސާފުގެ މަގަށް މިކުރާ ދަތުރުގައި ހުރިހާ ރައްޔިތުންވެސް އިއްތިހާދުގެ އޮޑިއަށް އެރުމަށް ގާސިމް އިބްރާހިމް ގޮވާލެއްވިއެވެ. އިންސާފުގެ މަގަށް އައުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުން އަތާއަތް ގުޅާލައި، އާ އާހިތްވަރެއްލައި، ކަށިން ހިތްވަރު ނެރެގެން މަސައްކަތް ކޮށްދެއްވުމަށްވެސް ގޮވާލެއްވިއެވެ.
ދައުލަތުގެ ހުރިހާ މުވައްސަސާތަކުގެ ބޭފުޅުންވެސް ބިރުފަހަނައަޅައި ނުކުމެވަޑައި ގަތުމަށާއި، އެއްގޮތަކަށްވެސް ޖެހިލުންވެވަޑައި ނުގަތުމަށް ގާސިމް އިބްރާހިމް ވިދާޅުވިއެވެ. ދައުލަތް ދަރުވަމުންދާ ދަރަނިތަކުންނާއި، ދުނިޔޭގެ ކުރިމަތީގައި އެކަހެރިވަމުންދާ ދިއުންތަކުން ސަލާމަތްވާންޖެހޭ ކަމަށާއި، ދައުލަތުގެ މުއައްސަސާތަލުގެ ވެރިންވެސް ފަސްބައި ހަޑިވެފައިވާ ބަޔަކަށް ނުވުމަށް ގާސިމް ގޮވާލެއްވިއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގައި އެއްވެސް ބަޔަކަށް އަދި މުއްސަސާއެއްގެ ވެރިޔަކަށްވެސް ދެރަގޮތެއް ނުހަދާނެކަމަށް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
"ހުރިހާ މުއައްސަސާތަކުންވެސް ކެރިގެން ނުކުންނާޖެހޭ. ރައީސް ޔާމީން އަރިހުގަ ތިބި މަޖިލިސް މެމްބަރުންވެސް ވޯޓްލާނީ އަޅުގަނޑުމެންނަށް. ސިފައިންނައި ފުލުހުންގެ ގިނަ ބޭފުޅުންވެސް އަޅުގަނޑުމެންނަށް ވޯޓްދެއްވާނެ. ނުނިކުމެ ތިބެވޭކަށެއްނެތް. ގައުމާއި އުންމަތް ސަލާމަތް ކުރުމަށްޓަކައި، ދީން ސަލާމަތް ކުރުމަށްޓަކައި، މިނިވަންކަމާއި އިސްތިގްލާލް ސަލާމަތް ކުރުމަށްޓަކައި، ދަރަނިތަކުން ސަލާމާތްކުރުމަށް ނުކުންނަން އެބަޖެހޭ. 23 ސެޕްޓެމްބަރުގައި ވޯޓްލައި މިކަން ނިންމަންޖެހޭ. ﷲ ގެ އިރާދަފުޅާއެކު ކާމިޔާބު ލިބިގެންދާނީ ހައްގުގެ މަގަށް" ޖުމްހޫރީ ޕާޓީގެ ލީޑަރ ވިދާޅުވިއެވެ.
މިއަދު ދިވެހިރާއްޖެ ހޭދަކުރަމުންމިދަނީ ނާމާން، އަނދިރި އަދި އަނިޔާވެރިކަމާއި، ފަސާދައާއި، ކޮރަޕްޝަނާއި، ނާއިންސާފުން ފުރިގެންވާ ދުވަސްތަކެއްކަން ފާހަގަ ކުރައްވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުންވެސް މިއަދު ފެންނަމުންދަނީ، އެކަންކަމުން ގައުމު ސަލާމަތްކުރުމަށް ރައްޔިތުން ވަރަށް ފޯރިއާއެކު ކުރަމުންގެންދާތަން ކަމަށެވެ.
މިމުހިންމު މަސައްކަތް ރައްޔިތުން ކުރަމުންދާ މިދަނޑިވަޅުގައި ރައްޔިތުންނާއެކު އެމަނިކުފާނަށް ނުހުންނެވޭކަމީ ލިބިވަޑައިގަންނަވާ ވަރަށްބޮޑު ނިކަމެތި އަދި ލިބިވަޑައިގަންނަވާ ވަރަށްބޮޑު ދެރައެއް ކަމަށެވެ. އަދި އެމަނުކުފާނަށް މިހެން ދިމާވެފައި މިވަނީވެސް ކީއްވެގެންކަން ރައްޔިތުންނަށް އެނގޭނެކަމަށް ވިދާޅުވިއެވެ.
"އިންސާފެއްނެތް، ބޭއިންސާފު ހުކުމެއް އަޅުގަނޑުގެ މައްޗަށްކޮށް، އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓް ކުރެވިފަ ވަނިކޮށް ޣައިރު ހާޟިރުގައި، ޣައުރުގާނޫނީ ގޮތެއްގައި ކުރެވުނު ހުކުމެއްގެ ސަބަބުން. މިފަދައިން ތިބި ކިތަންމެ ބޭފުޅުން އެބަތިބި. އަބްދުﷲ ޔާމީނަށް ވެރިކަން ހޯދައިދިނުމަށް މަސައްކަތްކުރި ހުރިހާ އެންމެން އެތިބީ ޖަލުގައި. މިއީ، އޭނަގެ އުސޫލަކީ" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދީފިނަމަ މުޅި ގައުމު ފުނޑުފުނޑުވެ، ގައުމާއި ރައްޔިތުން މިހާރަށްވުރެ ނިކަމެތިވެ އެކަހެރިވެގެންދާނެ ކަމަށާއި، ގައުމު އަޅުވެތީންގެވެސް އަޅުވެތިކަމަށް ވެއްޓިގެންދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
އެންމެންވެސް ތަރައްގީ ބޭނުންވާ ކަމަށާއި، މިސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ދެގުނަ ތިންގުނަ ބޮޑު އަގުގައި ކަމަށާއި، މިއީ ރައްޔިތުންގެ ބޮލުގައި އަޅުވަމުންދާ ބޮޑެތި ދަރަނިތަކެއް ކަމަށް ގާސިމް އިބްރާހިމް ވިދާޅުވިއެވެ. މިއީ ރައްޔިތުންނަށް ދެވޭ ވަރަށްބޮޑު އަނިޔާއެއް ކަމަށްވެސް ވިދާޅުވިއެވެ. ޔާމީން ވެރިކަމަށް ވަޑައިގެންނެވިފަހުން ދިވެހި ކޮންމެ ރައްޔިތެއްގެ ބޮލުގައި މިހާރުވެސް 2 ލައްކަ ރުފިޔާގެ ބޮޑު ދަރަންޏެއް އެޅިފައިވާކަމަށް ގާސިމް ވިދާޅުވިއެވެ.
މިސަރުކާރުގެ އަނިޔާވެރިކަމުގެ ވާހަކަތައް ވިދާޅުވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނުނަގައިގެން ވަގަށްވަދެ، އުއްތަމަ ފަނޑިޔާރާއި، އެހެން ފަނޑިޔާރަކު ދަމާފައި ގެންދިޔަ ވާހަކައަކީ ދިވެހި ތާރީޚްގައި އަދި ދުނޔޭގެ ތާރީޚްގައިވެސް ހިނގާފައިވާ ކަމަށް އަޑުއެއްސެވި ވާހަކައެއް ނޫންކަމަށް ގާސިމް ވިދާޅުވިއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އެހާލު ޖެއްސީ، އަދުލުވެރި ހުކުމެއް ކުރެއްވުމުން ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ ޚިލާފަށް އެފަދަ ތަމްސީލު ނުކުޅެވޭނެ ކަމަށާއި، އެއީ ގާނޫނުއަސާސީ ތަންދޭކަމެއް ނޫންކަމަށް ވިދާޅުވިއެވެ. ސުޕްރީމް ކޯޓުގެ ހުކުމާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންނާމެދު ކަންތައް ކޮށްފައިވާ ގޮތަކީ ރައްޔިތުން ބަލައިގަންނާނެކަމެއް ނޫންކަމަށް ގާސިމް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި ވޯޓް އޮޅުވާލުމުގެ ވާހަކަތައް އިވިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް އެކަން ވިޔަ ނުދިނުމަށް މުއައްސަސާތަކަށް ގާސިމް ގޮވާލެއްވިއެވެ. މުއައްސަސާތަކުގެ ވެރިންވެސް އެބޭފުޅުންގެ ވާޖިބު އަދާކުރެއްވުމަށާއި، ވޯޓާބެހޭ އޮފިޝަލުންވެސް ފަރުވާކުޑަނުކޮށް، އިހުމާލުނުވެ ގާނޫނީ ވާޖިބު އަދާކުރުމަށް ގޮވާލެއްވިއެވެ. ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި، އެބާރުތައް ދެމިއޮންނާނީވެސް ރައްޔިތުންގެ ކިބައިގައި ކަމަށާއި، މިހާރު މިއަންނަނީ އެވަގުތު ކަމަށްވެސް ގާސިމް އިބްރާހިމް ފާހަގަކޮށްލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ