ހުޅުމާލޭ ކޯޓު މައްސަލައިގެ ފައިލު ފޮނުވުމަށް ސުޕްރީމު ކޯޓުން އަންގައިފި

ހުޅުމާލޭ ކޯޓުގެ ގާނޫނީ ހައިސިއްޔަތާއި މެދު ސުވާލު އުފެއްދުމާއި ގުޅިގެން މީގެ އަހަރެއްހާ ދުވަސް ކުރިން ގާނޫނީ ވަކީލު އިސްމާއިލް ވިޝާމް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ލިޔުންތަކާއި ފައިލް ފޮނުވުމަށް ސުޕްރީމް ކޯޓުން ސިވިލް ކޯޓަށް މިއަދު އަންގައިފި އެވެ.
ސުޕްރީމް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ސިވިލް ކޯޓަށް ވިޝާމް ހުށަހަޅާފައިވާ އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމެވީ މިއަދު ކަމަށާއި އެ މައްސަލައިގެ ފައިލާއި ގަޒިއްޔާގެ ހުރިހާ ލިޔެކިޔުންތައް ފޮނުވައި ދިނުމަށް މިއަދު ސިވިލް ކޯޓުގައި ދަންނަވާފައިވާނެ ކަމަށެވެ.
"މިއަދު ސިވިލް ކޯޓަށް ވެސް ދަންނަވާފަ ވާނެ އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ ފައިލް އާއި ގަޒިއްޔާގެ އެންމެހައި ލިޔެކިޔުންތައް ސުޕްރީމް ކޯޓަށް ފޮނުފައި ދިނުމަށް، މައްސަލަ ބަލައިގެންފައިވަނީ ވެސް މިއަދު." ސުޕްރީމް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.
ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ދައުވާކުރާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް ހައި ކޯޓުން އިއްޔެ ކުރި އަމުރާ ގުޅިގެން ހުޅުމާލޭ ކޯޓުން ބަލަމުންދިޔަ ހުރިހާ ބާވަތެއްގެ މައްސަލަތަކެއް ބެލުން ވަނީ މަޑުޖައްސާލާފަ އެވެ.
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ހައި ކޯޓުގެ އެ އަމުރާ ގުޅިގެން އެ ކޯޓުގެ މަސައްކަތްތަކުގެ ތެރެއިން ވަރިކައިވެންޏާއި ހަޟާނަތާއި އާއިލީ މައްސަލަތަކާއި ގޯތިގެދޮރުގެ މައްސަލަތަކާއި މަދަނީ މައްސަލަތަކުގެ އިތުރުން ޖިނާއީ މައްސަލަތަކާއި ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލަތައް މަޑުޖައްސާލާފައިވާ ކަމަށެވެ.
ހައި ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ހުޅުމާލޭ ކޯޓުގައި މިހާރު ކުރިއަށްދާ މައްސަލައާއި ގުޅިގެން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ހައިކޯޓުން ގޮތެއް ނުނިންމަނީސް ހުޅުމާލޭ ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދިއުމަށެވެ.
އަދި ހައިކޯޓުގައި ނަޝީދު އިސްތިއުނާފު ކުރައްވާފައިވާ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން ނަޝީދުގެ ޝަރީއަތް ހުޅުމާލޭ ކޯޓުގައި ކުރިއަށް ގެންގޮސްފިނަމަ، އޭނާއަށް ކަށަވަރު ކޮށްދޭންޖެހޭ ހައްގުތަކެއް ކަށަވަރު ނުކުރެވި އެކަމުގެ ސަބަބުން ނަޝީދަށް ގެއްލުން ލިބިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ