ފިތުނަވެރިންގެ ރޭވުންތަކުން ރައްޔިތުން ހިމާޔަތްކުރުމަކީ ޤައުމީ ވާޖިބެއް ކަން ސަރުކާރުން މީގެ ކުރިންވެސް ދައްކައިދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސަޢީދު މިގޮތަށް ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕީޕީއެމްގެ ބައެއް މެމްބަރުންގެ ސޮޔާއެކު ވެއްދުމާއި ދިމާކޮށް، ރާއްޖޭގެ ސިޔާސީ މަޝްރަހު ހޫނު ކުރުމަށް އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.
މިނިސްޓަރ ސަޢީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ފިތުނަވެރިންގެ ރޭވުންތަކުން ޤައުމާއި ރައްޔިތުން ހިމާޔަތްކުރުން އެއީ ޤައުމީ ވާޖިބެއްކަން ސަރުކާރުން ވަނީ މީގެ ކުރިންވެސް ސާބިތުކަމާއެކު ދައްކުވައިދީފައި" ކަމަށެވެ.
މަސީހު މަޤާމުން ދުރުކުރުމުގެ މައްސަލަ ވެއްދުމުގައި އާއި ވޯޓާއި ދިމާކޮށް މެމްބަރުންނަށް ރިޝްވަތު ދެމުންދާކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅައިދިނުމަށް އެދި ބަންޑާރަނައިބު ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްވެސް ހުށަހަޅާފައެވެ.
މިކަމާއި ގުޅިގެން ރާއްޖޭގައި އާއި ރާއްޖެއިން ބޭރުގައި ތިބި އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ކަންބޮޑު ވެފައިވާއިރު، އެފަރާތްތަކުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
އަދި ވަކި ޕާޓީއެއް ތަމްސީލު ކުރައްވުމަށްފަހު ރައްޔިތުންގެ އިތުބާރާއެކު ވޯޓު ހޯއްދަވައިގެން، އިންތިޚާބުވުމުން ޕާޓީ ބަދަލުކުރުމުގެ މިނިވަން ލިބެން ޖެހޭނެކަމަށް ބުނެ އެފަރާތްތަކުން ދަނީ އަޑު އުފުލަމުންނެވެ.
ދައުލަތުން ހުށަހެޅި ދުސްތޫރީ މައްސަލާގައި ވަނީ ރައްޔިތުންގެ މަޖިލީހަށް މެންބަރަކު ހޮވޭއިރު ހުންނަ ޕާޓީން އެހެން ޕާޓީއަކަށް ބަދަލުވިޔަސް، ޕާޓީން ވަކިވިޔަސް، ވަކި ކުރިޔަސް އަދި އެހެން ޕާޓީއަކާ ގުޅުނަސް އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.
ސުޕްރީމް ކޯޓަށް މިފަދަ މައްސަލައެއް ވައްދާފައިވާއިރު ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންނަވާ ގިނަ އަދަދެއްގެ މެމްބަރުންތަކެއް ވަނީ އެ ޕާޓީން ވަކިވެ ވަޑައިގެންފައެވެ.
ފިތުނަވެރިންގެ ރޭވުންތަކުން ރައްޔިތުން ހިމާޔަތްކުރުމަކީ ޤައުމީ ވާޖިބެއް: މިނިސްޓަރ ސަޢީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ