މަތީގައި އެވާ ފޮޓޯގައިވާ ބޭބެއާއި ބެހޭގޮތުން މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރީ ފޭސްބުކުން ރޭ ފެނުނު ޕޯސްޓަކަށް ފަހުގަ އެވެ. އެ ޕޯސްޓްގައި ލިޔެފައި ވަނީ ސ ހުޅުދޫ ހިރުނދުމާގޭގައި ދިރިއުޅޭ އަލީ ތަކުރު އަކީ މީގެ 40 ވަރަކަށް އަހަރުން ފެށިގެން ހުޅުދޫގައި ދިރިއުޅޭ މީހެއް ކަމަށެވެ. އަލީ ތަކުރު އަކީ ވާހަކަދެއްކުމުގެ ނިއުމަތުން މަހްރޫމުވެފައިވާ މީހެއް ކަމަށެވެ.
“އަލީ ތަކުރު އަކީ ލ ފޮނަދޫ ބިލެތްކަފާގޭގެ މީހެއް ކަމަށް އެ ރަށު އޮފީހުން ވަނީ މައުލޫމާތު ލިބިފަ އެވެ. އަލީ ތަކުރުއަކީ މަންމަން މީހެކެވެ. އޭނާގެ އަތްންބަކު އަދި ދަރިއަކު ނުހުރެ އެވެ. އެއްބަނޑު މީހަކުވެސް ދުނިޔޭގައި ހުރިހެން ހީ ނުވެ އެވެ. އުމުރުން 78 އަހަރުވެދާނެ އެވެ. އަލީ ތަކުރު އުޅެނީ ބަލަދުވެރިއަކު ނެތި ވަރަށް ނިކަމެތި ހާލުގަ އެވެ. މީނާ ދައުލަތުގެ ހާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަރުން ފުރުސަތު ލިބޭތޯ ފާއިތުވި 18 ވަރަކަށް އަހަރު އެކި ފަހަރު މަތިން ވަނީ މަސައްކަތް ކުރެވިފަ އެވެ. މި މީހާގެ ބަލަދުވެރިޔަކު ފެނޭތޯ މި ލިޔުން ޝެއަރކުރެއްވުން އެދެން” ފޭސްބުކްގައިވާ ޕޯސްޓްގައި ވެ އެވެ.
————– ———————
އަލީ ތަކުރު އަކީ ކާކު !؟ އައްޑުއަށް ދިޔައީ ކިހިނެއް !؟
މިކަމުގެ ހަގީގަތް ހޯދުމަށް ކުރި މަސައްކަތުން އެންމެ ފުރަތަމަވެސް ލިބުނީ އަލީ ތަކުރަށް ގާތުން އެހީވަމުން އަންނަ މީހެއްގެ ނަމްބަރެވެ. އޭނާގެ އެދުމުގެ މަތިން ނަމާއި ވަނަވަރު ހާމަކުރަން އުޒުރުވެރިވަމެވެ.
“ހާލަތު ވަރަށް ދެރަ އިނގޭތޯ! އިހައްދުވަހަކުވެސް އަޅުގަނޑު ދިޔައިރު އޮތީ ގޭ ދޮރުމައްޗަށް ވެއްޓިފައި، އެމްބިއުލާންސަށް ގުޅައިގެން ހޮސްޕިޓަލަށް ގެންގޮސް ތިން ދުވަހު ހޮސްޕިޓަލުގައި ބާއްވަން ޖެހުނު، އަލީ އަކީ ލޭ މައްޗަށް ދާތީ ބޭސްކަމުންދާ މީހެއް ކަމުން ބޭސް ނުބައިކޮށް ކެވިގެން ވެއްޓުނީ ކަމަށް މައުލޫމާތު ލިބުނީ” އަލީގެ ކަންކަން ގާތުން ބަލަމުން އަންނަ މީހާ ދުވަހަށް ކިޔައިދިނެވެ.
އޭނާ ބުނީ އެދުވަހަށްފަހު އަލީއަށް ގަޑިން ގަޑިއަށް ބޭސްދެމުންދަނީ އޭނާ ކަމަށެވެ. އަދި އަލީ އަށް ދައުލަތުން ދޭ ފަސް ހާސް ރުފިޔާ ލިބޭއިރު އެ ފައިސާއަށް ރައިސް ކުކަރަކާއި ސާމާނު ގަނެ ދީފައި ހުންނާނެ ކަމަށާއި ބައެއް ފަހަރު އަދިވެސް އަލީ ކައްކަކައިގެން ކަނީ އަމިއްލައަށް ކަމަށެވެ. އަދި ހިސާބުގަނޑު މީހުން އަލީއަށް ކާ އެއްޗެހި ގެންގޮސްދޭ ކަމަށާއި އެހެނަސް މިހާރު އަލީގެ ހާލަތު އިންތިހާއަށް ދެރަ ކަމަށް އޭނާ ކިޔާދިނެވެ.
“ހަމަ މި ފަހުން އެއްދުވަހަކު ކުދި ބަޔަކު އަލީގެ އަތުން ފައިސާ އަތުލަން އުޅުމުގެ ތެރޭގައި ވެއްޓި ގާކޮޅެއްގައި ޖެހިފަ ލޮލަށް ލޭވެސް އަރާފައި މިހާރު ހުރީ” އަލީގެ ހާލަތު އިތުރަށް ކިޔާދެމުން އޭނާ ބުންޏެވެ.
އަލީ އެ ރަށަށް ދިޔަ ގޮތް !
ދުވަހަށް މައުލޫމާތު ހިއްސާކުރި މީހާ ބުނާގޮތުން ނަމަ މީގެ 40 ވަރަކަށްއަހަރު ކުރިން އަލީ އެ ރަށަށް ދިޔައީ ކަނޑުދަތުރުކުރާ ބޯޓެއްގަ އެވެ. އަލީ އުޅެނީ އެ ބޯޓުގެ ކައްކާ އަކަށެވެ. ނަމަވެސް ބޯޓު ފުރައިގެން ދިޔައިރުވެސް އަލީ އެ ބޯޓުގައި ނުގޮސް އައްޑޫގައި މަޑު ކުރީ ކަމަށް ދުވަހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
އަލީ މިހާރު ދިރިއުޅެމުން އެދަނީ ފަޅު ގެއެއްގައެވެ. އަދި ކުރިންވެސް އައްޑޫގައި ދިރިއުޅުނީ ފަޅު ގެ އެއްގަ އެވެ.
އަލީ އަކީ ފޮނަދޫ މީހެއްކަން އެނގުނު ގޮތް !
އަލީގެ އައިޑީ ކާޑު ހައްދަން މަސައްކަތްކުރި އިރު އަލީ އަކީ ކޮން ރަށެއްގެ މީހެއްތޯ ހޯދުމަށް ކުރީގެ އައްޑޫ ރަށު އޮފީހުން ކުރި މަސައްކަތުން އެނގުނު ގޮތުގައި އަލީ ރަޖިސްޓްރީ ކޮށްފައިވަނީ ލ ފޮނަދޫ ބިލެތްކަފާގެ އަށެވެ. އައިޑީ ކާޑުގައި ނަން ލިޔެފައިވަނީ “ބޮއްގޭ މަންމަނު” އަދި އާއްމު ނަމަކަށް ލިޔެފައިވަނީ “އަލީ” އެކަންޏެވެ.
“އެއީ މީގެ 15 ވަރަކަށް އަހަރު ކުރި، އަލީ އައްޑުއަށް އައި ބޯޓުގެ އިންޖިނޭރެއްގެ މައުލޫމާތު އެނގިގެން އޭނާ ކުރެން އެހީމަ އޭނާ ބުނަނީ އެއީ ފޮނަދޫ މީހެއް ކަމަށް ބެލެވެޔޭ، އޭރު މައުމޫން ދައުރުގަ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް 500 ދޭތީވެ ރަށު އޮފީހުން މަސައްކަތްކުރީ އަލީގެ އައިޑީ ކާޑެއް ހެދުމަށް، އަލީ އަތަކު އޭރަކު އެއްވެސް ލިޔެކިޔުމެއްވެސް ނެތް” މައުލޫމާތު އެނގޭ މީހަކު ދުވަހަށް ކިޔައިދިނެވެ.
އޭނާ ބުނީ އޭރު މަސައްކަތްކޮށްގެން އަލީ އަކީ ކާކުކަން ނުހޯދުނު ކަމަށާއި ނަމަވެސް ފަހުން ކުރި މަސައްކަތުން ފޮނަދޫ ކުރީގެ ކަތީބަކާއި ގުޅި އެއީ ފޮނަދޫ ބިލެތްކަފާގޭގެ ރަޖިސްޓްރީގައިވާ މީހެއްކަން އެނގުނު ކަމަށާއި އަދި އޭރު އަލީގެ އާއިލާގެ މީހަކު ދުނިޔޭގައި ހުރިކަމަށް ބުނި ކަމަށެވެ. އެހެނަސް އެވެސް އުމުރުން ވަރަށް ދުވަސްވެފައިވާ މީހެއްކަން އެނގުނު ކަމަށް އޭނާ ބުންޏެވެ.
ލ ފޮނަދޫ ބިލެތްކަފާގެއާއި އަލީ އާއި ހުރި ގުޅުން !
މިވަގުތު އަހަރެންވެސް މިހުރީ ފޮނަދޫގައި ކަމުން ބިލެތްކަފާގެއަށް ގޮސް މައުލޫމާތު ސާފުކޮށްލަން ކުރި މަސައްކަތުން އެނގުނު ގޮތުގައި އަލީ ބިލެތްކަފާގޭގެ ރަޖިސްޓްރީގައި ހިމަނާފައިވަނީ ވަރަށް ކުރީ ޒަމާނެއްގައި ރޯދަ މަހަކު ރަށުގައި ކަދުރު ބެހި އިރު، ގެއެއްގެ ރަޖިސްޓްރީގައި ނެތި ކަދުރު ނުލިބޭތީ ބިލެތްކަފާގޭ ވެރިމީހާގެ މާމަގެ އެދުމުގެ މަތިންނެވެ.
“އަލީ އަކީ އިހުޒަމާނު ބޮއްގެއަށް ނިސްބަތްވާ މީހެއް، އަހަރެންގެ މާމަގެ ދެބެން ދެދަރި ދައްތައެއްގެ ދަރިއެއް އަލީ އަކީ، މާމަގެ ދެބެން ދެދަރި ދައްތަ މަރުބަލީގައި މާމަ ކައިރީގައި ބުނީ އަލީ އަކީ މަންމަނެކޭ އަލީ ބަލާދެއްޗޭ، ދެން ބަލަމުންދިޔައީ މާމަ، ރޯދަމަހެއްގަ ކަދުރު ބަހަން އުޅުނު އިރު މާމަ އެދުނީ މިގޭ ރަޖިސްޓްރީގައި ޖަހާދޭން، އެގޮތުން ގޭގެ ރަޖިސްޓްރީއަށް އަލީގެ ނަން އައީ” ބިލެތްކަފާގޭ ވެރިމީހާ ކިޔާދިނެވެ.
ބިލެތްކަފާގޭ ވެރިމީހާ ބުނީ އަލީއަށް ބަލަދުވެރިވާ ބަޑި އައްޔަ، އަދި ކޮންމެވެސް އެހެން އައްޔައެއް ކިޔާ މީހަކު މިހާރު ދުނިޔޭގައި ނެތް ކަމަށެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އަލީގެ ރަޖިސްޓްރީ ފަހުން ވަނީ ހުޅުދުއަށް ބަދަލު ކޮށްފަ އެެވެ.
ބިލެތްކަފާގޭ ވެރިމީހާ އިތުރަށް ބުނީ އަލީ އަމިއްލައަށް ކައްކަން ދަސްކުރުމަށްފަހު ދޯންޏަކަށް ކައްކަން ދާ ވާވަކަ މާމަ ގާތު ބުނިކަން އެނގޭ ކަމަށާއި އަދި އެއަށްފަހު އަލީގެ އެއްވެސް ހަބަރެއް ނުވާ ކަމަށެވެ.
މިކަމުގައި ޖެންޑަރ މިނިސްޓްރީގެ ބަސް !
މި ހުރިހާ މައުލޫމާތެއް ލިބުމަށްފަހު ޖެންޑަރ މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ އަދި އެލްޑަރލީ ޑިވިޒަންގެ ހެޑް ފާތިމަތު އާރިޝާ ހުސެއިން އަށް ގުޅާލީމެވެ.
އާރިސާ ވިދާޅުވީ ރޭގެ ވަގުތެއްގައި ސޯޝަލް މީޑިއާއިން މި މައުލޫމާތު ފެނުމާއިއެކު ކޭސް މެނޭޖްމެންޓް ޑިވިޒަންގެ ޑެޕިއުޓީ ޑިރެކްޓަރގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނެ ކަމަށެވެ. އަދި އައްޑޫގައި ތިބި ސްޓާފުން އެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.
“އަޅުގަނޑުމެންގެ ޔޫޒުއަލް ޕްރޮސީޖާގެ ދަށުން، އެސެސް ކޮށްފަ އާއިލާ މެމްބަރަކު ލޮކޭޓް ނުކުރެވިއްޖެ ނަމަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ރީލޮކޭޓް ކުރާނަން އިނގޭތޯ، ފުރަތަމަ ކޭސް މެނޭޖްމެންޓަށް ކުދިން މިއަދު ދާނެ” އާރިސާ ވިދާޅުވި އެވެ.
ނަމަވެސް އާރިސާ މިހެން ވިދާޅުވި އިރު މިދިޔަ ޖޫން މަހުގެ ތެރޭގައި (ރޯދަ މަހުގެ ކުރިން) ޖެންޑަރ މިނިސްޓްރީގެ ޓީމެއް އަލީގެ ހާލު ބަލާފައިވާކަން ދުވަހަށް ވަނީ އެނގިފަ އެވެ. ޖޫން މަހަށްފަހު މިހާ ދުވަސް ވީއިރު ފިޔަވަޅެއް ނޭޅި ވަނީ ކީއްވެތޯ އާރިސާ ކުރެން ސުވާލު ކުރުމުން އާރިސާ ވިދާޅުވީ ބަލަމުން އަންނަ ކޭސް އެއްކަން އެނގިފައި ނުވާކަމަށާއި މައުލޫމާތު ސާފު ކޮށްލުމަށްފަހު ގުޅާލަދެއްވާނެ ކަމަށެވެ.
ޖެންޑަރ މިނިސްޓްރީގެ ފަރާތުން އާރިސާ ފަހުން ގުޅުއްވުމަށްފަހު ވިދާޅުވީ އަލީގެ ކޭސްގައި ޖޫން މަހު އެސެސްމެންޓް ހަދާ ނިމިފައިވާކަމަށާއި، ޖެންޑަރ މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ މަސައްކަތެއްވެސް ކޮށް ނިމިފައިވާކަމަށެވެ.
“13 ޖޫންގައި މިނިސްޓްރީ އޮފް ހެލްތަށް އަޅުގަނޑުމެންގެ ކޭސް މެނޭޖްމެންޓް ހެޑް އަންގާފައިވަނީ ހޯމް ފޯރ ސެޕްޝަލް ނީޑްސް އަށް ބަދަލުކުރަން ޖެންޑަރ އަށް ފެންނަ ކަމަށް، އަހަރެމެން މިދަނީ މިކަން ފޮލޯ އަޕްވެސް ކުރަމުން” އާރިސާ ވިދާޅުވި އެވެ.
އާރިސާ އިތުރަށް ވިދާޅުވީ ހެލްތު މިނިސްޓްރީ އާއި ގުޅިގެން އަލީ ވީ އެންމެ އަވަހަކަށް ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބަދަލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
މިކަމުގައި ހެލްތު މިނިސްޓްރީގެ ބައެއް ލިބޭތޯ ކުރި މަސައްކަތްވަނީ ކާމިޔާބު ވާގޮތް ނުވެފަ އެވެ. ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ލިބިފައިވާ ދެ ނަމްބަރު ކުރެން އެއް ނަމްބަރުގެ ފޯނު އޮތީ ނިވާލާފަ އެވެ. އަދި އަނެއް ނަމްބަރުން ޖަވާބު ނުދެއްވާތީ އިތުރު މީޑިއާއެއްގެ އެހީގައި އިތުރު ނަމްބަރެއް ހޯދައިގެން ކުރި މަސައްކަތްވެސް ވަނީ ކާމިޔާބު ވާގޮތް ނުވެފަ އެވެ.
އެހެންނަމަވެސް ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އަލީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމަށް ކުރަން ޖެހޭ ކަންކަން ކުރުމުގެ މަސައްކަތް މިހާރު ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށެވެ.
ދުވަހުގެ އުންމީދަކީ އަލީ އަވަހަށް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވި އަލީގެ ދިރިއުޅުން މިހާރަށްވުރެ ރަނގަޅު ވެގެން ދިއުމެވެ.
މި ބޭބެއަށް އަޅާލާނެ މީހަކު ނެތް ! އެކަނި ގެއެއްގައި އުޅޭތާ 40 އަހަރު ! ހާލަތު ވަރަށް ދަށް !
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ