ސިއްހީ ނިޒާމު ދަށްވެ ދިގުރަށު ރައްޔިތުން ރަތަށް!

އދ. ދިގުރަށުގައި އެކަށީގެންވާ ސިއްހީ ނިޒާމެއް ގާއިމްވެފައި ނެތުމުން ރައްޔިތުން ކަންބޮޑުވެއްޖެ އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ދިގުރަށު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝިރުހާން ވިދާޅުވީ ރަށުގައި އެންމެ އާދައިގެ ބޭސްވެސް ލިބެން ނުހުންނަތާ އަހަރެއްހާ ދުވަސް ވެދާނެ ކަމަށެވެ.
ޝިރުހާން ވިދާޅުވީ ރަށުގައި ގާއިމް ކޮށްފައިވާ ބޭސްފިހާރައަކީ މީގެ ކުރިން ރައްޔިތުން ހިންގި ރައްޔިތުންގެ ބޭސް ފިހާރައެއް ކަމަށާއި އެހެން ނަމަވެސް މިހާރު އެތަން ހިންގަނީ ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެސްޓީއޯ އިން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ރަށުގެ ބޭސް ފިޮހާރައިން އެންމެ އާދައިގެ ބޭސްވެސް ލިބެން ނުހުންނާތީ ކައުންސިލްގެ ހަރަދުގައިވެސް މިހާރު ބޭސް ގެނެސްގެން ބަލި މީހުންނަށް އެ ބޭސް ފޯރުކޮށް ދީފައިވާނޭ ކަމަށެވެ.
އާސަންދައިގެ ދަށުން އެސްޓީއޯގެ ބެލުމުގެ ދަށުން ހުރިހާ ބޭހެއް ރައްޔިތުންނަށް ހިލޭ ފޯރުކޮށްދިނުމަށް އެސްޓީއޯއަށް ދިގުރަށު ރައްޔިތުންގެ ބޭސްފިހާރަ ދީފައިވަނީ އެއްވެސް އަގަކާއި ނުލާ ކަމަށްވެސް ޝިރުހާން ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި ވިދާޅުވީ ބޭސްފިހާރަ ރައްޔިތުން އެސްޓީއޯ އަށް ދީފައިވަނީ އެންމެ ޝަރުތަކާއި އެކު ކަމަށާއި އެހެން ނަމަވެސް އެކަންވެސް އެކަށީގެންވާ ގޮތަކަށް ނުވާ ކަމަށެވެ. އަދި އެ ޝަރުތަކީ އެއްވެސް ދަތި ކަމެއްނެތި ހުރިހާ ރައްޔިތުންނަށް ބޭސް ދާއިމަށް ލިބުން ކަމަށްވެސް ވިދާޅުވި އެވެ.
"މި ބޭސްފިހާރަ އެންމެ ފުރަތަމަ ހިންގީ މި ރަށު ރައްޔިތުން. އޭގެ ފަހުން އެސްޓީއޯ އަށް ދިނީ އަގަކާ ނުލާ. އެވެސް މި ރަށުގެ ސިއްހީ ނިޒާމު ރަނގަޅުވާނެ ކަމުގެ އުއްމީދުގަ. އެކަމަކު ރައްޔިތުން ކަނޑައެޅި ހަމަ އެކަނި ޝަރުތުވެސް އެމީހުންނަށް ފުއްދައެއް ނުދެވޭ. ރައްޔިތުންނަށް މައްސަލައެއް ނެތް ބޭސް ގަންނަން ޖެހުނަސް. ރަށުން ހުރިހާ ބޭހެއްވެސް ލިބުމަށް ރައްޔިތުން ބޭނުންވީ. އެސްޓީއޯއާއި ފުރަތަމަ ހަވާލުކޮށްގެން އުޅުނު ދުވަސް ކޮޅު ވަރަށް ރަނގަޅު. ހުރިހާ ބޭހެއްވެސް ލިބޭ. އެކަމަކު މިހާރު ނުލިބޭ. ވަރަށް ފަރުވާ ކުޑަ. ޑޮކްޓަރު ލިޔެ ދޭ ބޭސް ސިޓީ ހިފައިގެން މި ޖެހެނީ އެއް ރަށުން އަނެއް ރަށުން ސަލާންޖަހަން ބޭސް ނުލިބިގެން." ރައްޔިތުންގެ ކަންބޮޑުވުން އަޑު އަހަން ރައްޔިތުން ހޮވާފައިވާ ކައުންސިލަރެއްގެ ހައިސިއްޔަތުން އޭނާ ވިދާޅުވި އެވެ.
ޝިރުހާން ވިދާޅުވީ ބޭސް ނިލިބުމުގެ މައްސަލަ ތަކުރާރުކޮށް ކަމާގުޅޭ އިދާރާތަކަށް ހުށަހަޅާފައިވާނޭ ކަމަށާއި އެހެން ނަމަވެސް އެކަމަށް އެކަށީގެންވާ ހައްލެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ. އަދި ސިއްހީ މަރުކަޒުންވެސް އެތަށް ފަހަރަކު މިކަންތައް ކައުންސިލަށް ހުށަހެޅުމުން ބޭސްފިހާރައިގެ ކަންކަމާއި ހަވާލުވެގެންތިއްބަވާ އިސްބޭފުޅުންނާއި މަޝްވަރާ ކުރައްވާ ކަމަށާއި ނަމަވެސް ޖަވާބުގައި ބޭސް ލިބެންޖެހޭނެ ކަމަށް ވިދާޅުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ބޭސް ފިހާރައިން ބޭސް ލިބެން ނުހުންނާތީ ސިއްހީ މަރުކަޒުގައި ހުންނަ އެމެޖެންސީ ބޭސްތައް މިހާރު ރައްޔިތުންނަށް ދޫކުރަމުންގެންދާ ކަމަށެވެ. މިހާރު ވެސް އެކި ފަރާތްތަކުން އެހީ ހޯދައިގެން ކައުންސިލުން ރަށަށް ބޭސް ގަންނަމުންދާކަން ޝިރުހާން ފާހަގަކުރެއްވި އެވެ. ޝިރުހާން ވިދާޅުވީ، އެކަން ހެލްތް މިނިސްޓްރީގެ ސަމާލުކަމަށް ވެސް ގެނެސްފައިވާނެ ކަމަށެވެ. ނަމަވެސް ހައްލެއް ނުލިބޭ ކަމަށެވެ. އަދި ހެލްތު މިނިސްޓަރާއި ބައްދަލު ކުރެއްވުމަށް ތަކުރާރުކޮށް އެޕޮއިންޓްމެންޓަކަށް އެދުމުންވެސް އެކަން އަދިވެސް ހަމަޖެހިފައިނުވާ ކަމަށްވެސް ވިދާޅުވި އެވެ.
ޝިރުހާން ވިދާޅުވީ ދިގުރަށުގައި ޓޫރިޒަމަށް ފައްކާ ވަމުންދާއިރު ސިއްހީ ނިޒާމު މިފަދަ ހާލަތެއްގައި އޮތުމުން ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ބަލިވެގެން ޑޮކްޓަރަށް ދައްކަންދާ ފަތުރުވެރިންގެވެސް ވަރަށް ބޮޑު ޝަކުވާއެއް އަންނަ ކަމަށެވެ.
ޝިރުހާން އިތުރަށް ވިދާޅުވީ ދިގުރަށުގައި ވަރަށް އަވަސް އަވަހަށް ޑޮކްޓަރުން ބަދަލު ކުރާ ކަމަށާއި އެހެން ނަމަވެސް އެކަށީގެންވާ ރަނގަޅު ޑޮކްޓަރެއް ރަށުގައި ނުހުންނަ ކަމަށެވެ. އަދި މިހާރު ހުރި ޑޮކްޓަރަކީވެސް ހަމައެކަނި ނަމެއްގަ ހުންނަ ޑޮކްޓަރެއް ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން މިހާރު ރައްޔިތުންގެ އެންމެ ބޮޑު އުއްމީދަކީ ރަށަށް ރަނގަޅު ޑޮކްޓަރކާއި އެކަށީގެންވާ ބޭސް ރަށުން ލިބޭނެ ގޮތް ވީހާވެސް އަވަހަކަށް ހޯދައި ދިނުން ކަމަށް އޭނާ ވިދަޅުވި އެވެ. އަދި މީގެ އިތުރުން ރަށުން ޓެސްޓުތަށް ހެދޭނެ ގޮތް ހަމަޖއްސައިދީ ލެބޯޓަރީ އެއް ގާއިމުކޮށްދިނުމަކީވެސް މިހާރު ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ