ގާޒީ ބަލިވުމުން އީސަގެ ޝަރީޢަތް ކެންސަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސަގެ މައްޗަށް އުފުލާފައިވާ ގެވެށި އަނިޔާގެ މައްސަލައިގެ ޝަރީޢަތުގެ މަޖިލީސް މިއަދު ކެންސަލްކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ބުނީ މި އަޑުއެހުން ކެންސަލްކުރީ މައްސަލަ ބައްލަވާ ގާޒީ ސިއްހީ ސަބަބަކާހުރެ ސަލާމްގައި ހުންނެވުމުން ކަމަށެވެ.
އީސަގެ މައްޗަށް މި ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މި މަހުގެ ތިންވަނަ ދުވަހުއެވެ.
މި މައްސަލާގައި މެމްބަރު އީސަގެ މައްޗަށް ދައުވާ އުފުލައި، ޝަރީއަތް ފެށުމަށް ތައްޔާރުވެފަވާއިރު އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް ވަނީ ޕީޖީ އޮފީހަށް ސިޓީއަކުން މިމައްސަލަ ކުރިއަށް ނުގެންދިއުމަށް އެދިފައެވެ.
އަސްރާގެ ފަރާތުން މިކަމަށް އެދިފައިވީ ނަމަވެސް، ޕީޖީ އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ އެ މައްސަލާގައި ކޯޓުގައި ދައުލަތަށް ކާމިޔާބު ހޯދޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
މެމްބަރު އީސަގެ މައްޗަށް އުފުލާފައިވަނީ، ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ ދަށުން އަނިޔާއެއް ދިނުމުގެ ދައުވާއެވެ. އީސަގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވި ނަމަވެސް އޭނާގެ މައްޗަށް އަންނާނީ ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއްގެ ޖަލު ހުކުމެއް ކަމަށް ބެލެވެއެވެ.
އީސަގެ މައްޗަށް ތުހުމަތުކޮށްފައިވާ މި މައްސަލައާއި ގުޅިގެން އީސަ ވިދާޅުވެފައި ވަނީ، ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި ފުލުހުންނަށް އިތުބާރު އެބަ އޮތް ކަމަށާއި ދައުލަތުގެ މުއައްސަސާތަކަށް އެއްބާރުލުން ދެއްވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ