އަލިފާން ކޮންޓްރޯލް ކުރަން ސިފައިން މަސައްކަތްކުރީ ވިސްނުންތެރިކަމާއިއެކު - މައުމޫން

މާލޭގައި ރޭ ހިނގައިދިޔަ އަލިފާނުގެ ހާދިސާތައް ކޮންޓްރޯލް ކުރަން ދިވެހި ސިފައިން މަސައްކަތް ކުރީ ވިސްނުންތެރިކަމާއިއެކު ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ ރޭ ދަންވަރު ކުރެއްވި ޓުވީޓެއްގައިއެވެ.
ރައީސް މައުމޫންގެ ޓުވީޓުގައި ވިދާޅުވެފައިވަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުގެ ޓީމުން ފުރިހަމަ ޒިންމާ އަދާކޮށްފައިވާ ކަމަށާއި އަލިފާނުގެ ހާދިސާތައް ކޮންޓްރޯލް ކުރުމަށްޓަކައި ސިފައިން ވިސްނުންތެރިކަމާއިއެކު ކުރި މަސައްކަތް ފާހަގަކުރާ ކަމަށެވެ.
ރޭ މާލޭގެ އެކި ތަން ތަނުގައި ރޯ ކުރަން އުޅުނު ކަމުގެ މައުލޫމާތު "ވަގުތަށް" ވަނީ ލިބިފައެވެ. ރޭ މާލޭގައި އެންމެ ފުރަތަ އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މާފަންނުގައި ހުންނަ ލިލީ ސްޓޯރުގެ ގުދަނުގައިއެވެ. އަލިފާނުގެ ހާދިސާ ހިނގި ގޮތް މިހާތަނަށް އެނގިފައިނުވި ނަމަވެސް އޭގެ އިރުކޮޅެއް ފަހުން މާލޭ ކުޅިވަރު އެކުވެނި ކައިރީގައި ހުރި ރެސްޓޯރަންޓެއްގައި ވަނީ ބަޔަކު ގަސްދުގައި ރޯކޮށްލާފައެވެ.
މިދެ ހާދިސާ ހިނގުމާއިއެކު، އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވިއިރު، ގުދަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ ރޯވިތާ ދެގަޑިއިރެއްހާއިރު ފަހުންނެވެ. އަދި ރެސްޓޯރަންޓުގައި ރޯވި އަލިފާންގަނޑު، ރޯވިތާ ކުޑަ އިރުކޮޅެއް ތެރޭގައި ނިއްވާލިއެވެ.
ލިލީ ސްޓޯރުގެ ގުދަނުގައި އަލިފާން ރޯވެ އަދި ރެސްޓޯރެންޓެއްގައި ބަޔަކު އަލިފާން ރޯކޮށްލުމާއި ގުޅިގެން އެއް ނަންބަރު ކުނި ކޮށި ކައިރި އާއި މާލޭގެ ހުރިހާ ލަކުޑި ގުދަންތަކާއި ޕެޓްރޯލް ޝެޑްތައް އަދި އަލިފާން ހިފާ ޒާތުގެ ތަކެތި ގެންގުޅޭ ސަރަހައްދުތަކުގައި ފުލުހުންނާއި ސިފައިން ރޭ ވަނީ ފޯރިމަރާފައެވެ.
ރޭގެ އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް މާބޮޑު އަނިޔާއެއް ނުލިބެއެވެ. ނަމަވެސް ދުމުގެ އަސަރުކޮށްގެން ބައެއް މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ