އައްޑޫގައި އެމްވީކޭއަށް ދޫކޮށްފައިވާ ސިޓީ ހޮޓަލުގައި ކަރަންޓު ނެތްތާ ހަތަރު މަސްވެއްޖެ

އައްޑޫ ސިޓީ ގަމުގައި ހުންނަ ދޫގަސް ސިޓީ ހޮޓަލުގައި ކަރަންޓު ނެތްތާ ހަތަރު މަސްވެއްޖެއެވެ.
"ވަގުތަށް" މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ކައުންސިލަރު، އަލީ ފަހުމީ އަހުމަދު ވިދާޅުވީ ދޫގަސް ސިޓީ ހޮޓަލުގައި ކަރަންޓު ނެތްދާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި އެތަނުގައި ކަރަންޓު ނެތި ގިނަ ދުވަސް ވަނީ އެތަން ހަވާލުކޮށްފައި އޮތް ކުންފުނި، އެމްވީކޭ އަށް މާލީ ގޮތުން ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައިވާތީ ކަމަށެވެ. އަދި އަވަސް މުއްދަތެއްގައި އެތަނަށް ކަރަންޓުގެ ހިދުމަތް ލިބޭނެ މަގެއް ފެންނަން ނެތް ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
ދޫގަސްއިން ކަރަންޓު ކަނޑާލާފައިވަނީ ކަރަންޓު ބިލު ނުދައްކައިގެންނެވެ. ނަމަވެސް އެމްވީކޭ އަށް ގުޅޭ ގޮތް ނުވުމުން އެ ހޮޓަލަށް ނުދައްކާ ހުރީ ކިހާވަރެއްގެ ބިލްތަކެއް ކަމެއް ސާފެއް ނުވެއެވެ.
ފަހުމީ ވިދާޅުވީ ދޫގަސްއަށް ކަރަންޓުގެ ހިދުމަތް އަނބުރާ ހޯދައިދިނުމަށް ކައުސިލުގެ ފަރާތުން އެމްވީކޭއާ މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން ކައުންސިލުން އެކޮޅަށް ގޮސްގެން އެކުންފުނީގެ މީހުންނާ އެއްކޮށް ތިބެގެން މިނިސްޓްރީގަ ވާހަކަ ދައްކައި އެއްބަސްވުންތަކެއް އެއްބަސްވެ ހަދާފަ އޮތީ. އެކަމަކު ކުރިއަކަށް ނުއެއްދޭ އެއްބަސްވި ގޮތަށް،" ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވި ގޮތުގައި ކޮށްދިނުމަށް އެދި ސަރުކާރަށް ހުށަހަޅާފައި ހުރި ކަންތައްތައް ކޮށްނުދޭ ކަމަށް އެމްވީކޭއިން ދަނީ ބުނަމުންނެވެ. އެގޮތުން އައްޑޫގެ ބައެއް ރަށްތަކުން ބިން ދޭން ނިންމާފައި އޮތަސް ބިން ދީފައި ނުވާ ކަމަށް އެމްވީކޭއިން ބުނަމުންދާ ކަމަށް ފަހުމީ ވިދާޅުިވިއެވެ. ނަމަވެސް އެބިންތައް އެމްވީކޭއާ ހަވާލުކޮށްފައިވާ ކަމަށް ކައުންސިލަރު ފަހުމީ ވިދާޅުވިއެވެ.
އެތަނުގައި ކަރަންޓު ނެތިވެ ހަތަރު މަސްވެފައިވާއިރު އެ ހޮޓަލުގައި އެމްވީކޭގެ ދެ ބިދޭސީ މުއައްޒަފުން ދިރިއުޅެމުން ދާ ކަމުގެ މައުލޫމާތުވެސް ވަގުތަށް ވަނީ ކަށަވަރުވެފައެވެ.
ދޫގަސްގައި ކަރަންޓު ނެތުމުގެ އިތުރުން އެމްވީކޭއިން އައްޑޫ ސިޓީގައި ދެމުން އައި ބަހުގެ ދަތުރުތަކަށްވެސް ވަނީ މިހާރު ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައެވެ. ބަސް ދަތުރުތައް މިހާރު އޮންނަނީ ވަރަށް މަދުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ