ދެކުނަށް މޫސުން ގޯސް، މެންދުރު ފަހު އުތުރަށް ވެސް ގޯސް ވެދާނެ

ރާއްޖޭއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ދެކުނު ބައެއް އަތޮޅުތަކަށް މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފައި ވާއިރު މެންދުރު ފަހު އުތުރުގެ އަތޮޅުތަކަށް ވެސް މޫސުން ގޯސްވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
މިހާރު ޔެލޯ އެލާޓް ނެރެފައި ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫއަށް، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ.
މެޓުން ލަފާކުރާ ގޮތުގައި މި ވަގުތު ދެކުނުގެ ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރުން ވެސް އެކަށީގެންވެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިއަދު މެންދުރުފަހުން ފެށިގެން އުތުރުގެ އަތޮޅުތަކަށް ވެސް މޫސުން ގޯސްވުން އެކަށީގެންވާ ކަމަށެވެ. ހުޅަނގު މޫސުމުން މިހާރު ތިން ވަނަ ނަކަތް ގުނަމުން ދިޔަ ނަމަވެސް އޮފިޝަލް ވިދާޅުވީ އަދި ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެއަށް ނުފެށޭ ކަމަށެވެ.
"މިހާރު މި ކުރަނީ އަދި ހުޅަނގު މޫސުމުގެ ވިއްސާރައެއް ނޫން. ހުޅަނގު މޫސުން އައުމުގެ ކުރިން އަބަދުވެސް ކުރާ ވިއްސާރައެއް،" މެޓްގެ އޮފިޝަލް ވިދާޅުވި އެވެ.
މެޓްގެ އޮފިޝަލް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ