އުމަރުގެ ޖަލްސާ ނުބޭއްވުމަށް މައުމޫން އެދިވަޑައިގެންފި

ޕީޕީއެމްގެ ޕްރައިމަރީއަށްފަހު ވަކި ބޭފުޅަކު އާންމު ޖަލްސާއެއް ނުބޭއްވުމަށް ޕާޓީގެ ކައުންސިލުން ނިންމާފައިވަނިކޮށް، އުމަރު ނަސީރު މިރޭ ޖަލްސާ ބާއްވަން އުޅުންވާތީ އެ ޖަލްސާ ނުބޭއްވުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގެންފި އެވެ.
ޕީޕީއެމް ސްޕޯކްސް ޕާސަން އަހުމަދު މަހުލޫފު ވިދާޅުވީ ޕާޓީގެ މަސްލަހަތަށްޓަކައި ވަކި ޖަލްސާއެއް ނުބޭއްވުމަށް އުމަރުގެ އަރިހުން މައުމޫން އެދިވަޑައިގެންފައިވާ ކަމަށެވެ. ޕްރައިމަރީގައި ވާދަކުރެއްވެވި ވަކި ކެނޑިޑޭޓަކު އާންމު ޖަލްސާއެއް ނުބޭއްވުމަށް ޕާޓީގެ ކައުންސިލުން ނިންމާފައި ވަނިކޮށް އުމަރު މިރޭ ބާއްވަން އުޅުއްވާ ޖަލްސާއަކީ ޕާޓީގެ އަސާސީ ގަވާއިދުގެ 69ވަނަ މާއްދާގެ (ށ)އާ ހިލާފަށް ބާއްވާ ޖަލްސާއެއް ކަމަށް މައުމޫން އަންގަވާފައިވާ ކަމަށް މަހުލޫފު ވިދާޅުވި އެވެ.
"ޕާޓީގެ އާންމު މަސްލަހަތަށްޓަކައި މައުމޫން ވަނީ އުމަރަށް ދަންނަވާފައި މިރޭ ޖަލްސާ ނުބޭއްވުމަށް. އަޅުގަނޑުމެން ކައުންސިލުން ވެސް ވާނީ ވަކި ބަޔަކު، ޓީމެއްގެ ގޮތުގައި ޖަލްސާ ނުބޭއްވުމަށް ނިންމާފައި،" ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވި އެވެ.
އުމަރުގެ ސްޕޯކްސް ޕާސަން އަބްދުﷲ ސިނާން ވިދާޅުވީ އުމަރު މިރޭ ބާއްވަން އުޅުއްވާ ޖަލްސާ ނުބާއްވަން ރައީސް މައުމޫން އެދިވަޑައިގެންނެވި ކަމެއް އެނގިފައި ނުވާ ކަމަށާއި "ކޮންމެ ގޮތެއް ވިޔަސް އުމަރު މިރޭ ޖަލްސާ ބާއްވާނެ" ކަމަށެވެ. އަދި މިރޭގެ ޖަލްސާގައި "އުމަރު ޕާޓީގައި ހުންނާނެ ކަން ނުވަތަ ޕާޓީ ދޫކޮށްފައި ވަޑައިގަންނަވާނެ ކަން އެނގިގެންދާނެ" ކަމަށް ސިނާން ވިދާޅުވި އެވެ.
"ޕްރައިމަރީން އުމަރު ބަލި ގަބޫލު ކުރެއްވިޔަސް، އަޅުގަނޑުމެން ޕްރައިމަރީގެ ނަތީޖާއާމެދު ކުރެވޭ ބައިވަރު ޝަކުވާތަކެއް އެބަހުރި. އަދި އުމަރުގެ ގިނަ ސަޕޯޓަރުން ވެސް އެބަބުނޭ ނަތީޖާ އައި ގޮތުން ޕާޓީން ތިމަންނަމެން ވަކިވެގެންދަނީއޭ. އެކަމުގައި އުމަރު އެބަޖެހޭ މެންބަރުންނަށް ކޮންމެ ވެސް އެއްޗެއް ބުނެދެއްވަން. މިރޭ އެކަން އެނގިގެންދާނެ،" ސިނާން ވިދާޅުވި އެވެ.
މިރޭ ޖަލްސާ ނުބޭއްވުމަށް އުމަރުގެ އަރިހުން މައުމޫން އެދިވަޑައިގެންފައި ވިނަމަވެސް، މިރޭގެ ޖަލްސާގައި "ޕާޓީގެ މަސްލަހަތު ގެއްލިގެންދާނެ ކަމެއް އުމަރު ކުރައްވާނެހެން ހީނުވާ ކަމަށް" ސިނާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ