ރައީސްގެ މެމްބަރު އިމާދު ސޯލިހުގެ މައްޗަށް ޅ. މެންބަރު ހުސެއިން އިބްރާހިމް އަބުރުގެ ދައުވާއެއް ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު އަދި އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު އިމާދު ސޯލިހުގެ މައްޗަށް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ޅ. އަތޮޅު މެންބަރު ހުސައިން އިބުރާހިމް، އަބުރުގެ ދައުވާއެއް ކުރައްވައިފި އެވެ.
ޅ. ކުރެންދޫ، ބޮޑުގަސްދޮށުގޭ ހުސެން އިބުރާހިމްގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު މިއަދު މެންދުރު ވިދާޅުވީ، އައްޑު އަތޮޅު ފޭދު އަށް އުފަން، ވ. އެދުރުވެހީ އިމާދު ސޯލިހުގެ މައްޗަށް އަބުރުގެ ދައުވާ ކުރެއްވެވީ މިއަދު ބޭއްވި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ 164 ވަނަ ޖަލްސާ ނިމުނު ފަހުން އެ މަޖިލީހުގެ މެންބަރުންގެ ތެރޭގައި އޭނާގެ މުވައްކިލު، ހުސައިން އިބްރާހިމް ހުންނަވަނިކޮށް އިމާދު ސޯލިހު ވަޑައިގެން ހުސައިން އިބުރާހިމްގެ އަބުރާ ބެހިވަޑައިގެންފައިވާތީ ކަމަށެވެ.
ހުސައިން އިބްރާހިމްގެ ފަރާތްޕުޅުން ކޯޓަށް ހުށަހެޅުއްވި ދައުވާގެ ހުލާސާގައި ބަޔާންކޮށްފައި ވަނީ " 23 ޖުލައި 2007 ދުވަހު އޮތް ރައްޔިތުންގެ ހާއްސަ މަޖިލިސް ޖަލްސާ ނިމިގެން މަޖިލިސްކުރާ ގޭތެރޭގައި މަޖިލީހުގެ މެންބަރުންގެ ތެރޭގައި އަޅުގަނޑު ހުއްޓާ މި މައްސަލައިގައި ދައުވާ ލިބޭ އިމާދު ސޯލިހު އަޅުގަނޑާ މުހާތަބުކޮށް "އޭ މިހިރަ ނގބޅ އޭ ގޮވައި އަޅުގަނޑުގެ ޝަހުސުގެ ކަރާމަތް ކަނޑައި މެންބަރުންގެ ކުރިމަތީގައި އަޅުގަނޑު ކުޑައިމީސްކޮށް އަގުވައްޓާލާފައިވާތީ އިމާދު ސޯލިހުގެ މައްޗަށް އަބުރުގެ ދައުވާކުރަމެވެ."
އިމާދު ސޯލިހުގެ މައްޗަށް ހުސެން އިބްރާހިމް ހުށަހެޅުއްވި މައްސަލައިގައި އޭނާ އެދިވަޑައިގެންފައި ވަނީ އޭނާ އަކީ ރައްޔިތުން އިންތިހާބުކޮށްފައިވާ ވަކީލަކަށް ވީހިނދު އޭނާގެ އަގު ރައްޔިތުންގެ ހާއްސަ މަޖިލީހުގެ އެހެން މެންބަރުންގެ ހާޒިރުގައި ވައްޓާލާފައި ވާތީ ލިބިފައިވާ ގެއްލުމުގެ ބަދަލުގައި 5،000ރ. ޝަރީއަތުން ނަންގަވައިދެއްވުމަށެވެ.
މި އަހަރު އަމަލުކުރައްވަން ފެށި އަބުރުގެ ބަދަލު ނަގައިދިނުމުގެ ގަވައިދުގެ ދަށުން އަބުރުގެ ބަދަލުގައި އެންމެ ބޮޑު އަދަދަކަށް ނަގައިދެވޭނީ ގާނޫނުލް އުގޫބާތުގައި ވެސް ކަނޑައަޅާފައި އޮންނަ އަދަދު 5،000ރ. އެވެ.
މި ދައުވާ މިއަދު މަދަނީ ކޯޓަށް ހުށަހެޅުއްވިކަން އެ ކޯޓުން ވެސް ކަށަވަރުކޮށްދެ އެވެ. އަދި ދައުވާއާ އެކު ހުސެން އިބުރާހިމްގެ ފަރާތްޕުޅުން ވަނީ ފަސް ހެއްކަކު ވެސް ހުށަހަޅުއްވައިފަ އެވެ. އެއީ ހާއްސަ މަޖިލީހުގެ ހދ. މެންބަރު މ. އުނިމާގޭ އަހުމަދު އާދިލާއި ރައްޔިތުންގެ މަޖިލީހުގެ ޅ. އަތޮޅުގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މ. އަތޮޅު މެންބަރު އަހުމަދު ސުލައިމާނާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ފ. އަތޮޅު މެންބަރު އިބްރާހިމް އަހުމަދާއި ރައްޔިތުންގެ މަޖިލީހުގެ ކ. އަތޮޅު މެންބަރު އިސްމާއީލް އަބްދުލް ހަމީދެވެ.
އިމާދު ސޯލިހު މިއަދު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ކުރެވޭ ޒުވާބަކާ ގުޅިގެން މަދަނީ ކޯޓާ ހަމައަށް ވަޑައިގެންނަވަން ޖެހޭނެ ކަމަށް އޭނާ ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ނަމަވެސް ކޯޓަށް މައްސަލައެއް ހުށަހަޅައިފި ނަމަ އެ މައްސަލަ އަކާ ކުރިމަތިލެއްވުމަށް އޭނާ ތައްޔާރަށް ހުންނެވި ކަމަށެވެ.
"އަޅުގަނޑަކަށް ނޭނގޭ އެއް ގޮތަކަށް ވެސް ހުސައިން އިބުރާހީމާ ދިމާއަށް އެފަދަ އިބާރާތެއް ބޭނުންކުރެވުނު ކަމެއް، އެކަމު އަޅުގަނޑު ދެންނެވިން ހުސައިން އިބުރާހީމޭ ބައްލަވާށޭ، އެހެން އަޅުގަނޑު ދެންނެވީމާ ބަޅ ކިޔާ ކަމަށް ހީފުޅުކުރެއްވެންޏާ އެއީ ބަޅ، ދެއްތޯ؟!" އިމާދު ވިދާޅުވި އެވެ. "އަޅުގަނޑަށް ހީވަނީ މުޅި މަޖިލިސްތެރޭގައި ވެސް ޝަހުސިއްޔަތަށް ބުރޫ އަރާ ވާހަކަހެން ދެއްކެނީ،"
ހާއްސަ މަޖިލީހުގެ މިއަދުގެ ޖަލްސާ ހުއްޓާލެއްވިކަން ރިޔާސަތުން ރައީސް ގާސިމް އިބްރާހީމް އިއުލާން ކުރެއްވުމާ އެކު އެމްޑީޕީ އާއި ޑީއާރުޕީގެ ބައެއް މެމްބަރުންގެ މެދުގައި ހޫނުކޮށް ޒުވާބު ހިނގި އެވެ. އެގޮތުން ވަޒީރުންގެ މަޖިލީހުގެ މެމްބަރު އަދި އިންފޮމޭޝަން މިނިސްޓަރު މުހައްމަދު ނަޝީދާއި ޅ. މެމްބަރު އަދި އެމްޑީޕީގެ މެމްބަރު ހުސެއިން އިބްރާހީމާ ދެމެދު އަރައިރުން ހިނގި އެވެ. އަދި އެ ވަގުތު އިމާދު ސޯލިހު ވެސް ހުސެއިން އިބްރާހީމާ ދިމާލަށް އެއްޗެއް ވިދާޅުވިތަން ގެލެރީގައި ތިބި ބައެއް މީހުންނަށް ވެސް ފެނުނެވެ. އަދި އެގޮތަށް އެއްޗެއް ވިދާޅުވުމާ އެކު އިމާދު ސޯލިހުގެ ފަހަތްޕުޅުން ލ. މެމްބަރު ރީކޯ މޫސާ މަނިކު ވަޑައިގަންނަވަން އުޅުއްވުމުން، އޭނާ ހުއްޓުވީ އެހެން މެމްބަރުންގެ އެހީތެރިކަމާ އެކުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ