ވަޒީފާގައި ލިބޭ ގެއްލުންތަކަށް އެހީވާ ގައުމީ ނިޒާމެއް ގާއިމްކުރަން ގާސިމް ގޮވާލައްވައިފި

ވަޒީފާގެ ވާޖިބު އަދާކުރަމުންދަނިކޮށް ދިމާވާ ހިތާމަވެރި ހާދިސާތަކުގައި ލިބޭ ގެއްލުންތަކާ ގުޅިގެން އިޖުތިމާއީ ރައްކާތެރިކަމާ އެހީތެރިކަން ހައްގުވާ ފަރާތްތަކަށް އެކަންކަން ފަހިކޮށްދެވޭނެ ގައުމީ ނިޒާމެއް ގާއިމްކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގުރޫޕުގެ ޗެއާމަން ގާސިމް އިބްރާހީމް ގޮވާލައްވައިފި އެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ އެމްޕީއެލް ސަރަހަައްދުގައި މިރޭ ހިނގި ހިތާމަވެރި ހާދިސާއެއްގައި ދެ މީހަކު ނިޔާވުމާއި ގުޅިގެން ނިޔާވި ދެމީހުންގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ ނެރުއްވި ބަޔާނުގަ އެވެ.
މިބަޔާނުގައި ގާސިމް އިބްރާހީމް ވަނީ ނިޔާވި ދެ މީހުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ކީރިތިﷲގެ ހަޟްރަތުގައި ދުއާ ދަންނަވާފަ އެވެ. މިހާދިސާގައި ޖިސްމާނީ އަދި ނަފްސާނީ ގެއްލުން ލިބުނު އާއިލާތަކަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުން އެދި ދުއާ ކުރައްވާ ކަމަށް ވެސް ގާސިމް އިބްރާހީމްގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
"އެއްވެސް ޝައްކެތް ނެތް ގޮތުގައި ވަޒީފާގެ ވާޖިބު އަދާކުރެއްވުމުގައި ދެމިތިއްބަވަނިކޮށް ދިމާވި ކުއްލި ހާދިސާއެއްގައި މިރޭ އަޅުގަނޑުމެންނާ ވަކިވެދިޔަ ދެ މަރުހޫމުން ވެސް އެންމެފަހު ނޭވާއާ ހަމައަށް ހިދުމަތްކުރައްްވަމުން އެ ގެންދެެވީ ދިވެހި ގައުމަށެެވެ. ހިންމަތާއެކު މަސައްކަތް ކުރައްވަމުން އެ ގެންދެވީ އާއިލާގެ ހައްގުގަ އެެވެ،" ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ މަސައްކަތުގެ ކޮންމެ މާހައުލަކީ ރައްކާތެރިކަން ގެރެންޓީ ކުރެވިފައިވާ އަދި އިންސާނުންގެ ސަލާމަތާ ފުރާނައިގެ ހިމާޔަތަށް އިސްކަންދެވޭ އުސޫލަކަށް ކަންކަން އިންތިޒާމްކޮށް ބައްޓަން ކުރެވިފައިވާ ތަންތަނަށް ހަދަން ޖެހޭ ކަމަށެވެ. އަދި މިހާދިސާ ކަމާ ބެހޭ މުއައްސަސާތަކުން ޒިންމާދާރުކަމާއެކު ތަހުގީގުކުރައްވާ އަޅުއްވަންޖެހޭ ކޮންމެ ފިޔަވަޅަކާއި ގެންނަވަންޖެހޭ ކޮންމެ އިސްލާހީ ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ