ޤާނޫނާ ޚިލާފުވިކަމުގެ ތުހުމަތުގައި ރާޖަޕަކްސަ ސުޕްރީމް ކޯޓަށް ހާޒިރުވާން އަމުރުކޮށްފި

ސްރީލަންކާގައި މިދިޔަ މަހުގެ ތެރޭގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ތެރޭގައި ޤާނޫނާ ޚިލާފުވި ކަމުގެ ޝަކުވާ ލިބުމުގެ ސަބަބުން، އެޤައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އެޤައުމުގެ ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަމުރުކޮށްފިއެވެ.
ރައީސް މަހިންދަ ރާޖަޕަކްސަ ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަމުރު ކޮށްފައި ވަނީ، އެޤައުމުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ފްރަންޓްލައިން ސޯޝަލިސްޓް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު ދުމިންދާ ނަވަގަމުވާ ހުށަހެޅުއްވި ޕެޓިޝަނަކާ ގުޅިގެންނެވެ.
ސުޕްރީމް ކޯޓަށް ދުމިންދާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުން ފެށިގެން، ވޯޓުލީ އަށްވަނަ ދުވަހާ ވިދިގެން އައި ނުވަވަނަ ދުވަހު ނަތީޖާ ކަށަވަރު ވަންދެން، އެޤައުމުގެ އެކި ސަރަހައްދުތަކުގައި އަސްކަރިއްޔާގެ ސިފައިން ނެރެ ބައިތިއްބާފައިވާ ކަމަށެވެ.
އަދި ރިޔާސީ އިންތިޚާބާ ދިމާކޮށް އެފަދައިން ސިފައިން ނެރުމަކީ، ސިފައިންގެ އިސްވެރިޔާގެ ހައިސިއްޔަތުން ރާޖަޕަކްސާ މަގާމުގެ ނާޖާއިޒު ފައިދާ ނެގުން ކަމަށާއި، އެކަމުގެ ސަބަބުން ބައެއް ކެންޑިޑޭޓުންނަށާއި، ވޯޓުލާން ނުކުތް އެތައް ބައެއްގެ އަސާސީ ހައްގުތައް ގެއްލިފައިވާ ކަމަަށް އެ ޕެޓިޝަނުގައި ދުމިންދާ ވިދާޅުވިއެވެ.
އުއްތަަމަފަނޑިޔާރު ކޭ ސްރީޕަވަންއާއި އިތުރު ދެ ފަނޑިޔާރުން ހިމެނޭ ބެންޗަކުން ސޮއި ކުރައްވައި ނެރުނު މި އަމުރުގައި ބުނެފައި ވަނީ، ރައީސް ރާޖަޕަކްސަ ސުޕްރީމް ކޯޓަށް، އަންނަ މާރިޗު މަހުގެ 31 ވަނަ ދުވަހު ހާޟިރުވާން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ