ޓޫރިޒަމް ދާއިރާ އިން ދިވެހިން ތަމްރީނުކުރުމަށްޓަކައި ރާއްޖޭގެ އުތުރާއި ދެކުނުގައި ޓްރޭނިން ރިސޯޓްތަކެއް ތަރައްގީކުރުމަށް މި އަހަރު ތެރޭގައި ދޫކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވައިދެއްވުމަށް ބުރާސްފަތި ދުވަހު ހެނދުނު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، އުތުރާއި ދެކުނުގައި ޓްރޭނިން ރިސޯޓްތަކެއް ތަރައްގީކުރަނީ، ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާކުރުމުގެ ފުރުސަތުތައް ވީހާ ގިނަ ދިވެހިންނަށް ލިބިދިނުމުގެ ގޮތުން ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ޓޫރިޒަމްގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދިވެހި ރައްޔިތުންގެ އެއްބާރުލުމާއެކު، ރާއްޖޭގެ ޓޫރިޒަމް މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާކުރެވި ތަރައްގީކުރެވިފަ އެވެ. އަދި މިިދިޔަ ވަނަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގައި ވަރަށް ކާމިޔާބު އަހަރެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
މުޅި ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް އެންމެ މަންފާ ލިބެނިވި ގޮތެއްގެ މަތިން ޓޫރިޒަމް ކުރިއެރުވުމަށް ބޭނުންވާ އިތުރު ރިސޯޓްތައް ތަރައްގީކުރުމަށްޓަކައި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ގިނަ ރަށްތަކެއް ކުއްޔަށް ދީފައިވާކަން ރިއާސީ ބަޔާނުގައި ފާހަގަކުރެއްވި އެވެ. އަދި އޭގެ ތެރެއިން ބައެއް ރިސޯޓްތައް މި އަހަރު ތެރޭގައި ހުޅުވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ކުރުނބާ ވިލެޖާއި ބަނޑޮސް އައިލެންޑް ރިސޯޓާ އެކު 1972 ވަނަ އަހަރު ރާއްޖެ އަށް ތައާރަފްވެގެން ދިޔަ ޓޫރިޒަމްގެ ސިނާއަތަކީ މިހާރު ރާއްޖެ އަށް އެންމެ ގިނައިން ބޭރު ފައިސާ ލިބޭ އާމްދަނީގެ ވަސީލަތެވެ. ޖީޑީޕީ ނުވަތަ ގައުމީ އާމްދަނީގައި ޓޫރިޒަމްގެ ހިއްސާއަކީ 20 ޕަސެންޓް ކަމަށްވާއިރު މިހާރު ރާއްޖޭގައި ހިނގަމުންދާ 87 ރިސޯޓް އެބައޮތެވެ. އެންމެ ފަހުން ރާއްޖޭގައި ހުޅުވުނީ އައްޑު އަތޮޅު ހެރަތެރަ އައިލޭންޑް ރިސޯޓެވެ.
މި އަހަރުގެ ރިއާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވި ގޮތުގައި ޓޫރިޒަމްގެ ސިނާއަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުން ބިނާވެފައި ވަނީ ރާއްޖޭގެ ރީތި ތިމާވެއްޓާއި ދިވެހިންގެ މެހެމާންދާރީ އާއި ރާއްޖޭގެ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަމުގެ މައްޗަށެވެ. އެހެންކަމުން އެކަންކަން ދެމެހެއްޓުމަކީ މިއަދު ކޮންމެ ދިވެއްސެއްގެ ވެސް ވާޖިބެއް ކަމުގައި ރައީސް ވިދާޅުވި އެވެ.
ޒުވާނުންނަށް ލިބޭ ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށްޓަކައި ގައުމީ ޓެކްނިކަލް ވޮކޭޝަނަލް އެޑިޔުކޭޝަން ކޯސް ހިންގާ މަރުކަޒެއް މި އަހަރުގެ ތެރޭގައި އުފައްދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ގައުމުގެ އެކި މައިދާންތަކުގައި މުޖްތަމައަށް ފައިދާކުރަނިވި ގޮތެއްގެ މަތިން ޒުވާނުން ހިއްސާކުރާ މިންވަރު އިތުރު ކުރުމަކީ ސަރުކާރުގެ އިޖްތިމާއީ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި ދެވޭ ތައުލީމުގެ ފޭރާން ހެޔޮކޮށް މަތީ ތައުލީމުގެ ފުރުސަތުތަކާއި ފަންނީ ތައުލީމާއި މަސައްކަތްތެރިކަމާ ގުޅޭ ތައުލީމުގެ ފުރުސަތުތައް އިތުރުކުރުމާއި ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމާއި ފަންނީ ދިވެހިން ވަޒީފާގައި ދެމެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަކީ ވެސް އިޖްތިމާއި ސިޔާސަތުގައި ސަރުކާރުން މި އަހަރު އިސްކަން ދެއްވާނެ ކަމެކެވެ.
ރިޔާސީ ބަޔާން 2008: ޓޫރިޒަމް ދާއިރާ އަށް މީހުން ތަމްރީނުކުރުމަށް އުތުރާއި ދެކުނުގައި ޓްރޭނިން ރިސޯޓްތަކެއް ތަރައްގީކުރުމަށް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ