ކަނޑައެޅިގެން އަބްދުﷲ ގާޒީ ހައްޔަރުކުރާނެ ކަމަށް ތޮލްހަތު ބުނެފައެއް ނުވޭ - ނިލާމް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ ތޮލްހަތު އިބްރާހިމް ކަލޭފާނު ކަނޑައެޅިގެން ވިދާޅުވެފައި ނުވާކަމަށް ބުނެ، އެމްއެންޑީއެފްގެ އިންޓެލިޖެންސްގެ ކުރގެ ވެރިޔާ ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ނިލާމް ކޯޓުގައި ހެކިބަސް ދެއްވައިފިއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި އޮތް ޝަރީޢަތުގެ އަޑުއެހުމުގައި، ނިލާމް ވިދާޅުވީ، އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ ހާދިސާގެ ދުވަސްވަރުގައި އޭނާ ދެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އެހެން ނަމަވެސް އެ ބައްދަލުވުންތަކުގައި، އޭރުގެ ޑިފެންސް މިނިސްޓަރ ތޮލްހަތު ވިދާޅުވީ ޤާއުމީ ސަލާމަތަށް ނުރައްކާތެރިވާ ވާހަކައެއް ކަމަށާއި، ސިފައިންނާއި ފުލުހުން ވެގެން އެކުގައި އޮޕަރޭޝަނެއް ހިންގަން އުޅޭ ވާހަކަ ކަމަށެވެ.
އެހެން ނަމަވެސް އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ ވާހަކަ ތޮލްހަތު ސީދާ ވިދާޅުވެފައި ނުވާކަމަށް ނިލާމް ވިދާޅުވިއެވެ.
ނިލާމް ވިދާޅުވީ، އޭނާ ހުރިހާ ބައްދަލުވުންތަކުގައި ބައިވެރިވެ ނުލައްވާ ކަމަށާއި، ބައިވެރިނުވާ ބައްދަަލުވުންތަކުގައި ވީގޮތެއް އެނގިނުލައްވާ ކަމަަށެވެ.
މިއަދު އޮތް ޝަރީޢަތުގެ މަޖިލީހުގައި ނިލާމްގެ ހެކިބަސް ނެގުމަށް ދައުލަތުން ހުށަހެޅުމުން، ތޮލްހަތުގެ ދިފާޢީ ވަކީލުން ވިދާޅުވީ އޭނާގެ ހެކިބަސް ނެގުމަށް އިއުތިރާޒްވާ ކަމަށެވެ. އެއީ، އެމްޑީޕީގެ ވެރިކަމުގައި، އެމްއެންޑީއެފް އިންޓެލިޖެންސްގެ އިސްވެރިޔާގެ ގޮތުގައި ހުންނަވައި، ފޯނުކޯލްތަކެއް ސިއްރުން އަޑުއެހި މައްސަލައިގައި އޭނާއަށް އިތުބާރު ގެއްލުމުގެ ސަބަބުން ތޮލްހަތު އޭނާ އެހެން މަޤާމަކަށް ބަދަލު ކޮށްފައި ވާތީއާއި، ފިތުނަ އުފެއްދުމުގެ މައްސަލަތަކަކާއި ގުޅިގެން އޭނާ އެމްއެންޑީއެފްގެ ވަަޒީފާއިން މިހާރު ވަކިކޮށްފައި ވާތީ، ތޮލްހަތާއި ދެކޮޅަށް ހަސަދައެއް އޮވެގެން ހެކިބަސް ދީފާނެ ކަމަށް ޤާބޫލު ކުރެވޭތީ ކަމަށް ތޮލްހަތުގެ ވަކީލުން ވިދާޅުވިއެވެ.
އެހެން ނަމަވެސް ދައުލަތުގެ ވަކީލުން ވިދާޅުވެފައި ވަނީ، ތޮލްހަތު ވަޒީފާގެ ޒިންމާ އަދާކުރުމަށް ކުރި ކަމެއްގެ ސަބަބުން އޭނާއަށް ހަސަދަ ލާނެ ކަމަށް ނުބެެލެވޭ ކަމަށެވެ.
ނިލާމްގެ އިތުރުން، ތޮލްހަތާއި ދެކޮޅަށް މިއަދު ހެކިބަސް ދެއްވާފައި ވަނީ ގާޒީ އަބްދުﷲ މުހައްމަދުގެ އަނބިކަނބަލުން އައިމިނަތު ޝަރީފާއި، އޭނާގެ ދައްތަ ސޯބިރާއެވެ. މި ދެ ކަނބަލުން ތޮލްހަތާއި ދެކޮޅަށް ހެކި ދެއްވަމުންވެސް ވިދާޅުވެފައި ވަނީ، އަބްދުﷲ ގާޒީ ހައްޔަރު ކުރި ރޭ ހާދިސާގައި ކަން ހިނގައިދިޔަ ގޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ