ޕީޕީއެމްއަކީ ވަކި މީހެއްގެ ޕާޓީއެއް ނޫން: މައުމޫން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަކީ ވަކި މީހެއްގެ ޕާޓީއެއް ނޫން ކަމަށް އެ ޕާޓީގެ އިންތިގާލީ ރައީސް ކަމަށް ރޭ ހޮވިވަޑައިގެންނެވި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަދި ޑީއާރްޕީގެ ކުރީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އުފެއްދުމަށް ރޭ ހަ ގަޑި އިރަށް ކުރިއަށްދިޔަ ޖަލްސާ ނިންމަވާލައްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ އެ ޕާޓީއަކީ ވަކި މީހެއްގެ ޕާޓީއެއް ނޫން ކަމަށާއި އެ ޕާޓީއަކީ ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ސިޔާސީ މައިދާނުން ވަކިކަހަލަ ފުރުސަތުތަކެއް ހޯދައިދޭން މަސައްކަތް ކުރާނެ ޕާޓީއެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ޕީޕީއެމް ކުރިއެރުވުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތަކެއް ކުރައްވާނެ ކަމަށެވެ. އެކަމުގައި އަތޮޅުތަކުގެ ތެރޭގައި ތިބި އެންމެހާ ރައްޔިތުންގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ޕީޕީއެމްއަކީ ވަކި މީހެއްގެ ޕާޓީއެއް ނޫން. ޕީޕީއެމްއަކީ ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ސިޔާސީ މައިދާނުން ވަކި ކަހަލަ ފުރުސަތުތަކެއް ހޯދައި ދިނުމަށް، ނުވަތަ ހޯދައިދޭން މަސައްކަތް ކުރާނެ ޕާޓީއެއް ނޫން. ޕީޕީއެމްއަކީ މުޅި ދިވެހި ގައުމަށްޓަކާ އުފެދިގެންދާ ޕާޓީއެއް. މާތްވެގެންވާ އިސްލާމް ދީނަށްޓަކާ އުފެދިންގެދިޔަ ޕާޓީއެއް. މި ޕާޓީ އަބަދުވެސް މަސައްކަތް ކުރާނީ މާތްވެގެންވާ އިސްލާމްދީނަށާއި ދިވެހި ގައުމަށް ހިދުމަތް ކުރުމުގައި،" ރޭގެ ޖަލްސާއަށް ހާޒިރުވި 971 މެންބަރުގެ އިއްތިފާގުން ޕީޕީއެމްގެ އިންތިގާލީ ރައީސް އަކަށް ހޮވިވަޑައިގެންނެވި މައުމޫން ވިދާޅުވި އެވެ.
ޕާޓި އުފެއްދުމަށް ބޭއްވި ޖަލްސާއަކީ ގާނޫނީ އަދަދު ހަމަކޮށްގެން، އިލެކްޝަން ކޮމިޝަންގެ ބޭފުޅުންގެ ލަފާގެ މަތިން ކުރިއަށް ގެންދަން ޖެހުނު ޖަލްސާއަކަށް ވުމުން ރޭ 8:30 ފެށުމަށް ހަމަޖެއްސި ޖަލްސާ ފެށިފައި ވަނީ 10:15ގައި އެވެ.
ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ސީނާ އަހުމަދު ޒާހިރު ރިޔާސަތު ބެހެލެއްޓި ޖަލްސާގައި ވަނީ ޕީޕީއެމްގެ ކުލަ އައި ލޯގޯ ކަނޑައަޅާފަ އެވެ. ރަތް ކުލައާއި އަސްރުމާ ކުލައާއި ގުރާ ފެހި ކުލަ ހުށަހަޅައިގެން، ހާޒިރުވި 971 މެންބަރުންގެ ތެރެއިން 603 މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެފައި ވަނީ އަސްރުމާ ކުލަ ނުވަތަ މެޖެންޓާ ކުލަ އެވެ. ރަތް ކުލައަށް ވޯޓަށް އަހެމުން ލިބުނީ 323 ވޯޓެވެ. ދެވަނަ ވޯޓުން އަސްރުމާ ކުލަ ހޮވުމުން ގުރާ ފެހި ކުލައަކަށް ވޯޓަކަށް ނާއަހެވެ.
ރޭގެ ޖަލްސާއަށް ހުށަހެޅި ފަސް ލޯގޯގެ ތެރެއިން ދެ ވަނައަށް ވޯޓަށް އެހި ލޯގޯ 751 މެންބަރުން ވޯޓްދީގެން ވަނީ ފާސްކޮށްފަ އެވެ. އަހުމަދު މަހުލޫފާއި ހުސައިން މާޒިން ހުށަހަޅައި ފާސްވި ލޯގޯގައި ވަނީ ރުކާއި ކްރެސެންޓެއް ނުވަތަ ހަނދުފަޅިއެކެވެ. ލޯގޯ އާއޮ ކުލަ ފާސް ކުރި ވޯޓުގައި މައުމޫނާއި ނަސްރީނާ ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދު، 88 މާއްދާއެކު ފާސް ވީ ޖަލްސާގައި ތިއްބެވި 971 މެންބަރުންގެ ތެރެއިން 803 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އަދި ހަތަރު ސޮފްހާގެ މެނިފެސްޓޯ ފާސްވެފައި ވަނީ 722 މެންބަރުންގެ ވޯޓުންނެވެ.
ރޭގެ ޖަލްސާގައި ޕީޕީއެމް ގާނޫނީ ގޮތުން ތަމްސީލް ކުރާނީ އެ ޕާޓީގެ އިންތިގާލީ ކައުންސިލް ކަމަށް ފާސްކޮށް، 16 މެންބަރަކު އެ ކައުންސިލަން ވޯޓްލައިގެން ހޮވި އެވެ. އިންތިހާލީ ކައުންސިލަށް ކުރިމަތިލި 26 މެންބަރުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބުނީ ޑީއާރްޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރަށެވެ. އޭނާއަށް 645 ވޯޓް ލިބުނެވެ. އަދި ދެވަނައަށް 624 ވޯޓް ލިބި، އެއްވަރުވެގެން އިންތިގާލީ ކައުންސިލަށް ދެ ބޭފުޅަކު ހޮވުނެ އެވެ. އެއީ މައުމޫންގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި މަޝްހޫރު ގާނޫނީ ވަކީލް އައިޝަތު އާޒިމާ ޝުކޫރަށެވެ. ތިން ވަނައަށް އެ ކައުންސިލަށް ހޮވުނީ މައުމޫންގެ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)، އެވެ. އޭނާއަށް 609 ވޯޓް ލިބުނެވެ. އެ ކައުންސިލަށް ހޮވުނު އަނެއް 13 މެންބަރުންނަކީ މައުމޫންގެ ދޮށީ ދަރިކަލުން އަހުމަދު ފާރިޝް މައުމޫން އާއި ކުރީގެ މިނިސްޓަރު އަނީސާއި އަހުމަދާއި މާޒް އަހުމަދު ސަލީމާއި އިބްރާހިމް ނާޒިމް އާއި ރާޝިދާ ޔޫސުފު އާއި ޑރ. އައިޝަތު ޝިހާމާއި އަހުމަދު ސިއްދީގު އާއި ޑރ. އަބްދުއް ސަމަދު އަބްދުﷲ އާއި މުހައްމަދު ނިމާލް އާއި އަސްމާ ރަޝީދު އާއި އިބްރާހިމް މުއާޒް އަލީ (މުއާ) އާއި އަހުމަދު ނަސީމެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ އިންތިހާބުގައި 11 މެންބަރުން ހޮވި އެވެ. އެ އިންތިހާބުގައި އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ އާއި މާވަށު ދާއިރާގެ މެންބަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ވޯޓް އެއްވަރު ވެގެން އެ ދެ ބޭފުޅުންގެ ވޯޓް އަލުން ލިއެވެ. އެ ވޯޓްގައި އަފްރާޝީމަށް ގިނަ ވޯޓް ލިބިގެން އޭނާ ޕާލަމެންޓްރީ ގުރޫޕަށް ހޮވުނެ އެވެ. ޕާލަމެންޓްރީ ގުރޫޕްގައި ހިމެނޭ އިތުރު 10 މެންބަރުންނަކީ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި ހަނިމާދޫ ދާއިރާގެ މެންބަރު މުހައްމަދު މުޖުތާޒު އާއި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އަރިފް އާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު އާއި ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު އާއި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި އިނގުރާދޫ ދާއިރާގެ މެންބަރު ހަމްދޫން އަބްދުލް ހަމީދު އާއި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އެވެ. ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ހޮވީ އަބްދުﷲ ޔާމިން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ