"ސްކޫލް ހޮލިޑޭ ކްރިއޭޓިވް އެކްސްޓްރާވެގެންޒާ 2020"ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމް.އެމް.އައިއިން ސްކޫލް ބަންދު ދުވަސްތަކާ ދިމާކޮށް ބާއްވަމުން އަންނަ ހޮލިޑޭ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
"ސްކޫލް ހޮލިޑޭ ކްރިއޭޓިވް އެކްސްޓްރާވެގެންޒާ 2020"ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމް އަންނަ ޑިސެމްބަރ މަހުގެ 6 އިން 21 އަށް ކުރިއަށްދާނެކަމަށް އެމް.އެމް.އައިއިން ބުނެއެވެ. މި ޕްރޮގްރާމަކީ މީޑިއާއާއި ކްރިއޭޓިވް އާރޓްސްގެ ދާއިރާއަށް ދަރިވަރުން ޝަޢުގުވެރިކަން އުފައްދާ އަހުލުވެރިކުރުވުމަށް ކޮންމެ އަހަރެއްގެވެސް ސްކޫލް ބަންދާދިމާކޮށް އެމް.އެމް.އައިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މިފަހަރުގެ ޕްރޮގްރާމުގައި މީޑިއާއާއި ކްރިއޭޓިވް އާރޓްސްގެ ދާއިރާއާއި ގުޅުންހުރި ޖުމްލަ 12 ވޯކްޝޮޕެއް ކުރިއަށްދާނެކަމަށް އެމް.އެމް.އައިން މަޢުލޫމާތުދެއެވެ. އޭގެ ތެރޭގައި ދިވެހިބަހުންނާއި އިނގިރޭސި ބަހުން ޚަބަރު ލިޔުން، ޓީވީއާއި ރޭޑިއޯ ޕްރެޒެންޓިންގ، ޕަބްލިކް ސްޕީކިންގ، ފިލްމް އެޑިޓިންގ، ވޯކަލްއާއި ކޮރިއޮގްރަފީ ޕްރޮގްރާމުގެ އިތުރުން ކުޑަކުދިންނަށް ފަހަން ދަސްކޮށްދޭ ޕްރޮގްރާމް ހިމެނެއެވެ.
އެމް.އެމް.އައިގެ ބިޒްނަސް ޑިވެލޮޕްމަންޓް ކޯޑިނޭޓަރ ޢާއިޝަތު ސަމާޙާ ޙުނައިފު ވިދާޅުވީ، ކޯވިޑް-19ގެ މި ޙާލަތުގެ ސަބަބުން، މިފަހަރުގެ ޕްރޮގްރާމުގައި ސެޝަންތައް ކުރިއަށްދާނީ އެޗް.ޕީ.އޭއިން އެކުލަވާލާފައިވާ ގައިޑްލައިންތަކާ އެއްގޮތަށްކަމަށެވެ. އަދި މި 12 ޕްރޮގްރާމުގެ ތެރޭގައި އޮންލައިންކޮށްވެސް ބައެއް ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާތީ، އަތޮޅުތަކުގެ ކުދިންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެކަން ސަމާޙާ ފާހަގަކުރެއްވިއެވެ.
"ބައެއް ވޯކްޝޮޕްތައް މުޅިން ގެންދާނީ އޮންލައިންކޮށް. ނަމަވެސް އެބަހުރި މުޅިން އޮފްލައިންކޮށް އެމް.އެމް.އައިއަށް ދަރިވަރުން ގެނެސް، ގައިދުރުކޮށް ބަހައްޓައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ވޯކްޝޮޕްތައްވެސް. ބެލެނިވެރިންނަށް ވާނީ އިޚްތިޔާރުދީފައި މުޅިން އޮންލައިންކޮށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ނުވަތަ ހައިބްރިޑްކޮށް ނުވަތަ އެމް.އެމް.އައިގެ ފެސިލިޓީއަށް ދަރިވަރުން ފޮނުވައިގެން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ދަރިވަރުން ބައިވެރިކުރުމަށް" ސަމާޙާ ވިދާޅުވިއެވެ.
އުމުރުން 8 އަހަރާއި، 18 އަހަރާއި ދެމެދުގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. 2 ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްތަކުގެ އަގު އުޅެނީ 400 ރުފިޔާއާއި 600 ރުފިޔާއާއި ދެމެދުގައިކަމަށް އެމް.އެމް.އައިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ