ފާރިސް މައުމޫން ހައްޔަރުކުރުން ގޯސް: ހައިކޯޓް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ދިއްގަރު ދާއިރާގެ އޭރުގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ބާތިލު އަމުރެއް ކަމަަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.ރައީސް ޔާމީންގެ ވެރިކަމުގައި ނިމިދިއަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން ސިޔާސީ ހަމަނުޖެހުންތައް އިންތިހާއަށް ފެންމަތިވެގެންދިޔައެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި، 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ބޭފުޅުން ހައްޔަރު ކުރުމުގެ އަމުރުތަކެއް އޭރު ކްރިމިނަލް ކޯޓުން ނެރެފައިވެއެވެ.އޭގެ ތެރޭގައި ފާރިސް މައުމޫން ހައްޔަރު ކުރުމާއި ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުތަކެއް ނެރެފައިވެ އެވެ. އޭރު ފާރިސް މައުމޫނަކީ، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ.ފާރިސްގެ ފަރާތުން މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ 30 ޖުލައި 2017 ގައެވެ. ފާރިސް ވަނީ އިސްތިއުނާފުގައި 11 ނުކުތާއެއް ފާހަގަކޮށްފައެވެ. މި މައްސަލައިގައި މިއަދު ހައިކޯޓުން އިއްވި ހުކުމުގައި ކްރިމިނަލް ކޯޓުގެ އެ އަމުރު ބާތިލުކަމަށް ކަނޑައަޅާފައިވާއިރު، އެގޮތަށް ހުކުމް ކުރީ މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މި މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމް އާއި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ފައިސަލް ބެއްލެވި މި މައްސަލާގައި ދަށު ކޯޓްގެ އަމުރު ބާތިލު ކަމަަށް ނިންމި ވަރަށް ގިނަ ސަބަބުތައް ބަޔާންކޮށްފައިވެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފާރިސްގެ މައްޗަށް ގިނަ ދައުވާތަކެއް ވެސް އުފުލާފައިވެއެވެ. އެގޮތުން ފާރިސްގެ މައްޗަށް ރިޝްވަތުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާ އުފުލުމަށްފަހު ފަހުން ވަނީ އެ ދެ ދައުވާ އަނބުރާ ގެންގޮސްފައެވެ. އަދި ފާރިސްގެ މައްޗަށް ދެން އުފުލި ޝަހްޝު އޮޅުވާލުމުގެ ދައުވާ ސާބިތުވެ އޭނާ އަށް ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް އެ ހުކުމް ހައިކޯޓުން ފަހުން ވަނީ ބާތިލުކޮށްފައެވެ.ފާރިސް މައުމޫން ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ބާތިލު އަމުރެއް ކަމަަށް ހައިކޯޓުން ކަނޑައެޅުމާއި ގުޅިގެން ބޭއިންސާފާ ދެކޮޅަށް މަސައްކަތް ކުރުމުން ނުހައްގުން ދިން އަނިޔާތަކަށް މިއަދު އިންސާފު ލިބިފައިވާ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މިއަދު ވަނީ ވިދާޅުވެފަ އެވެ.ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޭއިންސާފާ ދެކޮޅަށް މަސައްކަތް ކުރުމުން ނުހައްގުން ދިން އަނިޔާތަކަށް މިއަދު އިންސާފު ލިބިއްޖެ ކަމަަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ