ކަރަންޓް ކެނޑޭ މައްސަލަ ހައްލު ކުރަން ސްޓެލްކޯއަށް އާ ޖަނަރޭޓަރެއް

ގައުމީ ކަރަންޓް ކުންފުނި، ސްޓެލްކޯއަށް އިތުރު އަށް މެގަވޮޓްގެ ޖަނަރޭޓަރެއް ގެނެސް، އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފި އެވެ. އެ ކުންފުނިން ބުނާ ގޮތުގައި މި ޖަނަރޭޓަރާ އެކު މާލެއަށް ކަރަންޓް ދިނުމުގެ ކެޕޭސިޓީ 70 މެގަވޮޓްއަށް އިތުރުވެގެން ދާނެ އެވެ.
ސްޓެލްކޯގެ ސީނިއަރ އިންޖިނިއަރ އިބްރާހީމް ރައޫފް ވިދާޅުވީ ފިންލޭންޑްގެ ވަޓްސަލާ ކުންފުންޏާ ހަވާލުކޮށްގެން ގެނައި އެ ޖަނަރޭޓަރު، މިއަދުގެ ވަގުތެއްގައި ސްޓެލްކޯ މާލެ ސައިޓަށް ގެންނާނެ ކަމަށެވެ. އަދި މިރޭގެ ވަގުތެއްގައި އިންޖީނު މައި ނެޓްވޯކާ ގުޅުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިންޖީނު ބެހެއްޓުމަށް ތައްޔާރު ކުރަން ޖެހޭ ސަރަހައްދު މިހާރު ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާ އިންޖީނާ އެކު ސްޓެލްކޯ އިން ލަފާކުރާ ގޮތުގައި އެންމެ ހޫނުވާ ދުވަސްވަރު އިރުއިރުކޮޅާ ކަރަންޓް ކެނޑުމުގެ މައްސަލައަށް ހައްލު ގެނެވޭނެ އެވެ. އަދި އިންޖީނުތައް އޯވަލޯޑްނުވެ މާލެއަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިހާރު މާލޭގައި ބަހައްޓާފައިވާ 26 ޖެނެރޭޓަރުން 64 މެގަވޮޓްގެ ކަރަންޓް އުފައްދަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ