ގދ. މަޑަވެއްޔަށް ކަރަންޓު ދިނުމަށް ބޭނުންކުރާ އިންޖީނެއް، މިދިޔަ ބުރާސްފަތި ދުވަހު ގޮވުމުގެ ސަބަބުން އެ ރަށުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ މިއަދު ހައްލުވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކައިގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު މަނިކު ވިދާޅުވީ، މިއަދުގެ ވަގުތެއްގައި އައު ދެ އިންޖީނެއް އެރަށަށް ގެންގޮސްފައިވާ ކަމަށެވެ. މިއަދު ގެންދިޔަ 160 ކިލޯވޮޓުގެ ދެ ޖަނަރޭޓަރު އިންސްޓޯލް ކުރުމަށް ފަހު، މިއަދު އިރުއޮއްސުމުގެ ކުރިން އަލުން މުޅި ރަށަށް ކަރަންޓް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޑަވެއްޔަށް ކަރަންޓު ދޭން ބޭނުންކުރަމުން އައީ 250 ކިލޯވޮޓްގެ އިންޖީނަކާއި 180 ކިލޯވޮޓްގެ އިންޖީނެކެވެ. އެ ތަނުން 250 ކިލޯވޮޓްގެ އިންޖީނު ގޮވުމުގެ ސަބަބުން އެ އިންޖީނު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
މަޑަވެލީ ކައުންސިލް މެންބަރު ހަމީޒް އަހުމަދު ވިދާޅުވީ، އެ ރަށުގައި ހުރި ސަރުކާރުގެ އޮފީސްތަކަށް މި ވަގުތު ކަރަންޓް ދޫކޮށްފައިވާ ކަމަށާއި ކަރަންޓުގެ މައްސަލަ ހައްލުވަންދެން ކަރަންޓު ދޫކުރާނީ އެކި ސަރަހައްދުތަކަށް އެކި ވަގުތުތަކުގައި ކަމަށެވެ.
އާބާދީގައި 2،000 މީހުން ދިރިއުޅޭ މަޑަވެލިން ކަރަންޓު ކެނޑި، މައްސަލަ ހައްލު ނުވެ ހަތަރު ދުވަސް ވެފައިވާ އިރު، އެ ރަށުގެ ރައްޔިތުން ވަނީ ވަރަށް ބޮޑު ދަތިތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.
މަޑަވެލީ ކަރަންޓުގެ މައްސަލަ މިއަދު ހައްލުވާނެ: ފެނަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ