ގއ. ވިލިނގިލީގައި ކަރަންޓުގެ މައްސަލަ ދިމާވާތާ ހަފްތާއެއް ވެއްޖެ

ގއ. ވިލިނގިލީގައި ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާތާ ހަފްތާއެއް ވެއްޖެ އެވެ. ވިލިނގިލީ ކައުންސިލްގެ ރައީސް ނިޔާޒު ނިޒާރު "ސަން" އަށް ވިދާޅުވީ، އެރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވެފައި ވަނީ އިންޖީނުގޭގައި ބޭނުންކުރާ ޖަނެރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. "އިންޖީނުގޭގައި ބޭނުން ކުރަމުން އަންނަ ތިން ޖަނަރޭޓަރުގެ ތެރެއިން 800 ކިލޯވޯޓްގެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން ކަރަންޓު ކެނޑުމުގެ މައްސަލަ މެދުވެރިވީ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އަންނަނީ އެ މައްސަލަ ހައްލުކުރުމަށްޓަކައި މަސައްކަތް ކުރަމުން،" ނިޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރަނގަޅު ހާލަތުގައި ހުރީ 400 އާއި 260 ކިލޯވޯޓްގެ ޖަނަރޭޓަރެއް ކަމަށާއި އެ ދެ ޖަނަރޭޓަރުން މުޅި ރަށަށް ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށްނުދެވޭ ކަމަށެވެ. އެރަށުން "ސަން" އާ ވާހަކަދެއްކި އާންމު ރައްޔިތަކު ބުނީ "އިރުއިރުކޮޅާ ކަރަންޓް ކެނޑޭތީ" ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އަދި އެ މައްސަލައަށް ވީހާވެސް އަވަސް ހައްލެން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ. މިކަމާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ ބައެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ