ޑރ.ހަސަން ސައީދު ގާސިމް އިބުރާހިމްގެ ރަނިންގް މޭޓަކަށް ހަމަޖައްސަވައިފި

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަދި ލީޑަރު ގާސިމް އިބުރާހިމްގެ ރަނިންގް މޭޓަކަށް ގައުމީ ޕާޓީގެ ލީޑަރު ޑރ.ހަސަން ސައީދު ހަމަޖައްސަވާ އެކަން އިއުލާން ކޮށްފިއެވެ.
ގާސިމްގެ ރަނިންމޭޓަކީ ހަސަން ސައީދުކަން އިއުލާންކުރައްވާފައި މިވަނީ ޖުމްހޫރީ ޕާޓީން މިރޭ ދަރުބާރުގޭގައި ބާއްވަމުންދާ ޖަލްސާގައި އެވެ.
ޑރ.ހަސަން ސައީދު ފުރަތަމަ ސިޔާސީ މައިދާނުން ފެނިގެން ދިޔައީ ރައީސް މައުމޫނު 2003 ވަނަ އަހަރު ވެރިކަމާއި ހަވާލުވެ ވަޑައިގެން އެޓާނީ ޖެނެރަލް ކަމުގެ މަގާމަށް 2003 ވަނަ އަހަރުގެ ނޮވެމްބަރ މަހު އެގާރަވަނަ ދުވަހު ޑރ.ހަސަން ހަމަޖެއްސެވި ހިސާބުންނެވެ.
އެޓާނީ ޖެނެރަލްގެ މަގާމުގައި ހުންނަވައިގެން މައުމޫނުގެ އިސްލާހީ އެޖެންޑާގެ މުހިންމު މަސައްކަތްތަކެއް ހަސަން ވަނީ ކުރައްވާފައެވެ. އޭގެ ތެރޭގައި ސިޔާސީ ޕާޓީ ހެދުމުގެ ހުއްދަ ދެއްވަން ފެންނަކަމަށް ރައީސް މައުމޫނަށް ލަފާދެއްވުމާއި ޤާނޫނު އަސާސީ އިސްލާހު ކުރުމުގައި ޑރ.ހަސަން ސައީދު ވަނީ މުހިންމު ހިއްސާއެއް ވެފައެވެ.
ނަމަވެސް އިސްލާހީ އެޖެންޑާ ފެއިލްވެއްޖެ ކަމަށް ވިދާޅުވެ ޑރ.ހަސަން ސައީދު ވަނީ ކުއްލި ގޮތަކަށް 2007 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ފަސްވަނަ ދުވަހު އިސްތިއުފާ ދެއްވާފައެވެ.
އަދި އެއަށްފަހު ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވުމަށް ފަހު ޑރ.ހަސަން ސައީދު ވަނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގައި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާފައެވެ. 16.67 އިންސަތަ ވޯޓް ހޯއްދަވާފައެވެ. އިންތިޙާބުގައި ހަސަން ސައީދު ދިޔައީ ތިންވަނައަށެވެ.
ރިޔާސީ އިންތިޙާބުގެ ދެވަނަ ބުރުގައި ކުރީގެ ރައީސް ނަޝީދަށް އެއްވެސް ޝަރުތަކާއި ނުލާ ޑރ.ހަސަން ސައީދާއި އޭނާގެ ޓީމުން ތާއިދު ކުރިއެވެ.
ރައީސް ނަޝީދު ވެރިކަމާއި ހަވާލުވެ ވަޑައިގެން ޑރ.ހަސަންއަށް އެޑްވައިޒަރުކަން ދެއްވި ނަމަވެސް ރައީސް ނަޝީދާއި ޑރ.ހަސަން ސައީދާއި ދެމެދު ހިޔާލު ތަފާތުވުންތައް އިތުރުވެ ސަރުކާރުގައި ތިއްބެވި ބޭފުޅުންނާއި ޑރ.ހަސަން އާއި ދެމެދު މީޑިއާ މެދުވެރިކޮށް ބަހުގެ ހަމަލާތަކެއް ބަދަލުކުރެވިފައި ވެއެވެ.
ރައީސް ނަޝީދާއި ޑރ.ހަސަން ސައީދާއި ދެމެދު ހިޔާލު ތަފާތުވެ އެންމެ ފަހުން ޑރ.ހަސަން ސައީދު ވަނީ ރައީސް ނަޝީދުގެ ސަރުކާރުންވެސް އަމިއްލަފުޅަށް އިސްތިއުފާދެއްވާފައެވެ.
އެގޮތުން ހަސަން ސައީދު ސީދާ ރައީސް ނަޝީދާއި ދެކޮޅަށް މަސައްކަތްކުރައްވަން ފެއްޓަވައި ރައީސް ނަޝީދު އިސްތިއުފާދެއްވުމާއިއެކު ދެން އުފެދުނު ކޯލިޝަން ސަރުކާރުގައި ގައުމީ ޕާޓީން ބޮޑު ހިއްސާއެއް އަދާކުރި އެވެ. އަދި މި އަހަރުގެ ތެރޭގައި އުފެދުނު ރައީސް ވަހީދުގެ "ގައުމައިގެން ކުރިއަށް" ކޯލިޝަނާއި ގުޅުނު ފުރަތަމަ ޕާޓީއަކީ ވެސް ގައުމީ ޕާޓީ އެވެ.
ޑރ.ހަސަން ސައީދު ރައީސް ޑރ.މުޙައްމަދު ވަޙީދުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް އައްޔަން ކުރެއްވީ 15 ފެބްރުއަރީ 2012 ގައެވެ. އަދި އަމިއްލަފުޅަށް އެމަގާމުން އިސްތިއުފާ ދިނީ އިއްޔެގެ ވަގުތެއްގައެވެ.
ހަސަން ސައީދު މަގާމުން އިސްތިއުފާދެއްވުމަށްފަހު ހަމަ އެދުވަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރަނިންމޭޓުކަން ހަސަން ސައީދު ގަބޫލުކުރެއްވި އެވެ. ހަސަން ސައީދުގެ ގައުމީ ޕާޓީން ރައީސް ވަހީދާއި އެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ހެދި ކޯލިޝަނުން ވަކިވީ އާއިލީ ނުފޫޒު ގަދަވެ، ގަނޑުވަރު ތެރެއިން ކަންކަން ނިންމަމުންދާ ކަމަށް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ