ޖޭއެސްސީގެ ނިންމުމުން ޝަރުޢީ ދާއިރާގެ މުސްތަޤިއްލު ކަމާމެދު ސުވާލު އުފައްދާ - ހިސާން

ޖުޑީޝަލް ސާވިސް ކޮމިޝަނުން ސުޕްރީމު ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން ނިންމި ނިންމުމަކީ ޤާނޫނު އަސާސީއާއި ޚިލާފު ނިންމުމެއް ކަމަށާއި، އެކަމުގެ ސަބަބުން ޖޭއެސްސީގެ މުސްތަޤިއްލު ކަމާއިމެދު ސުވާލު އުފައްދާފައިވާކަމަށް އެމްޑީޕީގެ ޤާނޫނީ ޓިމުގައި ހިމެނޭ ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
“ވަގުތަށް” މައުލޫމާތު ދެއްވަމުން ހިސާން ވިދާޅުވީ ޖޭއެސްސީން މަޖިލީހަށް ފަނޑިޔާރުންގެ ނަންފުޅުތައް ހުށަހެޅުމުގައި ގެންގުޅުއްވި އިޖުރާޢަތްތަކަކީ ޤާނޫނާ ޚިލާފު އިޖުރާއަތް ތަކެއް ކަމަށެވެ.
ހިސާން އިތުރަށް ވިދާޅުވީ ޖޭއެސްސީގެ ނިންމުމުގެ ސަބަބުން ފަނޑިޔާރުންނަށް ނުފޫޒު ނުފޯރުވާ މުސްތަޤިއްލު ކަމާއި އެކު މަސައްކަތް ކުރުމަށް އޮންނަ އޮނިގަނޑަށްވެސް އަސަރު ކުރާ ކަމަށެވެ.
“އެހެންވީމަ އެ ޕްރޮސެސް ޗެލެންޖް ކޮށްފަ އަޅުގަނޑުމެން މިއަދު މިހުށަހެޅީ.” ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ޖޭއެސްސީގެ ނިންމުމުން އަސަރު ކުރާ ކޮންމެ މީހަކަށްވެސް ކޯޓަށް މައްސަލަ ވެއްދުމުގެ ހައްޤު ލިބިގެން ވާކަމަށެވެ. އަދި މި ނިންމުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް އިންސާފުވެރި ޝަރީޢަތެއް ލިބުމުން މަހްރޫމް ވާކަމަށެވެ.
“އެއީ ޝަރުޢީ ދާއިރާގެ މުސްތަޤިއްލު ކަމާމެދު ސުވާލު އުފެދޭތީ، ނުވަތަ އުފައްދާތީ މިނިންމުމުން.” ހިސާން ވިދާޅުވިއެވެ.
ފަނޑިޔާރުން ވަކި ކުރުމަށް މިއަދު ނަގަން ތާވަލް ކުރި މަޖިލީހުގެ ވޯޓު ހުއްޓުވާ ދެއްވުމަށް އެދި އެމްޑީޕީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް މިއަދު މަޖިލީހުން ވަނީ 2 ފަނޑިޔާރުން ވަކި ކުރުމަށް ފާސްކޮށްފައެވެ.
އެގޮތުން މަޖިލީހަށް ހާޒިރުވެލެއްވި 75 މެމްބަރުންގެ ތެރެއިން 53 މެމްބަރުންގެ އަޣްލަބިއްޔަތުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން އާއި ފަނޑިޔާރު މުއުތަސިމް އަދުނާން މަގާމުން ވަކި ކުރަން ރައްޔިތުންގެ މިއަދުގެ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ