ލ. ފޮނަދޫއަށް ހިޖުރަކޮށްފައިވާ ލ. ގާދޫގެ ރައްޔިތުންނަށް ފޮނަދޫގެ ބަރާސިލް އަވަށުގައި އިމާރާތްކޮށްފައިވާ މިސްކިތް ނުހުޅުވި ދިގުލައިގެންދާތީ އެކަމާއި ކަންބޮޑުވާކަމަށް ގާދޫގެ ރައްޔިތުން ބުނެފި އެވެ.
ފޮނަދޫ ބަރާސީލް އަވަށުގައި ގާދޫ ރައްޔިތުންނަށް އާބާދުކޮށްފައިވާ ސަރަހައްދުގައި މިސްކިތެއް އިމާރާތްކުރުމަށް ހުސްވި ފެބުރުއަރީ މަހުގެ ތެރޭގައި ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނަށެވެ.
ގާދޫ ރައްޔިތުން އާބާދުކޮށްފައިވާ ބަރާސިލް އަވަށުގައި އިމާރާތްކޮށްފައިވާ 504 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ރޯދައަށް ނިންމާލެވެނޭ ކަމަށް ލ. ފޮނަދޫ ކައުންސިލް އިދާރާއިން ކުރިން ބުނެފައިވެ އެވެ. ނަމަވެސް އެމިސްކިތް ރޯދަމަސް ނިމިގެން ދިޔައިރުވެސް ހުޅުވިފައި ނުވާތީ އެސަރައްދުގައި ދިރިއުޅެމުންދާ ގާދޫގެ ރައްޔިތުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ވީނިއުސްއަށް މައުލޫމާތުދެމުން ގާދޫގެ ރައްޔިތަކު ބުނީ މިސްކިތް ނުުޅުވި ލަސްވަމުންދިއުމުގެ ސަަބަބުން ވަރަށް ދަތިވާ ކަމަށާއި، ކޮންމެ ވަގަުތަކު ނަމާދަށް ދިއުމަށްވެސް ދާންޖެހެނީ ތަންކޮޅެއް ދުރަށް ކަމަށެވެ. އަދި ވިއްސާރެވެ ވާރޭވެހޭ ދުވަސްތަކުގައި އެމަގުތަކުގައި ދަތުރުކުރުމަކީ ވަރަށް ދަތިކަމެއް ކަމަށްވެސް ބުންޏެވެ.
ވީނިއުސްއާއި ވާހަކަދެއްކި 12 އަހަރުގެ ކުޑަކުއްޖަކު ބުނީ ހަތް އަހަރުން ފެށިގެން ނަމާދުކުރަމުން އަންނަކަށާއި، ނަމަވެސް ފޮނަދޫއަށް ބަދަލުކުރިފަހުން ގެއާއި މާ ދުރުގައި މިސްކިތް ހުރުމުގެ ސަބަބުން ހުރިހާ ވަގުތެއްގައި ނަމާދު ނުކުރެވޭ ކަމަށެވެ.
"ފުރަތަމަ ބުނީ ރޯދައަށް ހުޅުވޭނޭ. ދެން ބުނީ ޢީދަށް ހުޅުވޭނޭ. އެކަމަކު އަދިވެސް މިސްކިތް ހުޅުވައި ނަމާދުކުރަން ފެށޭވަރެއް ނުވޭ. ދަރިން ނަމާދަށް ފޮނުވަން މިޖެހެނީ ވަރަށް ދުރަށް. އެކުދިން އެކަނި ރޭގަނޑު މިހާ ދުއްވާ އެއްޗެހި ގިނައިރު ފޮނުވާކަށް ނުކެރޭ. ހަތް އަހަރުން ފެށިގެން ފަސްވަގުތު ނާޅާ ނަމާދުކުރާ ކުއްޖެއްމީ. އަކަމަކު މިހާރު އެކަން ނުވޭ،" އެ ކުއްޖާގެ މަންމަ ބުންޏެވެ.
ގާދޫ މީހުން ބަރާސިލް އަވަށުގައި އާބާދުކޮށްފައިވާ ސަރަހައްދުގައި އިމާރާތްކޮށްފައިވާ މިސްކިތުގެ ހުރިހާ މަސައްކަތެއް ނިންމައި، ކަރަންޓް ވަޔަރުކޮށް މިސްކިތުގައި ހުންނަންޖެހޭ ހުރިހާ މަސައްކަތެއް މިހާރު ފުރިހަމަ ވެފައިވާއިރު، މިސްކިތުގައި ކުރަންޖެހޭ ހަމައެކަނި މަސައްކަތަކީ ކާޕެޓް އެޅުމުގެ މަސައްކަތް ކަމަށް ގާދޫ މީހުން ބުނެ އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ފޮނަދޫ ކައުންސިލްގެ ރައީސް އަހްމަދު ރިޔާޒު ވިދާޅުވީ ގާދޫ މީހުން ފޮނަދުއަށް ބަދަލުކޮށްފައިވާއިރު އެރައްޔިތުންނަށް ބޭނުންވާ އުމްރާނީ ވަސީލަތްތަކާއި އެހެނިހެން ހިދުމަތްތައް ފުރިހަމަކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ގެންދާ ކަމަށެވެ. އެގޮތުން ފޮނަދޫ ބަރާސީލް އަވަށުގައި ގާދޫ މީހުން ދިރިއުޅޭ ސަރަހައްދުގައި އިމާރާތްކޮށްފައިވާ މިސްކިތް މުޅިންހެން ނިމިފައިވާއިރު، މައިގަނޑު ގޮތެއްގައި ނުނިމިއޮތީ ކާޕެޓް އެޅުމުގެ މަސައްކަތް ކަމަށެވެ.
ރިޔާޒު ވިދާޅުވީ މިސްކިތުގައި އެޅުމަށް ބޭނުންވާ ކާޕެޓްވެސް އޮތީ ލިބިފައި ކަމަށާއި، ހަތަރު ފަސް ދުވަހެއްގެ ތެރޭގައިވެސް ކާޕެޓް އަޅައި ނިންމާލެވިދާނެ ކަމަށެވެ. ނަމަވެސް މިސްކިތް ހުޅުވޭނެ ސީދާ ތާރީހެއް ދަންނަވަން ދަތިކަމަށާއި، އެކަމަކު މިސްކިތް ހުޅުވަން މާގިނަ ދުވަހެއް ނުނަގާނެ ކަމަށްވެސް ވިދާޅުވި އެވެ.
ލ. ފޮނަދޫގައި އާބާދުކޮށްފައިވާ ގާދޫ މީހުން އެރަށުގެ ދެސަރަހައްދެއްގައި އާބާދުކޮށްފައިވާއިރު ފޮނަދޫ ކުރިގަމު އަވަށުގައި ދިރިއުޅޭ ގާދޫ ރައްޔިތުންނަށްވެސް މިސްކިތެއް އިމާރާތް ކުރެވޭނެ ކަމަށްވެސް ފޮނަދޫ ކައުންސިލުން ވަނީ ބުނެފަ އެވެ. ނަމަވެސް ކުރިގަމު އަވަށާއި މާދުރު ނޫން ހިސާބެއްގައި މިސްކިތެއް ހުރުމުން ފުރަތަމަ އިސްކަން ދިނީ ބަރާސިލް އަވަށުގައި މިސްކިތް އެޅުމަށް ކަމަށްވެސް ފޮނަދޫ ކައުންސިލުން ކުރިން ބުނެފައިވެ އެވެ.
މިސްކިތް ނުހުޅުވި ދިގުލައިގެންދާތީ ގާދޫ ރައްޔިތުން ކަންބޮޑުވެފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ