ޝަރުޢީ ގޮތުން ބޮޑު ނުވާ ކުދިންނަށް ދެން ކައިވެނި ކުރެވޭނީ ސުޕްރީމް ކޯޓުން ހުއްދަ ނަގައިގެން

ޝަރުޢީ ގޮތުން ބޮޑުނުވާ (އުމުރުން 18 އަހަރު ނުފުރޭ) ކުދިން، ކައިވެނި ކުރަން ބޭނުންވާ ނަމަ، މިނިސްޓްރީ އޮފް ފެމިލީ އެންޑް ޖެންޑާރ ގެ އެސެސްމެންޓް ރިޕޯޓަކާއި އެކު ސުޕްރީމް ކޯޓަށް ހުށަހަޅާ، އެކޯޓުން ހުއްދަ ނަގަން ޖެހޭނެ ކަމަށް ނިންމައިފި އެވެ. މިގޮތަށް ނިންމީ އާއިލާ އާއި ބެހޭ ގަވައިދުގެ އިސްލާހުގައެވެ.
މިއަދު ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި  އާންމުކޮށްފައިވާ އާއިލާ އާއި ބެހޭ ގަވައިދުގެ 85 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ 18 އަހަރު ނުފުރޭ ކުއްޖަކު ކައިވެނިކުރަން ބޭނުން ނަމަ އާއިލާއާ ބެހޭ ކޯޓުން ސުޕްރީމް ކޯޓަށް ލިޔެ ހުއްދަ ހޯދަން ޖެހޭނެ ކަމަށާއި ހުއްދައަށް އެދޭއިރު މިނިސްޓްރީ އޮފް ފެމިލީ އެންޑް ޖެންޑާގެ އެސެސްމެންޓް ރިޕޯޓެއްވެސް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މީގެ ކުރިން އެގަވައިދުގައިވަނީ އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކު ކައިވެނި ކުރަން ބޭނުންވާ ނަމަ، އެކަން ކުރެވޭނީ ފެމިލީ ކޯޓުން ކަމަށާއި އެއްވެސް ރަށު ކޯޓަކުން އެކަން ނުކުރެވޭނެ ކަމަށެވެ.
އާއިލާ އާއި ބެހޭ ގަވައިދަށް މިގެނެވުނު އިސްލާހުގެ އިތުރުން އެހެން ގަވައިދަކަށް ވެސް މިއަދު ވަނީ އިސްލާހެއް ގެނެސްފައެވެ. އެގޮތުން އިސްލާހު ކުރެވުނީ ހާކިމުގެ ވަލީއަށް ކައިވެނި ކުރުމުގެ ދެވޭނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށް ކަނޑައަޅައި ގަވާއިދެވެ. އެގޮތުން ހާކިމުގެ ވަލީއަށް ކައިވެނި ކުރުމަށް ފެމިލީ ކޯޓަށް ހުށަހެޅުމުން އެކަން ސުޕްރީމް ކޯޓަށް ހުށަހަޅައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ލަފާގެ މަތިން އެ ހުއްދަ ދޭނީ އުއްތަމަ ފަނޑިޔާރު ކަމަށް އެގަވާއިދުގައި ވަނީ ކަނޑައަޅާފަ އެވެ. މީގެ އިތުރުން ރަށްރަށުގެ ކޯޓުތަކަށް ހާކިމުގެ ވަލީއަށް ކައިވެނި ކުރުމަށް އެދި ހުށަހެޅުމުން ވެސް އުއްތަމަ ފަނޑިޔާރުގެ ހުއްދައާ ނުލައި ކައިވެނި ނުކުރެވޭ ގޮތަށް ގަވާއިދު ވަނީ އިސްލާހުކޮށްފަ އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ