ރ.ކިނޮޅަހުން މުޝައްރަފް ހަސަން
ރައްޔިތުންނަނަށް ދަތިވާ އެއްވެސް ކަމެއް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ސަރުކާރެއްގައި ނުކުރާނެ ކަމަށް ކުރީގެ ރައީސް އަދި އެޕާޓީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއިން ރ.ކިނޮޅަހަށް މިއަދު މެންދުރުކުރި ކެމްޕެއިން ދަތުރުގައި އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްއިން އަބަދުވެސް މަސައްކަތްކުރާނީ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދާދެވޭތޯ ކަމަށެވެ.
"އަޅުގަނޑުމެންކުރާ ކޮންމެ ކަމެއް ކުރާނީ ރައްޔިތުންނަށްޓަކައި، ގައުމަށްޓަކައި، ގައުމުގައި ހަމަޖެހުމާއި އަމަން އަމާންކަން އޮތުމަށްޓަކައި، ރައްޔިތުންނަށް ތަރައްގީގެ މަގުތައް ފޯރުކޮށްދިނުމަށްޓަކައި، ރައްޔިތުންނަށް ދަތިވާ އެއްވެސް ކަމެއް އަޅުގަނޑުމެންގެ ސަރުކާރުން ނުކުރާނެ." މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ މިވަގުތު ރާއްޖެ މިވަނީ ވަރަށް ދަށު ދަރަޖައިގެ ހާލަތަކަށް ވެއްޓިފައި ކަމަށާއި ހުރިހާ ގޮތަކުން ބެލި ކަމުގައިވިޔަސް މިވަގުތު ތަޖުރިބާ ކުރަމުން ދަނީ ވަރަށް ހިތާމަވެރި ދުވަސްތަކެއް ކަމަށެވެ.
އަދި ދިވެހި ރައްޔިތުން ބޭނުންވަނީ މިއަދު މިދެކޭ ހިތާމަވެރި ދުވަސްތަކުގެ ބަދަލުގައި އުފާވެރި މާހައުލަކަށް ގެންދިއުމަށާއި ރާއްޖޭގެ ރައްޔިތުންނަށް ތަރައްގީ ލިބުމަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ދަރިންނަށާއި ދަރިންގެ ދަރީންނަށް އެބައި މީހުން ދިރިއުޅޭނެ މާހައުލެއް، އުފާވެރިކަމާއި އަމާންކަން ލިބިގެންވާ މާހައުލެއް އުފައްދަވައިދެއްވުމަށް، އެއީ ރައްޔިތުން ބޭނުންވާ ގޮތަކީ، އަޅުގަނޑުމެންގެ ޖީބުތައް ތަނަވަސްވުމާއި އަޅުގަނޑުމެންކުރާ މަސައްކަތްތައް އިތުރުވުމާއި، ރާއްޖެ ތަރައްގީގެ މަގުގައި ކުރިއަށް ދިއުން، މިކަމަށްޓަކައި އަޅުގަނޑުމެން މަސައްކަތް މިކުރަނީ." ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވަނީ ކިނޮޅުގެ ހުރިހާ ރައްޔިތުންނާއި ހާއްސަކޮށް ޕީޕީއެމްގެ މެންބަރުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށާއި ރަނިންމޭޓު ޑރ.މުހައްމަދު ޖަމީލް އަހުމަދަށް ވޯޓުދެއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ޕީޕީއެމް ކެމްޕެއިންގައި ހުރިހާ ފަރާތްތަކުން ބައިވެރިވުމަށް ވެސް މައުމޫން ވަނީ އެދިވަޑައިގަންފައެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ އެދެބޭފުޅުން އިންތިހާބު ކުރަން ބޭނުންވަނީ އެދެބޭފުޅުން އިންތިހާބު ކާމިޔާބުކޮށްފިނަމަ އެބޭފުޅުންގެ ގާބިލްކަމާއި ތަސައްވުރާއި ތަޖުރިބާ ހުރި ގޮތުން ދިވެހި ގައުމަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
"އިންތިހާބު ކާމިޔާބުކުރުމަކީ ވަރަށް މުހިންމު ކަމެއް، ދިވެހި ރައްޔިތުންނަށް އިތުރު ހެޔޮ ގޮތްތައް ހޯދާދިނުމަށްޓަކައި، ރައްޔިތުންނަށް އިތުރު ތަރައްގީ ހޯދާ ދިނުމަށްޓަކައި، ރައްޔިތުންނަށް އިތުރު ފަސޭހަތައް ހޯދާ ދިނުމަށްޓަކައި، ރައްޔިތުންގެ ހައްގުތައް އިތުރަށް ހަރުދަނާކޮށްދިނުމަށްޓަކައި، މިހުރިހާ ބޭނުމެއްގައި އަޅުގަނޑުމެން އިންތިހާބަށް ކުރިމަތިލައިގެން މިއުޅެނީ." ރައީސް މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމްއިން ކިނޮޅަހަށް ކުރި ކެމްޕެއިން ދަތުރުގައި އެރަށުގައި ވަނީ ޕީޕީއެމްގެ ޖަގަހައެއް ހުޅުވާފައެވެ. އަދި ޕީޕީއެމް ގެ ޓީމުން އެރަށަށް ވަޑައިގަތުމުން އެރަށުގެ އެންމެން ކަހަލަ ގޮތަކަށް ޕީޕީއެމް ޓީމަށް މަރުހަބާ ދަންނަވާފައިވެ އެވެ.
ރައްޔިތުންނަށް ދަތިވާ އެއްވެސް ކަމެއް ޕީޕީއެމް ސަރުކާރުން ނުކުރާނެ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ