ސައްހަނޫން ޓްރާންސްފަރ ސްލިޕް ފޮނުވައި، މަކާރާއި ހީލަތުން މުދާ ހޯދާ މައްސަލަތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދޭންޖެހޭ

ފަހަކަށް އައިސް މާލޭގެ ފިހާރަތަކުން މުދާ ގަތުމަށްފަހު ސައްހަނޫން ޓްރާންސްފަރ ސްލިޕް ހަދައި ވައިބަރކޮށް އޮޅުވާލައި މަކަރާއި ހީލަތުން މުދާ ހޯދަމުންދާ މައްސަލަތައް މިދަނީ ފެންމަތިވަމުންނެވެ.
މިއީ މިފަދަ ފިހާރައެއްގެ ސޭޓެއްގެ ވާހަކައެވެ. އެއްދުވަހު އޭނާގެ ފިހާރައަށް އެއްޗެއް ގަންނަންއައި މީހެކެވެ. މި ފިހާރައަކީ އޮންލައިންކޮށް ފައިސާ ޓްރާންސްފަރ ކުރެވޭގޮތަށް އެކައުންޓް ނަންބަރާއި ވައިބަރ ނަންބަރު ކައުންޓަރުގައި ހަަރުކޮށްފައި ހުރި ފިހާރައެކެވެ. އެ ފިހާރައިގެ ސޭޓު ކިޔައިދިން ގޮތުގައި އެ މީހާ ހުރީ ވަރަށް ސުމާޓުކޮށެވެ. ވައްކަމެއް ކޮށްފާނެ ފަދަ އެއްވެސް ސިފައެއް އޭނަގެ ކިބަޔަކުން ނުފެނެއެވެ. އޭނާ ފިހާރައަށް ވަދެ 350 ރުފިޔާގެ ސާމާނު ނެގިއެވެ. އަދި އެތަކެއްޗަށްވާ ފައިސާ ޓްރާންސްފަރ ކުރުމަށްފަހު އެ ފިހާރައިގެ ނަންބަރަށް ސްލިޕް ވައިބަރ ކުރިއެވެ. އެހެންކަމުން ސްލިޕް ލިބުނުތޯ ސޭޓު ފޯނު ޗެކްކޮށްލުމަށްފަހު ސްލިޕް ލިބިފައި އޮތުމުން ފައިސާ ދެއްކީ ކަމަށް ސޭޓަށް ގަބޫލު ކުރެވުނެވެ. އެހެންވެ  ސްލިޕް ލިބިފައި އިން ކަމަށް ބުނުމުން، އެމީހާ ގަތް މުދާކޮޅު ހިފައިގެން އެ މީހާ ފިހާރައިން ނިކުތެވެ.
އެރޭ ފިހާރަ ބަންދުކޮށް ފައިސާ ގުނިއިރު، ފިހާރައިން ވިޔަފާރިކުރުމަށްފަހު އިންޓަނެޓް ބެންކިން މެދުވެރިކޮށް އެ ކަސްޓަމަރު ފިހާރައިގެ އެކައުންޓަށް ޖަމާކުރި ކަމަށް ބުނި ފައިސާ ފިހާރައިގެ އެކައުންޓަށް ޖަމާވެފައެއް ނުވެއެވެ. އެހެންކަމުން މިކަމާ ސޭޓު ވަރަށް ކަންބޮޑުވިއެވެ. ނަމަވެސް ދެން އެ ފައިސާ އަނބުރާ ހޯދޭނެ ގޮތެއް ނުވިއެވެ. އެއީ ކޮންތާކު އުޅޭ ކާކު ކަމެއްވެސް ސޭޓަކަށް ނޭނގެއެވެ.
މިފަދަ ކަންކަމަކީ ވަރަށް ބޮޑަށް ފާރަވެރިވާންޖެހޭ ކަމެކެވެ. ފުލުހުންނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ފަދަ މީހުން އެކަން ކުރާކަން ފާހަގަކުރެވިފައިވަނީ އެޑިޓްކޮށް ހަދާފައިވާ ސައްހަނޫން ސްލިޕެއް، އެ ސްލިޕްގެ ތާރިހާއި ވަގުތާ އަދި ގަންނަން ބޭނުންވާ އެއްޗަކަށް އަރާ އަގު ބަދަލުކޮށް އެޑިޓްކޮށްގެންނެވެ. އަދި އެ ސްލިޕްގައި ޖަހާފައިވާ ގަޑީގެ ދެތިން މިނެޓް ކުރިން އެ ސްލިޕްގެ އަގަށްވާ ތަކެތި ނަގަންފިހާރައަށް ގޮސް ވިޔަފާރި ކުރުމަށްފަހު ފައިސާ ދައްކަން ބުނުމުން، ފައިސާވެސް އެކައުންޓަށް ފޮނުވައި ސްލިޕް ވައިބަރ ކޮށްފައިވާކަމަށް ވައްކަންކުރަން އައި މީހާ ބުނެއެވެ. މިހެން ބުނުމުން ފިހާރައިގެ ފޯނަށް ޓްރާންސްފަރ ސްލިޕް ވައިބަރ ކޮށްފައި އޮތްތަން ފެނުމުން ސޭޓުވެސް އެކައުންޓް ބަލައެއް ނުލައެވެ. އެކައުންޓްގެ ނަންބަރު ރަނގަޅުތޯވެސް ކަށަވަރުކޮށް ނުލައެވެ. ޓްރާންސްފަރ ސްލިޕް ވައިބަރކޮށްފައި އޮތީމައި ވިޔަފާރިކުރި މީހާ ނުވަތަ އެއްކަލަ ވަގު ކަސްޓަމަރަށް ޔަގީންކަންދީ ފޮނުވާލަނީއެވެ.
މިފަދަ ގޮތަކަށް ވައްކަންކުރާ މައްސަލަތައް އިތުރުވަމުންދާކަމީ މިއަދު މިކަމަށް ބޮޑު ސަމާލުކަން ދޭނެްޖެހިފައިވާ ކަމެކެވެ. އެހެނީ ވައްކަންކުރާ ވަގުން މޮޅެތި އުކުޅުތައް އީޖާދުކޮށް ޒަމާނާ އެއްގޮތަށް ވައްކަންކުރުން ވެސް ތަރައްގީ ކުރަމުންދާއިރު، މަކަރުވެރިންގެ މި އުކުޅުތަކަށް ވިޔަފާރިވެރިންނާއި ސޭޓުން ވަރަށް ރަނގަޅަށް ސަމާލުވެ ލޯ ހުޅުވައިގެން ތިބެންޖެހެއެވެ. ޒަމާނީ ވަސީލަތްތަކާއެކު ވިޔަފާރީގެ ފަސޭހަކަން ބޭނުންކުރި ނަމަވެސް މިފަދަ ކަންކަމުގައި ފަރުވާ ކުޑަ ނުކުރުން ވަރަށް މުހިންމެވެ. އެގޮތުން އޮންލައިންކޮށް ވިޔަފާރިކުރުމަށްފަހު ފޮނުވާ ސްލިޕްތައް ފޮނުވުމުން އެކައުންޓަށް ޖަމާވެފައިވޭތޯ  އާއި އެކައުންޓް ނަންބަރު ރަނގަޅުތޯ ވަގުތުން ބަލާލުމަކީ މިފަދަ ކަންކަމުން ސަލާމަތްވުމަށް ކުރެވިދާނެ ކަމެކެވެ. އޮންލައިން ޓްރާންސްފަރ ކޮށްފިނަމަ ކަސްޓަމަރުގެ މައުލޫމާތު ނޯޓުކުރުމަކީވެސް މިފަދަ މައްސަލަތަކުން ސަލާމަތްވުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅެކެވެ. ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. ވައްކަން ކުރުމުގެ ފުރުސަތު ހަނި ގޮތަކަށް ނަމަވެސް ނުދިނުމުގެ ގޮތުންނެވެ.އެހެން ނޫނީ ފަހުން ލިބޭ ގެއްލުން މާބޮޑުވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ