ރައީސް ޔާމީން ޖަލަށްލުމުން ރޮވުނު، އެއީ އެދޭގޮތެއް ނޫން: ރައީސް ނަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަކީ އެދިވަޑައިގެންނެވި ކަމެއް ނޫން ކަމަށާއި އެމަނިކުފާނު ޖަލަށްލީ ދުވަހު އެކަމާއި ދެރަވެ ރޮވުނު ކަމަށް އެމްޑީޕީ އާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ހަރުގޭގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ވެރިން ހައްޔަރުކޮށް، ޖަލަށްލުމުގެ ސަގާފަތަކީ ކަންބޮޑުވާކަމެއް ކަމަށެވެ. އެގޮތުން އެމަނިކުފާނު ވެރިކަމުގައި ހުންނެވި އިރު އެ ސަގާފަތް ދޫކޮށްލުމަށް ފުރުސަތު ލިބިވަޑައިގެން، ހިތްވަރާއެކު އެކަން ކުރެއްވި ކަމަށް ވިދާޅުވި އެވެ.
އެ ފުރުސަތު ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ނަމަވެސް އެކަން އެމަނިކުފާނު ނުކުރެއްވިކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީން އެކަން ކުރެއްވިނަމަ މިއަދުގެ ހަގީގަތް ވަރަށް ތަފާތުވީސް ކަމަށެވެ.
"ރައީސް ޔާމީން ޖަލުގައި އިންނަވަން ޖެހުމަކީ އެއީކީއެއް ކޮންމެހެން އަޅުގަނޑު އުފާފާޅު ކުރަމުން ހަވާ އަރުވަމުން ދުވާ ކަމެއް ނޫން. ތިބޭފުޅުންނަށް ފަހަރުގައި ފާހަގަވެފައި އޮވެދާނެ އަޅުގަނޑު ޖަލަށްލާފައި ހަވާ އެރުއްވުމާއި ލަގިރި ޖެހުމާއި ލަވަ ކިޔުއްވުމާއި މާ ބެހުމާއި މި ހުރިހާ ކަމެއް، އެހެންނަމަވެސް އަޅުގަނޑު ރައީސް ޔާމީން ޖަލަށްލީ ދުވަހު ވީ ދެރަ! އަޅުގަނޑަށް ރޮވުނު އަޅުގަނޑު އެދޭ ގޮތެއް ނޫން އެއީކީ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ރައީސް ޔާމީނަށް އިސްތިއުނާފުގެ ހުރިހާ މަރުހަލާއެއް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި ކުރީގެ ރައީސަކު އެންމެ މިނެޓަކަށް ވެސް ޖަލުގައި ހުންނަން އެދިވަޑައިނުގަންނަވާ ކަަމަށާއި ނަމަވެސް ރާއްޖޭގެ ގާނޫނުތަކާއި އާންމު އުސޫލުތަކާއި ހަމަތައް ދަމަހައްޓައި ހިފަހައްޓަންޖެހޭ ކަމަށް ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ ވެރިންނަށް، އަޅުގަނޑަށް ވެސް އެބަ ސާފުވާންޖެހޭ ހިތަކަށް ލިބޭ އެއްޗެއް ނޫންކަން ވެރިކަމަކީ. އަޅުގަނޑުމެންނަކީ، ވެރިންނަކީ މުހިންމު ބައެއް ނޫންކަން، އަޅުގަނޑުމެން ހުރިހާ ވެރިން ވެސް ދެން އަންނާން ތިބި ވެރިން ވެސް ދަންނަން އެބަޖެހޭ. މިއަދެއް ދެން ނުލިބޭނެ އަޅުގަނޑުމެން އުންމީދު ކުރަންވީ މާދަމާއަށް،" ނަޝީދު ވިދާޅުވި އެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ ޖަލަށްލާން ހުކުމްކުރީ ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. ރައީސް ޔާމީން ޖަލުގައި ހުންނަވާތާ އަހަރު ދުވަސް ވެފައިވާއިރު މިހާރުވެސް އިތުރު ދެ ދައުވާއެއް އެމަނިކުފާނުގެ މައްޗަށް ވަނީ އުފުލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ