އަފްޣާނިސްތާނުގެ ރައީސް ކަމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން، އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް ބެލެވޭ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ އަބްދުﷲ އަވަހާރަކޮށްލަން މިއަދު ބޮމުގެ ދެ ހަމަލާއެއް ދީފި އެވެ.
އަފްޣާނިސްތާނުގެ ދާހިލީ ވުޒާރާގެ ތަރުޖަމާނު ސިއްދީގު ސިއްދީގު ވިދާޅުވީ އަބްދުﷲ އަވަހާރަކޮށްލުމަށް މިއަދު ބަޔަކު ހަމަލާ ދިނީ ވެރިރަށް ކާބުލްގެ ހޮޓަލެއްގައި އަޮތް ކެމްޕޭން އެއްވުމެއް ނިންމަވާލެއްވުމަށް ފަހު ކާރުގައި ވަޑައިގަންނަވަނިކޮށް ކަމަށެވެ. މި ހަމަލާގައި އަބްދުﷲ އާއި އޭނާގެ ރަނިންމޭޓަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ. ނަމަވެސް އާންމުންގެ ހަ މީހަކު ވަނީ ހަމަލާގައި މަރުވެފަ އެވެ.
އަބްދުﷲ އަށް އަމާޒުކޮށް އެއް ހަމަލާ ދިނީ ވެހިކަލެއްގައި ގޮވާތަކެތި ހަރުކޮށް މީހަކު އަމިއްލަ އަށް މަރުވެގެން ގޮއްވާލައިގެންނެވެ. އަނެއް ހަމަލާ ދީފައި ވަނީ ކާރު ދަތުރުކުރި މަގުގައި ހަރުކޮށްފައިވާ ބޮމެއް ގޮއްވާލައިގެންނެވެ. މިއީ މިފަހަރު ރިޔާސީ ކެންޑިޑޭޓަކަށް އަމާޒުކޮށް އަފްޣާނިސްތާނުގައި ދިން ފުރަތަމަ ހަމަލާ އެވެ.
މިހާރު ވެރިކަންކުރައްވާ ހާމިދު ކަރުޒާއީގެ ދެ ދައުރު ހަމަވެ އާ ބޭފުޅަކު އިންތިހާބު ކުރުމަށް ބޭއްވި ރިޔާސީ އިންތިހާބުގައި ދެން ކުރިއަށް އޮތީ ދެ ވަނަ ބުރެވެ. ފުރަތަމަ ބުރުގައި އަބްދުﷲ ވަނީ 45 ވޯޓް ކާމިޔާބުކުރައްވައިފަ އެވެ. އޭނާއާ ވާދަކުރައްވާ އަޝްރަފް ޣާނީ އަށް ލިބިވަޑައިގަތީ 31 ޕަސެންޓެވެ.
އަފްޣާންގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ އަވަހާރަކޮށްލަން ހަމަލާ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ