އުމަރު ޒާހިރުގެ ތައުޒިޔާ ދަފްތަރު މާދަމާ ހުޅުވާލަނީ

ދެފަހަރެއްގެ މަތިން ދާޚިލީ ވަޒީރުކަން ކުރައްވާފައިވާ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމް ޢުމަރު ޒާހިރުގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރު މާދަމާ ހުޅުވާލުމަށް ހޯމް މިނިސްޓްރީން ނިންމައިފިއެވެ.އުމަރު ޒާހިރު އަވަހާރަވީ ކޮވިޑަށް ޕޮޒިޓިވްވެ، އާލާސްކަންފުޅު ބޮޑުވެގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މި މަހުގެ 20 ވަނަ ދުވަހުގެ ވަގުތެއްގައެވެ.ހޯމް މިނިސްޓްރީން މިއަދު ބުނީ ތައުޒިޔާ ދަފްތަރު ހުޅުވާލާނީ ނެޝަނަލް އާޓް ގެލަރީގައި ކަމަށެވެ. ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް މި ދަފްތަރުގައި ސޮއިކުރުމުގެ ފުރުސަތު އޮންނާނެއެވެ.ބައިގަރުނަށްވުރެ ގިނަ ދުވަހު ދިވެހި ރާއްޖެއަށް އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރެއްވި ނޢޢވ އަލްމަރްޙޫމް ޢުމަރު ޒާހިރު ދާޚިލީ ވަޒީރުކަމުގެ އިތުރުން އަދާކުރެއްވި ސަރުކާރުގެ ބައެއް މުހިންމު މަޤާމުތަކަށް ބަލާއިރު މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯކްސްގެ މަގާމާއި މާލޭ މުނިސިޕަލްޓީގެ ރައީސްކަމާއި އައްޑުއަތޮޅު ގަމުގެ ލިއެޒަން އޮފީހުގެ ވަޒީފާއާއި މަޖީދިއްޔާ ސްކޫލުގެ ހެޑްމާސްޓަރުކަމާއި ރޭޑިއޯ މޯލްޑިވްސްގެ ވެރިޔާގެ މަގާމުގެ އިތުރުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނާއިބު ކަމާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ނާއިބުކަމުގެ މަގާމު ފުރުއްވާފައި ވެއެވެ.ނޢޢވ އަލްމަރްޙޫމް ޢުމަރު ޒާހިރު ފާހަގަ ކުރެވިފައިވަނީ ޤައުމީ ބޮޑެތި މަސައްކަތްތައް ޢަމަލީ ގޮތުން ހިންގެވުމާއި އެމަސައްކަތްތައް ހިނގާނުހިނގާ ގޮތް ވަރަށް ކައިރިން ބައްލަވައި އިރުޝާދު ދެއްވި ބޭފުޅެއްގެ ގޮތުގައެވެ.އުމަރު ޒާހިރަކީ ޤައުމީ ބޮޑެތި މަސައްކަތްތައް ޢަމަލީގޮތުން ހިންގެވުމާއި އެމަސައްކަތްތައް ހިނގާނުހިނގާ ގޮތް ބެއްލެވުމާއި، އިޖުތިމާޢީ އަދި ޤައުމީ އެންމެހައި ކަންކަމުގައި ޙަރަކާތްތެރިވެ ވަޑައިގަތުމުގެ ލާމަސީލު ނަމޫނާ ޝަޚްޞިއްޔަތެކެވެ. އެގޮތުން 1953އިން ފެށިގެން 2008އާ ހަމައަށް ސަރުކާރުގެ އެކި ފަންތީގެ 26 މަޤާމެއް ފުރުއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ