އަރަބިއްޔާ ސްކޫލް ހިންގާ އިމާރާތުގެ ހާލަތު ވަރަށް ގޯސް!

އަރަބިއްޔާ ސްކޫލް ހިންގާ އިމާރާތުގެ ހާލަތު ވަރަށް ގޯސްވެފައިވާތީ، އެކަމުގެ ކަންބޮޑުވުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ފާޅުކުރައްވައިފިއެވެ.
އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީ ޓެގްކުރައްވައި ކުރެއްވި ޓްވިޓެއްގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކުރީގެ އެސިސްޓަންޓް ޕްރޮފެސަރ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ވަނީ، އެ އިމާރާތުގެ ހާލަތު ފެންނަ ފޮތޯތަކެއް ހިއްސާކުރައްވާފައެވެ. އެ ފޮޓޯތައް ހިއްސާކުރައްވަމުން ޑރ. އިޔާޒު ވިދާޅުވީ، ޢަރަބިއްޔާ ސްކޫލް ހިންގާ ޢިމާރާތުގެ ޙާލަތު ބިރުވެރި ކަމަށާއި އެފަދަ ބިރުވެރި ޙާލަތެއްގައި ކުދިންނާއި ބެލެނިވެރިން ބައިތިއްބަވަން ނުހައްދަވާ އެހެން ޢިމާރާތަކަށް ސްކޫލާއި ކުދިން ބަދަލުކޮށް ދެއްވަން އެދޭ ކަމަށެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އެ އިމާރާތުގެ ފާރުތަކުގައި ވަނީ ވަރަށް ބޮޑަށް ރެނދުލައި ފަޅައިގެން ގޮސްފައެވެ. އުސްކޮށް ހުރި އެ އިމާރާތް ބޭުންކުރުން ރައްކާތެރި ނުވާނެ މިންވަރަށް ފާރުތައް ހަލާކުވެފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.
އަރަބިއްޔާ ސްކޫލުގެ ފުލް އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށާއި މަރާމާތުތަކެއް ކުރަންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވެސް މީގެ ކުރިން ބުނެފައި ވެއެވެ.
އެ ގޮތުން، 29 އެޕްރީލް 2021ގައި އެ މިނިސްޓްރީން ބުނެފައި ވަނީ ވަރަށް އަވަހަށް އެތަން މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކުރާނެ ކަމަށެވެ.
އަރަބިއްޔާ ސްކޫލު އެންމެ ފުރަތަމަ ހިންގީ އީޕީއެސް ކުރިންހުރި އިމާރާތުގަ އެވެ. އޭގެ ފަހުން މަޖީދީ މަގުގައި ޓާޓާ ފްލެޓުތައް އަޅާފައި ހުރި ތަނާއި މަންދު ކޮލެޖު ހިންގި އެމްއީއެސް އިމާރާތުގައިވެސް އަރަބިއްޔާ ސްކޫލު ހިންގި އެވެ.
މިހާރު އެ ސްކޫލު ހިންގާ އާ އިމާރާތް އެއްކޮށް ނިމުމުން އެ ތަނަށް ބަދަލުވީ ޖެނުއަރީ، 2013 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ